އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު ބްރައިޓަންއިން ކާމިޔާބުކޮށްފިއެވެ.
ބްރައިޓަނުގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ ފަހަތުން އަރައި 5-2 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި ލެސްޓާއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެލެޗީ އިހެނާޗޯއެވެ. އެކަމަކު މެޗުގެ 10 ވަނަ މިނެޓުގައި ލެސްޓާގެ ޑިފެންޑަރު ލޫކް ތޯމަސް އަތުން ބައިކޮޅަށް ވަން ލަނޑާއެކު ބްރައިޓަނުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.
އަދި އޭގެ ފަސް މިނެޓު ފަހުން ބްރައިޓަނުން ލީޑު ނެގިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕޮއިސެސް ކެއިސޭޑޯއެވެ. އޭގެ ފަހުން މެޗުގެ 32 ވަނަ މިނެޓުގައި ލެސްޓާއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕެޓްސަން ޑާކާއެވެ.
އެކަމަކު ދެވަނަ ހާފުގައި ބްރައިޓަނުން އަލުން ލީޑު ނެގިއިރު، މެޗުގެ 64 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އާންޑްރޯ ޓްރޮސާޑެވެ. އަދި މެޗުގެ 71 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މެކް އެލިސްޓާ ވަނީ ލަނޑެއް ޖަހައި، ބްރައިޓަނުގެ ލީޑު ފުޅާކޮށްދީފައެވެ. ދެން މި މެޗުގައި ބްރައިޓަނުން ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ ހަތްވަނަ މިނެޓުގައި ޖަހައިދިނީވެސް މެކް އެލިސްޓާއެވެ.
މި މޮޅާއެކު ބްރައިޓަން މިހާރު އުޅެނީ ކުޅުނު ހަ މެޗުން ލިބިފައިވާ 13 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައެވެ. އަދި ލެސްޓާ އުޅެނީ އެންމެ ޕޮއިންޓަކާއެކު ތާވަލުގެ އެންމެ ފުލުގައެވެ.