ރާއްޖޭގައި އަދުލު އިންސާފު ގާއިމްކޮށް، އަދުލުވެރި ޝަރުއީ ނިޒާމެއް ޤާއިމް ކުރުމަށް ވަކާލަތު ކުރަމުންދިޔަ އެމްޑީޕީން މިއަދު ފަނޑިޔާރުގެއާއި، އަދުލު އިންސާފުގެ ވާހަކަ ދައްކަން ލަދު ގަންނަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރާއެކު ބަދުއަހުލާގީ އަމަލު ހިންގި ކަމަށް އެއްބަސްވެ، އެ ކުށަށް ތައުބާވެފައިވާ ގާނޫނީ ވަކީލު އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ހަތަރު މަަހަށް ގޭގައި ބަންދުކުރުމަށް ކުރި ހުކުމާއި ގުޅިގެންނެވެ.
އެއްޖިއްސުން ގުޅުން ހިންގުމަކީ އިސްލާމް ދީނުގައި ކަނޑައެޅިގެން ހަރާމް ކުރައްވާފައިވާ، އިސްލާމް ދީނުގައި ބޮޑެތި އަދަބު ކަނޑައެޅިފައިވާ އަމަލަކަށްވާއިރު، ނާޒިމަށް ކުރި ހުކުމުން އެމްޑީޕީން އަދުލު އިންސާފުގެ ވާހަކަ ދެއްކުން ހުއްޓާލަން ޖެހޭކަމަށް މޮސްޓާ ވިދާޅުވިއެވެ. މިއަދު ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާވަނީ ސަދޫމްގެ އިންސާފަށް ވެފައިކަމަށްވެސް މޮސްޓާ ވިދާޅުވިއެވެ.
އަދުލުއިންސާފު ފަނޑިޔާރުގެއިން ކޯދުލާ އުތުރި އަރަމުން އަންނަ މަންޒަރު މި ފެންނަނީ. ފަނޑިޔާރު މަނިކުފާނު ބިރު ގަތީބާ. މުހައްމަދު ނަޝީދުގެ ކޮއްކޮވީމަ. މިއަދު އެމްޑީޕީން ލަދުގަންނަން ޖެހޭނެ ފަނޑިޔާރު ގެއޭ އަދުލުއިންސާފު ކިޔަން. ސަދޫމް އިންސާފު މިފެންނަނީ.
– މޮސްޓާ ވިދާޅުވިއެވެ.
ނާޒިމް ސައްތާރަށް ޖަލު ހުކުމެއްވެސް ނީއްވައި ގޭބަންދު ހުކުމެއް ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުންވަނީ އަމާޒުވެފައެވެ. އަދި މިއީ ވަކި އާއިލާއަކަށް ވަކި ވަކި ބޭފުޅަކަށްވުމުން ހުކުމް އައިގޮތްކަމަށް ބުނެ ގިނަ ބަޔަކު ދަނީ އަދުލު އިންސާފުގެ ދާއިރާއަށްފާޑު ކިޔަމުންނެވެ.
ނާޒިމް ސައްތާރުގެ މައްޗަށް އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ދައުވާ އުފުލީ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ. އެއީ މީހަކާ އިނދެ ހުރެ ކުރި ކުށަކަށް ވާނަމަ، އެ ގާނޫނުގައިވާ ގޮތުން، އެ ކުށުގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމެވެ.
ކުށަށް އިއުތިރާފުވެ ދެން އެފަދަ ކުށެއް ނުކުރާނެ ކަމަށް ކުށަށް ތައުބާވެފައިވާތީ އާއި އެކަމަށް އޭނާ މައާފަށް އެދިފައިވާތީ, އަދަބު ލުއިކޮށް އެއް މަހާއި 28 ދުވަހުގެ ޖަލު ހުކުމަކަށް ކަނޑައެޅިއެވެ. ޖަލު ހުކުމް ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދިފައިވާ އެދުމަށް ރިއާޔަތްކޮށް ތިން މަހާއި 26 ދުވަހަށް ގޭގައި ބަންދުކުރަން ހުކުމް ކުރެއްވިއެވެ. ނާޒިމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅެވެ. ނަޝީދު ވަނީ ނާޒިމް ހައްޔަރު ކުރުމާ ގުޅިގެން، އެއީ ސިޔާސީ ބޭނުމެއްގައި ވަކި ބަޔެއްގެ މައްސަލަ އެކަނި ބެލުމުގެ ތެރެއިން ކުރާ ކަމެއް ކަމަށް ތުހުމަތު ކުރައްވައިފައެވެ.