އިނގިރޭސިވިލާތުގެ ރާނީ، ކުއީން އެލިޒަބަތު ދެ ވަނަ އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުންނާއި ޖަނާޒާގެ ކަންކަން ކުރިއަށްގެންދިއުމަށް ބާއްވާ އިވެންޓްތަކަށް ޖާގަ ދިނުމުގެ ގޮތުން އިނގިރޭސި ޕްރިމިއާ ލީގުގެ މި ހަފްތާގެ މެޗުތައް ފަސްކޮށްފިއެވެ.
އިނގިރޭސި ސަރުކާރުން ގައުމުގެ ކުޅިވަރު ހިންގާ ފަރާތްތަކަށް، ކުޅިވަރު އިވެންޓްތައް ކުރިއަށް ގެންދިޔުމުގެ އިހުރިޔާރު ދިން ނަމަވެސް، ޕްރިމިއާ ލީގުން ނިންމީ، ހިތާމައިގައި ބައިވެރިވުމުގެ ގޮތުން މި ހަފްތާ ބަންދުގައި ކުޅެން ހުރި މެޗުތައް ފަސްކުރާށެވެ.
ޕްރިމިއާ ލީގުންނާއި އީއެފްއެލް އިން މި ގޮތަށް ނިންމީ އެ ލީގުގެ ބޯޑުތަކާއި ޓީވީ ބްރޯޑްކާސްޓަރުންނާ ވެސް މަޝްވަރާ ކުރުމަށް ފަހު މި ވަގުތު ހާލަތުގެ ގޮތުން އެންމެ ރަނގަޅު ގޮތަކީ މި ހަފްތާގެ މެޗުތައް ފަސްކުރުން ކަމަށް ގަބޫލުކުރެވޭތީއެވެ.
ކުއީން އެލިޒަބަތު އަވަހާރަވިތާ ދެ ގަޑިއިރެއްހާއިރު ފަހުން، ރޭ އިނގިރޭސި ތިން ކްލަބެއް ވަނީ ޔޫރަޕްގެ މުބާރާތްތަކުގައި ކުޅެފައެވެ. އެ ގޮތުން ޔޫރޮޕާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ރެއާލް ސޮސިއެޑާޑާ ކުޅުނުއިރު، އާސެނަލުން ވަނީ ރަށުންބޭރުގައި އެފްސީ ޒިއުރިކާ ކުޅެފައެވެ. އަދި ޔުއެފާ ކޮންފަރެންސް ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑުން ވަނީ ލަންޑަން ސްޓޭޑިއަމްގައި ރުމޭނިއާގެ އެފްސީއެސްބީއާ ބައްދަލުކޮށްފައެވެ.
ރާނީ އަކީ ލަންޑަނަށް ނިސްބަތްވާ އާސެނަލްގެ ސަޕޯޓަރެއް ކަމަށް ގިނަ ފަރާތްތަކަކުން ރިޕޯޓް ކޮށްފައި ވެއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމް ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައި ނުގެންނެވުނު ހާލުގައި އެކަމަނާ ވަނީ 2007 ވަނަ އަހަރު ބަކިންހަމް ޕެލަސްގައި އާސެނަލްގެ ޓީމާ ބައްދަލު ކުރައްވާފައެވެ. އަނެއްބައި ރިޕޯޓްތައް ބުނާގޮތުގައި ރާނީ ވަރަށް ކުރީއްސުރެން ލަންޑަނުގެ ވެސްޓް ހޭމް އަށް ސަޕޯޓު ކުރައްވައެވެ. ނަމަވެސް އިނގިރޭސި ޝާހީ އާއިލާގެ އެހެން މެމްބަރުން ފަދައިން، ރާނީ ސަޕޯޓު ކުރައްވާ ޓީމެއް ހާމަ ކޮށްފައެއް ނުވެއެވެ.