19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ކުރި "އެޖެންޑާ 19″ގެ އުންމީދުތައް ހަގީގަތަކަށް ނުވިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް އަދި ރައްޔިތުންގެ ވަރަށް ގިނަ އުންމީދުތަކާއިއެކު އިންތިޚާބުވި މެމްބަރުން ހިމެނޭ މަޖިލީހެކެވެ. މަޖިލިސް ތެރެއިން ސަރުކާރުން ބޭނުންވާ ކަމެއް ބޭނުން ގޮތަކަށް ކުރެވޭނެ ވަރުގެ ތަނަވަސް އައުލަބިއްޔަތެއް އޮވެމެ އެންމެ އެކަށީގެންވާ ގޮތަށް މަޖިލިސް ތެރެއިން މަސައްކަތް ނުކުރެވޭކަމަށް މަޖިލިސް ރައީސްވަނީ އެެއްބަސްވެ ވަޑައިގެންފައެވެ.
އައްޑޫ ސިޓީއަށް ރައީސް ނަޝީދު މިހާރު ކުރަމުންދާ ދަތުރުގެ ތެރެއިން "އައްޑޫ އޮންލައިން" އަށް ދެއްވި އިންޓަރވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ 19 ވަނަ މަޖިލިސް އިންތިޚާބުވީ ވަރަށް ގިނަ ވައުދުތަކެއްވެ ރައްޔިތުންނަށް ގިނަ އުންމީދުތަކެއް ދީގެންކަމަށެވެ.
ރައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ ތެރެއިން ވަކިވަކި ކަންކަމަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައާއި، މަސްވެރިންނަށް ހެޔޮ ގޮތްތަކެއް ހޯދުމަށް ވެފައިވާ ވައުދުތަކާއި، ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ހެދުމަށް ވެފައިވާ ވައުދުތައްވެސް އަދި ހުރީކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެޖެންޑާ 19ގައި ރައްޔިތުންނާއި އަދި އެމްޑީޕީގެ މެމްބަރުންވެސް އުންމީދުކުރި ހިސާބަށް ދެވުނުކަމަށް ދަންނަވަން ދަތިކަމަށެވެ.
އެމްޑީޕީގެ ހަޔާތުގައި އެހެން ސިޔާސީ ޕާޓީތަކުގެ މައްޗަށް ދެން ހޯދި އެންމެ ބޮޑު ކާމިޔާބީ އަކީ މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހޯދި ނަތީޖާއެވެ. ރާއްޖޭގެ ތާރީޚުގައިވެސް އެއް ޕާޓީއެއްގެ އެންމެ ގިނަ މެމްބަރުން މަޖިލީހަށް އިންތިހާބުވި ޕާޓީއަކީ އެމްޑީޕީއެވެ. އެމްޑީޕީން ވަނީ އިތުރު ކޯލިޝަނަކާނުލައި 65 ގޮނޑި ހޯދާފައެވެ.
ނަމަވެސް މަޖިލިސް ތެރެއިން މިހާރު ފެނިގެންދާ ވާދަވެރިކަމުގައި ރައީސް ނަޝީދާއި، ރައީސް ޞާލިހަށް ތާއީދު ކުރާ މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވުން ބޮޑުވެ، ސަރުކާރުން ބޭނުންވާ ސްޕީޑުގައި ކަންކަން ކުރުމަށް މަޖިލިސް ތެރެއިން ހުރަސްތަކެއް އޮތްކަމަށް ސަރުކާރަށް ތާއީދުކުރާ މެމްބަރުން ދަނީ ވިދާޅުވަމުންނެވެ.
މިޚިޔާލު ތަފާތު ވުންތަކުގައި މަޖިލީހުގެ ފަހު ދައުރުގެ މަސައްކަތް ފެށުމުގެ ކުރިން މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ބޭނުންވާ އަދަދަށް ސޮއިވެސް ހަމަކޮށްފައިވެއެވެ.