ޓައިވާނުގެ އިރުދެކުނު ސަރަހައްދަށް 6.9ގެ ބާރުމިނުގެ ބިންހެލުމެއް އައިސް، ބިންހެލުން އައި ސަރަހައްދުގެ ވަށައިގެން 300 ކިލޯ މީޓަރުގެ ސަރަހައްދުގެ އައްސޭރި ފަށަށް ސުނާމީ އަތުވެދާނޭކަމުގެ އިންޒާރު ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސާވޭ (USGS)އިން ދީފިއެވެ.
މި ބިންހެލުން އައިސްފައިވަނީ ޓައިވާން ރަށްފުށު ސަރަހައްދެއް ކަމުގައިވާ ޗިޝަން ޓައުންޝިޕްގެ 10 ކިލޯމީޓަރު ފުނަށެވެ.
ޓައިވާނަށް އައި މި ބިންހެލުމުގެ ސަބަބުން ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އޭޖެންސީން ވަނީ، އިރުމަތީ ޗައިނާ ކަނޑުގައި އޮންނަ އެގައުމުގެ ރަށެއް ކަމުގައިވާ މިޔާކޯ އައިލޭންޑަށްވެސް ސުނާމީގެ އިންޒާރު ދީފައެވެ. އެހެންނަމަވެސް ފަހުންވަނީ މި އިންޒާރު ކެންސަލް ކޮށްފައެވެ.
ޓައިވާނަށް އައި ބާރުގަދަ މި ބިންހެލުމަށްފަހު ޓައިވާންގެ ދެނުކުގެ ސަރަހައްދުތަކުގައި އިމާރާތްތައް ބިމާހަމަވެފައިވާ މަންޒަރުތައް ފޮޓޯތަކުންވަނީ ފެނިފައެވެ. USGS އިން އެންމެ ފުރަތަމަ މި ބިންޖެހެލުމުގެ ބާރު މިނެއްކަމުގައި ބުނެފައިވަނީ ރެކްޓަރ މިންގަޑުން 7.2 އެވެ. އެހެންނަމަވެސް ފަހުންވަނީ ބިންހެލުމުގެ ބާރުމިނަކީ 6.9 ކަމުގައި ބުނެފައެވެ.
ޓައިވާންގެ ރަސްމީ ސެންޓަރަލް ނިއުސް އޭޖެންސީ (CNA)އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ބިންހެލުމުގެ ސަބަބުން ވެއްޓުނު އިމާރާތްތަކުގެ ދަށުގައި 3 މީހަކު ވަނީ ތާށި ވެފައެވެ. އަދި 4 ވަނަ މީހަކު ވަނީ ސަލާމަތް ކޮށްފައެވެ. މީގެ އިތުރުން ބިންހެލުން އައި ވަގުތު މި ސަރަހައްދުން ދަތުރު ކުރަމުންދިތަ ރޭލެއް ދަގަޑުން ކައްސާލުމުގެ ސަބަބުން 20 ޕަސެންޖަރަކު ރައްކާތެރި ސަރަހައްދުތަކަށް ބަދަލު ކޮށްފައި ވާކަމުގައި ޓައިވާން ރެއިލްވޭ އެޑްމިނިސްޓްރޭޝަންއިން ހާމަ ކޮށްފައި ވެއެވެ.
މި ބިންހެލުމަށްފަހު، ޓައިވާންގެ ރައީސް ސައި އިން ވެންގ ވަނީ އެގައުމުގެ ސެންޓްރަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު އޮޕަރޭޝަނަށް ގެނެސްފައެވެ.
ރެކޯޑް ކޮށްފައިވާ ސްޓޭޓަމަންޓެއްގައި ސައިވަނީ، ބިންހެލުމަށްފަހު އާފްޓަރޝޮކްތައް އަތުވެދާނެތީ ސަމާލުވެ ތިބުމަށް ގޮވާލައްވާފައެވެ.