ޔޫއެން ޖެނެރަލް އެސެމްބްލީގެ ރައީސް، ރާއްޖޭގެ ފޮރިންގ މިނިސްޓަރ ޝާހިދުގެ ޔޫއެންޖީއޭގެ ރައީސްކަމުގެ ދައުރަށް މިހަމަހު 11 ގައި ނިމުން އަންނަނާނެއެވެ. ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ކޮންމެ މަހަކުވެސް، ޔުއެން ސެކެޓްރީ ޖެނެރަލްއާއެކު ބާއްވަންޖެހޭ ކޯޑިނޭޝަން ބައްދަލުވުމުގެ އެންމެ ފަހު ބައްދަލުވުން މިއަދު ބާއްވާފައިވާ ކަމަށެވެ.
ޔޫއެންގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސްއާއެކު މިއަދު ބޭއްވި އެންމެ ފަހު ކޯޑިނޭޝަން ބައްދަލުވުމުގައި ޝާހިދުވަނީ ގުޓަރޭސްއަށް ހަދިޔާއަކަށް ލިޔެލާ ޖަހާފައިއޮތް ބޮޑު ބެރެއް ހަދިޔާއަކަށް އަރުވާފައެވެ.
އަދި ދައުރު ނިމުމަކަށް އަންނާތީ، ނިއުޔޯކުގައި ތިއްބަވާ ބައެއް ގައުމުތަކުގެ ދާއިމީ މަންދޫބުން ޝާހިދަށް އަލްވަދާއު ވިދާޅުވުމަށްޓަކާ ބާއްވަމުން ގެންދަވާ ބައެއް ފަރިއްކޮޅުތަކުގެ ފޮޓޯތައްވެސް މިއަދު ޝާހިދުވަނީ ޓުވީޓު ކުރައްވާފައެވެ.
ޔޫއެންގެ ޖެނެރަލް އެސެމްބްލީގެ 76 ވަނަ ދައުރުގެ ރިޔާސަތު ރާއްޖޭގެ ފޮރިންގ މިނިސްޓަރ ޝާހިދު ކާމިޔާބު ކުރައްވާފައިވަނީ ފާއިތުވެދިޔަ އަހަރުގެ ޖޫން މަހުގެ 7 ވަނަ ދުވަހު ބޭއްވުނު އިންތިޚާބު 193 ގައުމު އެކުލެވޭ އާންމު މަޖިލިހުގެ 143 ގައުމުގެ ބޮޑު އަޢުލަބިއްޔަތެއް ހޯއްދަވައިގެންނެވެ.
މި އިންތިޚާބުގައި ޝާހިދުއާއި ވާދަ ކޮށްފައިވަނީ، އަފްގާނިސްތާން ކުރީގެ ފޮރިންގ މިނިސްޓަރ ޑރ. ޒަލްމާއި ރަސޫލުއެވެ. އޭނާއަށް ލިބިގެން ދިޔައީ، 48 ވޯޓެވެ.
2021 ސެޕްޓެމްބަރު 14 ގައި ފެށުނު ޢާއްމު މަޖިލީހުގެ 76 ވަނަ ދައުރުގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ފަރާތުން ރިޔާސަތު ބަލަހައްޓަން ފޮރިން މިނިސްޓަރ ޝާހިދު ނޮމިނޭޓްކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހްއެވެ. މިއީ އދގެ ޢާއްމު މަޖިލީހުގެ ރިޔާސަތަށް ދިވެހިރާއްޖެއިން ކުރިމަތިލި ފުރަތަމަ ފަހަރެވެ. އަދި ދިވެހިރާއްޖެ ވެގެން މިދިޔައީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރެއިން އދގެ ރިޔާސަތު ބެލެެހެއްޓި 6 ވަނަ ގައުމު ކަމުގައެވެ.
ޔޫއެންގެ ޖެނެރަލް އެސެމްބްލީގެ 76 ވަނަ ދައުރުގެ ރިޔާސަތަށް ޝާހިދު ވަޑައިގެންނެވީ، މައިގަޑު 5 އަމާޒެއް ހާސިލް ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް، އޭރު ކުރެއްވި ކެމްޕޭނުގައި ވަދުވެ ވަޑައިގަތުމަށްފަހުއެވެ. އަދި އެއްއަހަރުގެ ދައުރުގައި އާންމު މަޖިލިހުގެ ރައީސްކަން ކުރައްވާފައިވަނީ "ޕްރެސިޑެންސީ އޮފް ހޯޕް" (އުއްމީދީ ރިޔާސަތު) މި ޝިއާރުގެ ދަށުންނެވެ.
އެއް އަހަރުގެ ދައުރު މިމަހުގެ ހަމަވެގެން ދިޔައިރު، ފާއިތުވެދިޔަ މަސްތަކުގައި ގިނަ ދުވަސްތައް ޝާހިދު ހޭދަކުރައްވާފައިވަނީ އެކި ގައުމުތަކަށް ދަތުރު ކުރެއްވުމުގައެވެ.