އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީން ކުރިން ވިދާލި ފޯވާޑް ޑިއޭގޯ ކޮސްޓާ ވުލްވްސްއަށް ސޮއިކޮށްފިއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި ވުލްވްސްއިން ކޮސްޓާ ގެންގޮސްފައިވަނީ މިއަހަރުގެ ސީޒަންގެ ނިޔަލަށެވެ. އުމުރުން 33 އަހަރުގެ ކޯސްޓަރ ވުލްވްސްއިން ސޮއިކޮށްފައިވަނީ ފްރީ ޓްރާންސްފަރއެއްގެ ދަށުންނެވެ.
އޭނާ އެންމެފަހުން ކުޅެފައިވަނީ ބްރެޒިލްގެ ކްލަބެއް ކަމަށްވާ އެޓްލެޓިކޯ މިނެއިރޯއަށެވެ. ނަމަވެސް އެ ކްލަބުން މިއަހަރުގެ ޖެނުއަރީގައި ވަކިވި ފަހުން އޭނާ މިހާތަނަށް ހުރީ އެއްވެސް ޓީމަކާއި ނުގުޅިއެވެ. ވުލްވްސްއިން ކޮސްޓާ ގެންގޮސްފައިވަނީ އެޓީމާ އަލަށް ގުޅުނު ފޯވާޑް ސާސާ ކަލަޑްޒިޗްއަށް ފުރަތަމަ މެޗްގައި އަނިޔާވުމުގެ ސަބަބުން އެބައި ފޫބެއްދުމަށެވެ.
ވުލްވްސްއަށް ސޮއިކުރުމަށްފަހު ކޮސްޓާ ހާމަކުރިގޮތުގައި ކުޅުންތެރިއަކަށް އަނިޔާވުމުގެ ސަބަބުން ޓީމަށް ސޮއިކުރުން މިއީ އޭނާ ޓީމަކާއި ގުޅެން ބޭނުންވާ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި ނަމަވެސް ކަލަޑްޒިޗް އަނިޔާއިން ރަނގަޅުވެ އަވަހަށް ކުޅުމުގެ ތެރެއަށް އާދެވުމަށް އެދޭކަމަށެވެ. ސްޕެއިން ޤައުމީ ޓީމަށް ކުރިން ކުޅެފައިވާ ކޮސްޓާ ވަނީ ޗެލްސީއާއެކު ދެ ފަހަރެއްގެ މަތިން ޕްރިމިއަރ ލީގުގެ ތަށި އުފުލާލާފައެވެ. އަދި ސްޕެނިޝް ލަލީގާގެ އެޓްލެޓިކޯ މެޑްރިޑާއެކުވެސް އޭނާ ކާމިޔާބު ދެ އަހަރު ހޭދަކޮށްފައިވެއެވެ.
ވުލްވްސް މިވަގުތު އުޅެނީ ޕްރިމިއަރ ލީގުގެ ތާވަލްގެ 14 ވަނައިގައެވެ. އެއީ ކުޅުނު ހަ މެޗްގެ ތެރެއިން އެންމެ މެޗަކުން މޮޅުވެގެންނެވެ. ވުލްވްސްއިން އުންމީދު ކުރާގޮތުގައި ކޮސްޓާ އާއެކު އެޓީމުގެ ފޯވަޑް ލައިނަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.