ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މުޅި ރާއްޖެއަށް ފަތުރާ ލައްވަފައިވާ ލާމަރުކަޒީ ސިޔާސަތު ފަހަތައް ޖައްސާލުމުގެ ޖާގަ އެއްވެސް މީހަކަށް ދެން ދީގެން ނުވާނެކަމަށް އެލްޖީއޭގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން ވިދާޅުވެއްޖެއެވެ.
ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކާއި ގުޅޭގޮތުން މިއަދު ފެށި "ވިއަވެތި" ރާއްޖެ ކޮންފަރެންސުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ރާއްޖެ ތަރައްޤީކޮށް ހަމަހަމަ ފުރުސަތު ތަނަވަސް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަން ދެއްވާ ސިޔާސަތުކަމަށެވެ. އެމަނިކުފާނުގެ ވެރިކަމުގެ މިވީ ދުވަސްތަކުގައި މަރުކަޒީ ބާރުވެރިކަން ދޫކޮށް، ލާމަރުކަޒީ ސިޔާސަތު ތަންފީޒު ކުރުމަށް ކުރެއްވި މަސައްކަތުން ހެޔޮ ނަތީޖާތަކެއް ލިބިފައިވާކަމަށް އިމްރާން ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމު ފައްކާ ކުރުން އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ކެމްޕެއިން ވައުދެއްގެ ގޮތުގައި ވިދާޅުވެފައިވާ ބައްފުޅެއްނޫން. އެއީ މިޖަޒީރާ ރާއްޖޭގެ ވެރިކަން ހިންގަންޖެހޭނެކަމަށް އެމަނިކުފާނު އީމާންވެ ވަޑައިގަންނަވާ ގޮތް. އެމަނިކުފާނުގެ ޕެޝަން. އެމަނިކުފާނު ވެރިކަން ކުރައްވާ ވައްޓަފާޅިއާއި ސްޓައިލް.
– މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
މިއަދު ފެށުނު "ވިއަވެތި" ކޮންފަރެންސާއި އަދި މިހާތަނަށް ބޭއްވުނު މިފަދަ ކޮންމެ ކޮންފަރެންސެއްގައިވެސް ސަރުކާރުން ވަނީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް އޮޅުންފިލުވައި، އެކަންކަމަށް ޤާނޫނުގެ ތެރެއިންނާއި، އިދާރީ ގޮތުންވެސް ހައްލު ގެނެސް ދެއްވާފައިކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ. މިކުރެވުނު މަސައްކަތުން މިއަދު އެންމެ އިސްކަން ދޭންވީ އެއްކަމަކީ ރައީސުލްޖުމްހޫރިއްޔާ މުޅި ރާއްޖެއަށް ދޫކުރެއްވި ލާމަރުކަޒީ ސިޔާސަތު ހިފެހެއްޓޭނެ ގޮތަކަށް އެއްވެސް މީހަކަށް ޖާގަ ނުދިނުންކަމަށެވެ.
މިދައުރު ނިމުމަށްފަހު އަތޮޅުތަކަށް ފަތުރާލައްވާފައިވާ ލާމަރުކަޒީ ސިޔާސަތު ދެން އިންޗިއަކަށްވެސް ފަހަތަށް ޖެއްސުމަށް އެއްވެސް މީހަކަށް ފުރުސަތު ދީގެން ނުވާނެ. ޤައުމެއް ތަނަވަސްވި ކަމަށްވާނީ އެންމެން ތަނަވަސް ވުމުން. އެންމެ ފަގީރު މީހާވެސް އުފާވީމަ. ހުރިހާ ރަށްތަކެއް އެއްވަރަށް ތަރައްޤީވެގެން.
– މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
ތަރައްޤީގެ އެންމެ މުހިންމު އެއްކަމަކީ މަޝްވަރާގެ އުސޫލުން ކަންކަން ކުރުން ކަމަށާއި، ރައީސް ޞާލިހުގެ ވެރިކަމުގެ މިހާތަނަށް ހޯދުނު ކާމިޔާބީގެ އެންމެ ބޮޑު ހިއްސާއަކީ އެމަނިކުފާނު މަޝްވަރާއަށް އިސްކަން ދެއްވުމުންކަމަށް އިމްރާން ވިދާޅުވިއެވެ. މިނިސްޓަރ ވަނީ އިސްލާމީ ތާރީހުގައި މަޝްވަރާގެ މަތީން ކަންކަން ކުރުމުގެ މުހިންމު ކަމާއި، މަޝްވަރާގެ އުސޫލު ކަންކަން ކުރުމުން ލިބިފައިވާ ކާމިޔާބީތަކަށްވެސް އަލި އަޅުވާލާފައި ވާހަކަ ދައްކަވާފައެވެ.
ކޮމެންޓު ފޮނުވާ