ޢާއްމު މަޖިލީހުގެ ރައީސްގެ ޙައިސިއްޔަތުން ކުރައްވާ ފަހު ދަތުރުގައި ޝާހިދު ގުޔާނާއަށް

ޢާއްމު މަޖިލީހުގެ ރައީސްގެ ޙައިސިއްޔަތުން ކުރައްވާ ފަހު ދަތުރުގައި ޝާހިދު ގުޔާނާއަށް

Author
މުޙައްމަދު ޝަޒައިމް
10 ސެޕްޓެމްބަރ 2022 12:57
0

އ.ދގެ ޢާއްމު މަޖިލީހުގެ ރައީސްގެ ޙައިސިއްޔަތުން ޝާހިދު ކުރައްވާ އެންމެ ފަހުގެ ދަތުރުފުޅުގައި ގުޔާނާއަށް ވަޑައިގަންނަވައިފިއެވެ.

ޝާހިދު ގުޔާނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެޤައުމުގެ ރައީސް ޑރ.މުޙައްމަދު އިރުފާން ޢަލީއާ ވަނީ ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި އ.ދއިން ކުރަމުންދާ މަސައްކަތުގައި ގުޔާނާއިން އިސްކަންދޭ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން މޫސުމީ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްޤީއާއި ކާބޯތަކެތީގެ ރައްކާތެރިކަމާއި ޒުވާނުންނަށް ކުރިމަތިވެފައިވާ ދަތިތަކާއި ކުރިއަށްދާންހުރި ފުރުސަތުތަކާއި ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މިދަތުރުފުޅުގައި އ.ދގެ ޢާއްމު މަޖިލީހުގެ ރައީސް ޝާހިދުވަނީ ގުޔާނާގެ މިނިސްޓަރ އޮފް ފޮރިންގ އެފެއާޒް ހިއުގް ޓޮޑްއާއިވެސް ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ކުދި ޖަޒީރާ ޤައުމުތަކުގެ ލީޑަރޝިޕާއި އެފަދަ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި މޫސުމީ ބަދަލުތަކާއި ޒުވާނުންނާއި ގުޅޭދާއިރާތަކުގެ އިތުރުން އިންސާނީ ޙައްގުތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

އ.ދގެ ޢާއްމު މަޖިލީހުގެ ރައީސްގެ ޙައިސިއްޔަތުން ކުރައްވާ އެންމެ ފަހުގެ މިދަތުރުފުޅުގައި ޝާހިދު ވަނީ ގުޔާނާގައި ޙަރަކާތްތެރިވާ އދ.ގެ އޮފީހުގެ ޓީމާއިވެސް ބައްދަލުކުރައްވާފައެވެ.

ޝާހިދު އ.ދގެ ޢާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގަތީ މިދިޔަ އަހަރުގެ ޖޫންމަހު ބޭއްވި އިންތިޚާބުގައި އ.ދގެ މެމްބަރު 191 ޤައުމުގެ ތެރެއިން 143 ޤައުމުގެ ވޯޓު ކާމިޔާބުކުރައްވައިގެންނެވެ. އަދި މަޤާމުގެ ހުވާކުރެއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގައެވެ. މިވީ އަހަރެއްގެތެރޭގައި އ.ދގެ ޢާއްމު މަޖިލީހުގެ ރައީސްގެ ޙައިސިއްޔަތުން ގިނަ ޤައުމުތަކަށް ދަތުރުފުޅުކުރައްވާ ޤައުމުތަކުގެ ޙާލަތު ގާތުން ބައްލަވާލައްވާ އެމަނިކުފާނުގެ "ޕްރެޒިޑެންސީ އޮފް ހޯޕް"ގެ ދަށުން ޤައުމުތަކުގެ ކުރިއެރުވުމަށް އ.ދގެ ޕްލެޓްފޯމް މެދުވެރިކުރައްވާ ގިނަ މަސައްކަތްތަކެއް ވަނީ ކޮށްދެއްވާފައެވެ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.