ރާއްޖެ ވިއަވަތިވެ، ދިރިއުޅުން ޖަޒީރާވެ، އުފާފާގަތިކަމާއި ބާއްޖަވެރި ޙަޔާތެއްގެ ނަޞީބު، ކޮންމެ ރަށެއްގެ ކޮންމެ ދިވެއްސަކަށްމެ ޙައްޤު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
މިއަދު ހައްދުން މަތީ ގަމުގައި ފެށި ވިއަވަތި ކޮންފަރެންސް ޝަރަފްވެރި ކޮށްފައިވާ ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ކުރާ މަސައްކަތުގައި މުޅި ޢުމުރު އަވަދިކުރަމުންދާ މީހާއަށް ޙައްޤު އުޖޫރަ ލިބެންޖެހޭނެ ކަމަށެވެ. ރަށްތަކުގެ ތަޢުލީމީ ނިޒާމަށް ގެނެވުނު ބަދަލު، މި އަހަރުގެ ހައި އެޗީވަރސް އެވޯޑް ޙާޞިލްކުރި ދަރިވަރުންގެ ޢަދަދުން ފެނިގެން ގޮސްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެކަހެރި ކުދި ރަށްރަށުގެ މަދަރުސާތަކުގެ ދަރިވަރުން ސިއްސައިގެންދާވަރުގެ މަތީ ނަތީޖާ އެ ހޯދީ މުޅި ދުނިޔެއާ ވާދަކޮށް، ލާމަރުކަޒީ ރާއްޖޭގެ ޖަޒީރާ ކުދި ސްކޫލްތަކުން އެކަން އެވަނީ ސާބިތުކޮށްދީފައި ކަމަށް ރައީސް ވިދާޅުވިއެވެ.
ކަރަންޓާއި ފެނާއި ނަރުދަމާއަކީ އަސާސީ ކަންކަމަށް ވާއިރު އެއީ ހުރިހާ ރައްޔިތުންނަށް ލިބިދިނުން މަޖުބޫރު ޚިދުމަތްތައްކަމަށް ރައީސް ވިދާޅުވިއެވެ. ޚިދުމަތް އަސާސީ ނަމަވެސް، ލާމަރުކަޒީ ޖަޒީރާ ދިރިއުޅުމުގައި މުޅި ރާއްޖޭގެ ތަރައްޤީ އޭގެ މައްޗަށް ބިނާވާ އަސާސަކީވެސް އެއީކަމަށް ރައީސް ވިދާޅުވިއެވެ.
2018އާ ހަމަޔަށް އައިއިރު، ރާއްޖޭގައި މީހުން ދިރިއުޅޭ 70 އިންސައްތައަށްވުރެ ގިނަ ރަށުގައި ފެނާއި ނަރުދަމާއެއް ނެތް. މި ފަސް އަހަރު އަމާޒުކޮށްފައި މިވަނީ، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އަޅައި ނިންމުމަށް. ގެޔަކަށްފަހު ގެއެއް، ރަށަކަށްފަހު ރަށެއްގައި އެދަނީ މި ޚިދުމަތް ފުރިހަމަވެ ނިމެމުން.
– ރައީސް ވިދާޅުވިއެވެ.
ފާއިތުވި 70 އަހަރުން އަތޮޅުތަކުގައި ހުރި ކަރަންޓް މެގަވޮޓްގެ ޖުމްލަ، މިދިޔަ ދެތިން އަހަރު ދެގުނަ ކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ބާވެ، ހަސްނެތި، އުވެމުން، ނިވެމުން، ކަނިވަމުންދާ ހުރިހާ އިންޖީނުގެތަކުގެ ގަދައަޑާއި، ބޯ ދުމުން ރައްޔިތުން މިންޖުކުރުމުގެ ބޮޑު މަޝްރޫޢު ފެނަކައިން ހިންގަމުން ދާކަމަށާއި، އާ ޖޯރަކާއެކު ހޯސްޕަވަރުގެ ޖަނަރޭޓަރުތައް، ޒަމާނީ އާ އިންޖީނުގެތަކުގައި ދަނީ ބަހައްޓަމުން ކަމަށް ރައީސް ވިދާޅުވިއެވެ.
ކުޑައެއް ބޮޑެއް، ކުލައެއްގެ ތަފާތެއްނެތި، ހުރިހާ ރައްޔިތުންނަށް ހަމަހަމަވާންޖެހޭތީ، އެ ދަތުރުގައި ރަތްމަންދޫ ރައްޔިތެއްގެ އިޙްސާސްތަކާއި ތަޞައްވުރު އަޅުގަނޑާ ޙިއްޞާކުރި. ރާއްޖެ ތަރައްޤީވާންޖެހޭ ގޮތާއި، އޭނާގެ ވިސްނުމުގައި އެވާގޮތް ނުހަނު އެއްގޮތް. ޖަޒީރާވަންތަ އުފާފާގަތި ދިރިއުޅުމަށް ރައްޔިތުން އެދި ތިބޭ މިންވަރު، އޭނާގެ ވާހަކަތަކުން ވަރަށް ބޮޑަށް ސާފުވޭ.
– ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖެ ލާމަރުކަޒުކޮށް، ޚިދުމަތްތަކާއި، ވަސީލަތްތަކާއި، ފުރުޞަތުތައް، އަމިއްލަ ރަށާއި އަތޮޅާއ، ސަރަޙައްދާ ގާތްކޮށް އަތުރައި ފަތުރައިލުމަކީ ސަރުކާރުގެ އެންމެބޮޑު ސިޔާސަތު ކަމަށެވެ.
ކޮމެންޓު ފޮނުވާ