ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ގެކޮޅު، ކެނެރީގޭ ފާރުގައި އިންޑިޔާ އައުޓް ޖެހި މީހާ ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްމޮށްފިއެވެ.
މެއި މަހުގެ 31 ވަނަ ދުވަހު ކެނެރީގޭ ފާރުގައި އިންޑިޔާ އައުޓް ޖެހި މައްސަލާގައި ދައުވާ އުފުލާފައިވަނީ ނ. މިލަދޫ ނޫއަލީ ޢަބްދުﷲ އަލީ ކިޔާ މީހެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވަނީ މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލައިގެ ޝަރީއަތުގައި ޢަބްދުﷲ އަލީވަނީ އޭނާ ކެނެރީގޭ ފާރުގައި އިންޑިޔާ އައުޓް ޖެހި ކަމަށް އިއުތިރާފުވެފައެވެ. އޭނާ ދައުވާއަށް އިއުތިރާފުވުމުން އޭނާގެ އަދަބު ކްރިމިނަލް ކޯޓުގެ ގާޒީވަނީ ލުއިކޮށްދީފައެވެ.
އޭނާގެ މައްޗަށް އަސާސީ އަދަބެއްގެ ގޮތުގައި 2 މަހާއި 12 ދުވަސް އައިނަމަވެސް އޭނާގެ ކުށުގެ ރެކޯޑެއް ނެތުމާއި، ކުށަށް އިއުތިރާފުވެފައިވާތީ އޭނާގެ މައްޗަށް ކުރީ ލުއި ހުކުމެކެވެ. މި ގޮތުން، އޭނާގެ މައްޗަށް ކޮށްފައިވަނީ 1 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.
ކްރިމިނަލް ކޯޓުން އާދިއްތަ ދުވަހު މި ހުކުމް ކުރީ ޤާޟީ އަލީ ނަދީމްއެވެ.
ކޮމެންޓު ފޮނުވާ