ޕެންޝަން އޮފީހުގެ ކުރީ ސީއީއޯ މަގާމުން ވަކި ކޮށްފައިވަނީ، އިޖުރާއަތުތައް ފުރިހަމަ ނުކޮށްކަމަށް ނިންމާ، އޭނާއަށް 14،000 އެމެރިކާ ޑޮލަރުގެ ބަދަލެއް ދޭން އެމްޕްލޯއިމަންޓް ޓްރައިބިއުނަލްއިން އަމުރުކޮށްފިއެވެ.
ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގައި ހުންނެވި އިނގިރޭސި ރައްޔިތެއް ކަމަށްވާ ޖޯން ގްރިންޑަލް މަގާމުން ވަކި ކޮށްފައިވަނީ، ސުލޫކީ މިންގަޑުތަކާއި ޚިލާފް ވެގެންކަމަށް ބުނެ، ފާއިތުވެދިޔަ އަހަރުގެ އޮކްޓޯބަރުމަހުއެވެ.
އިންޝުއަރެންސް އާއި ޕެންޝަން ދާއިރާގެ 25 އަހަރުގެ ތަޖުރިބާކާރެއް ކަމުގައިވާ ޖޯން ގްރިންޑަލްއަށް ވަޒީފާ ހަމެޖެއްސީ 2020ވަނަ އަަހރުގެ ޑިސެމްބަރު މަހުއެވެ. މަގާމުގައި އަހަރެއް ނުފުރެނީސް އޭނާ މަގާމުން ވަކިކުރަން، ޕެންޝަން އޮފީހުގެ ބޯޑުން ނިންމިއެވެ. އޭނާ މަގާމުން ވަކިކޮށްފައިވަނީ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ފެންމަތިވެފައިވާ ކަމުގެ ތުހުމަތުތަކެއް ކޮށްފައި ވަނިކޮށެވެ.
އެހެންނަމަވެސް، އޭނާއާއި ގުޅޭގޮތުން މިފަދަ މައްސަލައެއް ބަލަމުން ނުދާކަމަށް ޕެންޝަން އޮފީހުން އޭރު ބުނެފައި ވެއެވެ.
ވަޒިފާއިން ވަކިކުރުމާއި ގުޅިގެން އޭނާ އެމްޕްލޯއިމަންޓް ޓްރައިބިއުނަލްއަށް އޭނާ މައްސަލަ ހުށަހެޅުއްވީ 2021ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. ޓްރައިބިއުނަލްއަށް އޭނާ މައްސަލަ ހުށަހެޅުއްވީ، އޭނާ ވަޒީފާއިން ވަކިކުރީ އެއްވެސް އިންޒާރެއް ދިނުމަކާއި ނުލާކަމަށްބުނެ، ވަޒީފާ އަބުރާ ހޯދުމުގެ އިތުރުން، އޭނާގެ އަބުރަށާއި ނަފްސާނީގޮތުން ލިބުނެ ގެއްލުމުގެ ބަދަލެއްގެ ގޮތުން 6 މަސްދުވަހަށްވާ މުސާރަވެސް ހޯދުމަށެވެ.
މި މައްސަލާގައި ޓްރައިބިއުން ކުރި ހުކުމުގައިވަނީ، މަގާމުން ވަކިކުރުމުގައު މައުލޫއީ އަދުލުވެރިކަން ގާއިމްވެފައިވާ ކަމަށާއި، އެހެންކަމުން އޭނާގެ ވަޒީފާ އަބުރާ އިއާދަކުރާނޭ ތަނެއް ނެތްކަމުގައެވެ. އެހެންނަމަވެސް، އޭނާ މަގާމުން ވަކި ކުރުމުގައި އިޖުރާއަތުތައް ފުރިހަމަ ކޮށްފައި ނުވާތީ، ބަދަލެއްގެ ގޮތުން، އެއް މަސްދުވަހުގެ ތެރޭގައި އޭނާއަށް 14،000 އެމެރިކާ ޑޮލަރު (215،880ރ.) ދޭން ޖެހޭނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ