ރައީސްކަން ކޮށްގެން ބޮނޑި ލިބޭތީ ނަޝީދު ރިޔާސީ ޕްރައިމަރީއާވެސް ދުރަށް! ޗޮއިސްއަކަށް ރައީސް ސާލިހު!

ރައީސްކަން ކޮށްގެން ބޮނޑި ލިބޭތީ ނަޝީދު ރިޔާސީ ޕްރައިމަރީއާވެސް ދުރަށް! ޗޮއިސްއަކަށް ރައީސް ސާލިހު!

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އެމްޑީޕީ އެތެރޭގެ ސިޔާސީ ކޯޅުން އުފެދި، ޕާޓީ ދެބަޔަކަށް ބެހިންގެން ގޮސްފައިވާއިރު، އެ ޕާޓީގެ އެތެރޭގެ މި ސިޔާސީ ކޯޅުމުގެ ހަގީގީ އަސްލަކީ 2023ގެ ރިޔާސީ ޓިކެޓްކަން، ޕާޓީގެ ލީޑަރުން ފާއިތުވެދިޔަ ތަނުގައި ދައްކާފައިވާ ވާހަކަތަކުން އޮތީ ޝައްކެއް ނެތް މިންވަރަށް ކަށަވަރުވެ ޔަގީން ވާށެވެ.

މިގޮތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފާއިތުވެދިޔަ ތަނުގައި ވަނީ، އެޕާޓީގެ 2023ގެ ރިޔާސީ ކެނޑިޑޭޓަކު ހޮވުމަށް ރިޔާސީ ޕްރައިމަރީއެއް ބާއްވަން ޖެހޭނެކަމަށް ވިދާޅުވެ، ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނޭކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި އަންނަ އޮކްޓޯބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނޭކަމަށް ވިދާޅުވެ ތަކުރާރުކޮށް ވާހަކަ ދެއްކެވި ނަމަވެސް، އެއާއެކު ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށްވެސް ނަޝީދު ގެންދެވީ މަސައްކަތް ކުރައްވަމުންނެވެ. އަދި ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ކުރެވެމުން އަައި މަސައްކަތްތަކާއެކުވެސް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނޭކަމަށް ނަޝީދި ގެންދެވީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ހަމަ މިބީދައިން ރައީސް ސާލިހުވެސް ވަނީ، ކުރިޔަށް އޮތް ރިޔާސީ އިންތުޚާބުގައި އެމްޑީޕީއަށް އޮތް ޗޮއިސްއަކީ އެކަނިކްފާނުކަމަށް ވިދާޅުވެ، ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވަދަކުރައްވާނޭކަމަށް އިއުލާން ކުރައްވާފައެވެ.

ރައީސް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަހަކަ ދައްކަވަނީ

ހަމައެއާއެކު، އެމްޑީޕީން މިހާރުވަނީ ރިޔާސީ އިންތިޚާބުގެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އައްޔަން ކުރުމަށްޓަކާ، އަސާސި ގަވާއިދުގައި ވާގޮތުގެމަތިން ބާއްވަންޖެހޭ ރިޔާސީ ޕްރައިމަރީ އަންނަ އޮކްޓޯބަރުމަހު ބާއްވާނޭކަންވެސް އިއުލާން ކޮށްފައެވެ.

އެހެންކަމުން ބެލެވޭ ގޮތުގައި އެންމެ ލަސްވެގެންވެސް އަންނަ މަހު އެމްޑީޕީން ރިޔާސީ ކެނޑިޑޭޓަކު އައްޔަންކޮށް، ރަސްމީކޮށް ޕާޓީގެ ރިޔާސީ ކެމްޕޭން ފެށިގެން ދާނެއެވެ.

 

ރައީސްކަން ކޮށްގެން ބޮނޑި ލިބޭތީކަމަށް ވިދާޅުވެ، ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނޭކަމަށް ވިދާޅެއް ނުވި!

ނަޝީދު މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ، އެރަށުގައި ހުންނަ އެމްއެންޔޫ ކެމްޕަސްއިން، ތިމާވެއްޓާބެހޭ ފޯރަމެއްގައި ބައިވެރިވުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކަށް ވީނަމަވެސް، މިދަތުރުފުޅުގައި ވަނީ ދޮރުން ދޮރަށް ހިންގަވާ އަދި އައްޑޫގެ އެމްޑީޕީގެ ބައެއް މެމްބަރުންނާވެސް ބައްދަލު ކުރައްވާފައެވެ.

މިގޮތުން ބޭއްވި ބައެއް ބައްދަލުވުންތަކުގައި އެމްޑީޕީގެ ބައެއް މެމްބަރުން ނަޝީދުއާއި ކުރިމަތި ކުރުވި ސުވާލަކީ ކުރިޔަށް އޮތް އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނޭތޯއެވެ. އެމްޑީޕީގެ އާންމު މެމްބަރުން މި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވެފައިވަނީ ރާއްޖޭގެ ރައީސްކަން ކޮށްގެން އަނެއްކާވެސް ލިބޭނީ ބޮނޑިއެއް ކަމަށެވެ.

އިއްޔެ ހަވީރު ސ. މަރަދޫގައި ތިބި އެމްޑީޕީގެ މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި މީހަކު ވަނީ މިސަރުކާރަށް 4 އަހަރު ވެގެންދާއިރު އައްޑޫ ސިޓީއަށް ވެފައިވާ އެއްވެސް ވައުދެއް ފުއްދިފައި ނުވާކަމަށެވެ. މިކަންކަމާއި ރައްޔިތުން ވަރަށް ބޮޑަށް މާޔޫސް ވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މިވާހަކަތަކާއި ގުޅިގެން ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައީސްކަން ކޮށްގެން އަނެއްކާ ލިބޭނީ ބޮނޑިއެއް ކަމަށާއި އަދި ބަރުލަމާނީ ނިޒާމެއްގައި ނޫންގޮތަކަށް ރާއްޖޭގައި ވެރިކަން ހިންގޭނެ ކަމަށް ލަފާ ނުކުރައްވާ ކަމަށެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށާއި އަދި އެކަން ކާމިޔާބު ކުރައްވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. އަދި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ވުރެ މުހިއްމު ވެގެން އަންނަން ޖެހޭނީ ބަރުލަމާނީ އިންތިހާބު ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

މިހާރު އައްޑުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނަޝީދު އައްޑޫގެ އެމްޑީޕީގެ ބައެއް އެކްޓިވިސްޓުންނާ ބައްދަލު ކުރައްވަނީ

އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ރައީސްކަން ކޮށްގެން އަނެއްކާވެސް ލިބޭނީ ބޮޑިއެއް. އެކަމު ރާއްޖޭގައި ބަރުލަމާނީ ނިޒާމެއްގައި، ޕާލިމަންޓްރީ ނޫން ނިޒާމެއްގައި ވެރިކަން ހިންގޭނެ ކަމަކަށް އަޅުގަނޑަކަށް ލަފައެއް ނުކުރެވޭ. ތިބޭފުޅުން އަޅުގަނޑުދެކެ ރުޅި އަންނާނެ. އަޅުގަނޑަށް ފެންނަ ފެނުމުގައި ނިޒާމު ބަދަލު ކުރުމުގެ މަސައްއަކަތް އަޅުގަނޑު ކުރާނެ. ދެން އަޅުގަނޑު ދެކޭނީ އަޅުގަނޑަށް ކާމިޔާބު ވާނެކަމަށް. އަޅުގަނޑު ދެކޭނީ ރިޔާސީ އިންތިޚާބަށްވުރެ އިސްކަންދޭންވީ ނިޒާމީ އިންތިޚާބަށް ކަމަށް.

ފާއިތިވެދިޔަ ތަނުގައި، ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލު ނުކުރެވުނަސް ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނޭކަމަށް ނަޝީދު ވިދާޅުވަމުން ގެންދެވިނަމަވެސް، އަލުން އަނެއްކާ ރާގު ބަދަލު ކުރައްވާ، ކުރިޔަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަ ނުކުރައްވާނޭކަމުގައި ނަޝީދު އިޝާރާތް ކުރެއްވުމުން، ގިނަބަޔަކު މިހާރު ގަބުލޫކުރަނީ، ފާއިތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި، އެކި ގޮތްގޮތަށް އަމާޒު ބަދަލު ކުރައްވާ ވާހަކަ ދައްކަވާފައިވާ ބީދައިން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމާއި ގުޅޭގޮތުން ނަޝީދު އަނެއްކާވެސް ވިސްނުން ބަދަލު ކުރެއްވީ ކަމުގައެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އާންމު ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް ގޮވާލާ ނަޝީދު ވަނީ ދާދިފަހުން ނިމިގެންދިޔަ އެމްޑީޕީގެ ކޮންގްރެސް އަށް ގަރާރެއް ވެސް ހުށަހަޅުއްވާފައެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކުރެވުނު މަޝްވަރާތަކަށްފަހު އެ ގަރާރުގެ މަސައްކަތް ކުރިއަށް ނުގެންދަން ފަހުން ވަނީ އެއްބަސްވެވަޑައިގެންފައެވެ.

 

ޕްރައިމަރީގައި ވާދަ ކުރެއްވިޔަސް ބަލިވާނެ!

ރައީސް ސާލިހު ދެކެ ކޯފާވެ ހުންނަވާ، އެކީގައި ދެން މަސައްކަތް ނުކުރައްވާނޭކަމަށް ވިދާޅުވެ ފާއިތުވެދިޔަ ތަނުގައި ނަޝީދުވަނީ އެތައް މޭރުމަކުން ވާހަކަ ދައްކަވާފައެވެ. އެންމެފަހުން، "ދެން ދުވަހަކުވެސް ރައީސް ސާލިހާއެކު ސިޔާސީ މަސައްކަތެއް ނުކުރައްވާނޭ ކަމަށް" ވިދާޅުވި ނަމަވެސް އެ މޭރުމުން ދެއްކެވި ވާހަކަވެސް ފަހުންވަނީ އެތައް ގޮތަކަށް ބަދަލު ކުރައްވާ ވާހަކަ ދައްކަވާފައެވެ.

އެއަށްފަހު، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ނުކުރެވިއްޖެނަމަ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ނުކުރެއްވޭނެކަމަށް ވިދާޅުވެ ދެއްކެވި ވަހަކަވެސް ބަދަލު ކުރައްވާ، ފާއިތުވެދިޔަ ކޮންގްރެސްގައި ވިދާޅުވެފައިވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނަކަމަށެވެ.

ހަމަ އެ ކޮންގްރެސްގައި، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ކޮންގްރެސްއިން ތާއީދު ނުކޮށްފިނަމަ، ޕާޓީއައެކު ނުހުންނަވާނޭކަމަށް ވިދާޅުވި ނަމަވެސް، ކޮންގްރެސް ނިންމުމުގެ ޖަލްސާގައި ވިދާޅުވެފައިވަނީ، އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި, ކޮންގްރެސްގައި ދެރައީސުން އެއްގަލަކަށް އެރިނަމަވެސް, އެއީ ލިބިގެންދިޔަ ވަގުތީ ހައްލެއް

ހަމަ މި ބީދައިން، އެމްޑީޕީގެ ކުރިޔަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނޭކަމަށް ފާއިތުވެދިޔަ ތަނުގައި ތަކުރާރުކޮށް ވިދާޅުވިނަމަވެސް، ރާގު ބަދަލު ކުރައްވާ މިހާރު ވިދާޅުވަމުން ގެންދަވަނީ، ރައީސްކަން ކޮށްގެން ބޮޑި ލިބެމުންދާތީ މިހާރު ބޭނުންފުޅުވަނީ، ރިޔާސީ ޕްރައިމަރީގެ ވިސްނުމާއި ދުރަށް ވަޑައިގަތުމަށް ކަމުގައެވެ.

އެހެންނަމަވެސް، ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި، ރިޔާސީ ޕްރައިމަރީގައި ވާދަކޮށްގެން، އެމްޑީޕީގެ އެތެރޭގައި ނެގޭ ވޯޓެއްގައި ރައީސް ސާލިހު ބަލި ނުކުރެއްވޭނެކަން ނަޝީދަށްވަނީ މިހާރު ޔަގީން ކުރެއްވިފައެވެ. އަދި ވަކީން ޚާއްސަކޮށް، އެންމެ ފަހުން ބޭއްވިގެންދިޔަ ޕާޓީގެ ޗެއަރޕާސަން އިންތިޚާބުން ނުކުތް ނަތީޖާއިންނާއި، ކޮންގްރެސްގައި ނަޝީދު ހުށަހެޅުއްވި ބަރުލަމާނީގެ ގަރާރު ފެއިލްވެގެން ދިޔަގޮތުން، ރިޔާސީ ޕްރައިމަރީގައި ވާދަކޮށްގެން ކާމިޔާބު ނުކުރެވޭނޭކަން ނަޝީދަށްވަނީ ވަރަށްވެސް ރަގަޅަށް ފަހުމް ވެގެން ގޮސްފައެވެ.

އެހެންކަމުން، ރައީސް ސާލިހާއި ވާދަކޮށްގެން ބަލިވާނޭކަން ޔަގީންވާ ޕްރައިމަރީއެއްގައި ވާދަކުރުމުގެ ވިސްނުން ނަޝީދު މިހާރު ދޫކޮށްލައްވާއިފިކަމަށް ގިނަބަޔަކު ދަނީ ބުނަމުންނަވެ. އެއީ ކޮންގްރެސްއަށް ނަޝީދު ހުށަހެޅުއްވި ނިޒާމު ބަދަލުކުރުމުގެ ގަރާރަށްވެސް ކުރިމަތިވެގެންދިޔަ ހާތަލެވެ.

ބޮޑު ބައްޔަކާއި ކުރިމަތިލާން ބޭނުން ފުޅުނުވުމެވެ. އޮތް ތާއިދާއި، ކަންވެގެންދާނޭ ހާލަތު އަމިއްލަފުޅަށް ވަޒަން ކުރެއްވުނީއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.