ކުރީގެ ޗީފް އޮފް ޑިފެންސް ފޯރސް އަހުމަދު ޝިޔާމުގެ މައްޗަށް ކުރާ މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދަައުވާ ކުރިޔަށް ގެންދެވޭނެކަމަށް ކުރިމިނަލް ކޯޓުން ނިންމައިފިއެވެ.
ކ.ވިލިނގިލީގައި ހުންނަ ކޯސްޓްގާޑްގެ އިމާރާތުގައި، 2017 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް (އެމް.އެން.ޑީ.އެފް)ގެ ކުރީގެ ޗީފް އޮފް ޑިފެންސްފޯސްގެ މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ ބައްފަ ދިރިއުޅެމުންދިޔަކަމަށް ބުނާ މައްސަލަ ދިރާސާކޮށް ނިންމައި، އެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 2020 ވަނަ އަަހަރުގެ ޑިސެމްބަރު މަހުއެވެ.
ދައުލަތުން އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއެވެ.
މޭޖާ ޝިޔާމްގެ މައްޗަށް ދަޢުވާކޮށް ޝައީއަތަށް ފޮނުވާފައިވަނީ ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެވެ.
މި މައްސަލާގައި މީގެ ކުރިން އޭސީސީން ބުނެފައިވަނީ އެމް.އާރު.ސީ.ސީގެ ވީ.އައި.ޕީ ގޭގައި 18 ޖުލައި 2017 އިން 11 ޑިސެންބަރު 2018 ގެ ނިޔަލަށް، އެމް.އެން.ޑީ.އެފްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް (ރޓޑ) އަޙްމަދު ޝިޔާމުގެ ބައްޕަ ދިރިއުޅެފައިވާކަމަށެވެ. އެގޮތުން، އެމް.އެން.ޑީ.އެފްގެ މަރުކަޒެއްކަމަށްވާ އެމް.އާރު.ސީ.ސީގެ ވީ.އައި.ޕީ ގޭގައި މީހުން ބޭތިއްބުމުގައި ޢަމަލުކުރާނެ ވަކި ޚާއްސަ އުޞޫލެއް ނެތްނަމަވެސް، އެމް.އާރު.ސީ.ސީގެ ޢިމާރާތުގައި ހުރި ތަންތަނަކީ ސިފައިންގެ ޤާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން ޢަމަލުކުރެވޭ ތަންތަން ކަމަށްވާތީ، އެމް.އާރު.ސީ.ސީއަށް ހިނގާ އުޞޫލު އެތަނުގެ ވީ.އައި.ޕީ ގެއަށްވެސް ހިނގާނެކަން ފާހަގަކުރެވެއެވެ. އެހެންކަމުން، އެމް.އާރު.ސީ.ސީގައި އާންމުންނަށް ދިރިނޫޅެވޭ އުޞޫލުން ވީ.އައި.ޕީ ގޭގައި އާންމުންނަށް ދިރިނޫޅެވޭނެކަން އެނގޭކަމަށެވެ.
މި މައްސަލާގައި ޝިޔާމްގެ ފަރާތުން ކޯޓުގައި ވަކާލާތު ކޮށްފައިވަނީ، ދައުވާގައި އުންސުރު ހަމަ ނުވާކަމަށް ބުނެއެވެ. އަދި މީގެ އިތުރުން އެއް ހެކިވެރިޔަކު ބަލައި ނުގަތުމުގެ އިތުރުން ކޯޓަށް ހުށަހަޅާފައިވާ ބައެއް ލިޔެކިޔުންތައް ހޯދުމަށްވެސް ޝިޔާމް ކޯޓުގައި އެދިފައި ވެއެވެ. ޝިޔާމްގެ ފަރާތުން ބަލައި ނުގަތުމަށް ކޯޓުގައި އެދިފައިވާ ހެއްކަކީ، އޭނާގެ މައްސަލަ އޭސީސީއަށް ހުށަހެޅި ފަރާތެވެ. ޝިޔާމްގެ މި ހުށަހެޅުމާއި ގުޅޭގޮތުން ކޯޓުން ނިންމާފައިވަނީ، ދައުލަތުން ހުށަހެޅި ހެނކިންގެ ތެރޭގައި މައްސަލަ އޭސީސީއަށް ހުށަހެޅި މީހާ ކާކުކަން އެގޭ ގޮތަށް ދައުލަތުން ހެކި ހުށަހަޅާފައި ނުވާކަމަށެވެ. އެހެންކަމުން ހެކިންގެ ތެރޭގައި އެމީހާ ހިމެނޭކަން އެގެން ނެތްކަމުގައެވެ.
އުންސުތަކާއި ގުޅޭގޮތުން ޝިޔާމް ހުށަހެޅި ހުށަހެޅުންތަކާއި ގުޅޭގޮތުން މިހާރު ގޮތެއް ނިންމެން ނެތްކަމުގައިވެސް ކޯޓުން ނިންމާފައި ވެއެވެ. އޭގެ ބަދަލުގައި ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ، މިހުށަހެޅުމާމެދު ގޮތެއް ނިންމާނީ ހެކި ވަޒަން ކުރުމަށްފަހު ކަމަށެވެ.
މީގެ އިތުރުން ސިފައިންގެ އާއިލާތަކަށް ސިފައިންގެ ގާނޫނުން ލިބިދޭ އިމްތިޔާޒްތަކެއް ހުރިހަމަށްވެސް ޝިޔާމް ކޯޓަށް ހަޅުއްވަމުން ވިދާޅުވެފައިވަނީ، މިއީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާގެ ހުރަހަކަށް ވުމުގު ފުރުސަތު އޮތް ކަމުގައެވެ.
ޝިޔާމް މި ހުށަހެޅުމާމެދު ކޯޓުން ނިންމާފައިވަނީ، ޝިޔާމްގެ ހުށަހެޅުން، ދާއުވާއަށް ހުރަހަކަށް ވެދާނެ ދިފާއުގެ ގޮތުގައި ގާނޫނުލް އުގޫބާތުގައި ބަޔާން ކޮށްފައިވާ ހަމަތަކުގެ ތެރެއަށް ނުފެތޭ ކަމަށެވެ. މިގޮތުން ޝިޔާމްގެ މި ހުށަހެޅުންވެސް ކޯޓުން ބަލައިގެންފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ