އާމިންދައްތަގެ ވަޒީފާ އަބުރާ އިއާދަކުރުމަށް ޓްރައިބިއުނަލްއިން އަމުރުކޮށްފި

އާމިންދައްތަގެ ވަޒީފާ އަބުރާ އިއާދަކުރުމަށް ޓްރައިބިއުނަލްއިން އަމުރުކޮށްފި

Author
ހުސެއިން
04 ސެޕްޓެމްބަރ 2022 07:09
0

އައްޑޫ ސީޓީގައި ޢުމުރުން 6 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރުމަށްފަހު ހެކި ނެތިގެން ދޫކޮށްލި އައިމިނަތު ދީދީ (އާމިންދައްތަ) އަށް ކުރިންހުރި ވަޒީފާ އަބުރާ ދޭން އެމްޕްލޯއިމަންޓް ޓްރައިބިއުނަލްއިން އަމުރު ކޮށްފިއެވެ.

ޖިންސީ ގޯނާގެ ތުހުމަތުގައި އާމިންދައްތަ ސަސްޕެންޑް ކުރިއިރު އޭނާ ހުރީ އައްޑޫސިޓީ، ހިތަދޫ ޝަރަފުއްދީން ސްކޫލުގެ މަސައްކަތު މީހެއްގެ ވަޒީފާއެވެ.

ފުލުހުން ކުރިން ވިދާޅުވެފައިވަނީ، އާމިންދައްތަގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި އިތުރު މީހެއް ނުވަތަ ބައެއްގެ މައްޗަށްވެސް ތުހުމަތުކުރެވޭ ވަރުގެ އެކަށީގެންވާ ހެއްކެއް ނުވަތަ ގަރީނާއެއް ތަހުގީގަށް ލިބިފައެއް ނުވާކަމަށެވެ. ޖިންސީ ގޯނާގެ މައްސަލައިގައި ތުހުމަތުކޮށް ހައްޔަރުކުރި އާމިންދައްތަގެ އުމުރަކީ 59 އަހަރެވެ.

އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ވަރުގެ އެކަށީގެންވާ ހެއްކެއް ނެތްކަމަށް ފުލުހުން ވިދާޅުވި ނަމަވެސް، އޭނާގެ ސަސްޕެންޝަން އުވާލުމަށް އޭނާ މަސައްކަތް ކުރި ސްކޫލުންވަނީ ދެކޮޅު ހަދާފައެވެ.

ސްކޫލުން ފުރަތަމަ އާމިންދައްތަ ގޭގައި ބަހައްޓާފައި ހުރީ މުސާރަ ލިބޭ ގޮތަށްނަމަވެސް، ފަހުން މުސާރަވެސް ދީފައި ނުވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިމައްސަލަ އާމިންދައްތަގެ ފަރާތުން ޓްރަައިބިއުނަލްއަށް ހުށަހެޅުމުން ސިވިލްސާވިސް ކޮމިޝަނުން ވިދާޅުވެފައިވަނީ އާމިންދައްތަ ވަޒީފާއަށް ނެރުމާމެދު އެކޮމިޝަނުން އިއުތިރާޒް ނުކުރާކަމުގައެވެ. އެހާތަނުން އެގިގެން ދިޔައީ އާމިންދައްތަ ވަޒީފާއެއް ނެރެން ސިވިލް ސާވިސް ކޮމިޝަނުން އެޑިއުކޭޝަނަށް އަންގާފައިވި ނަމަވެސް، އެކަމަށް ދެކޮޅު ހަދަމުންއައީ އެޑިއުކޭޝަން މިނިސްޓްރިން ކަމެވެ.

އާމިންދައްތަގެ ވަޒީފާ އަބުރާ އިއާދަކުރުމަށް މިއަދު ޓްރައިބިއުނަލްއިން ކުރި އަމުރުގައިވަނީ ވަޒީފާއަށް ނެރުމުގެ އިތުރުން އާމިންދައްތައަށް މިހާތަނަށް ނުދީވާ މުސާރަވެސް ދިނުމަށެވެ. އާމިންދައްތައަށް ލިބިދޭންޖެހޭ މުސާރައާއި އިނާޔަތް ދިނުމަށް ޓްރައިބިއުނަލްއިން ދީފައިވަނީ 30 ދުވަހުގެ މުއްދަތެކެވެ.

އާމިންދައްތަ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ މިއަަހރުގެ މަރޗް މަހުގެ 24ވަނަ ދުވަހުއެވެ. މި މައްސަލަގައި އޭނާ ކޯޓަށް ހާޒިރުކުރުމުން ކޯޓުންވަނީ މައްސަލައިގެ ތަހުގީގު ނިމެންދެން އާމިންދައްތަ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

މިމައްސަލަ ހުށަހެޅުމާއެކު، ސީރިއަސް އަދި އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރިއަށް ގެންގޮސް، މައްސަލައާ ގުޅިގެން ސުވާލުކުރަންޖެހޭ އެންމެހާ ފަރާތްތަކާ ސުވާލުކޮށް، ހެއްކާއި ގަރީނާ ހޯދުމުގެ މަސައްކަތް ކޮށްފައިވާކަމަށް ފުލުހުން އޭރު ވިދާޅުވެފައި ވެއެވެ. ތަހުގީގުގައި ފުލުހުން ހޯދާފައިވާ ހެއްކާއި ގަރީނާ، އެންމެހާ ލިޔެކިޔުންތަކާއެކު، ޖިނާއީ ދައުވާއެއް ކުރުމާމެދު ގޮތެއް ނިންމުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށައެޅީ މިއަހަރުގެ އެޕްރިލްމަހުއެވެ.

މައްސަލައިގެ ތަހުގީގުގައި ހޯދާފައިވާ ހެއްކާއި ގަރީނާ ވަޒަންކުރުމަށްފަހު، ޖިނާއީ ދައުވާއެއް ކޮށްގެން ކުށް ސާބިތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާކަމަށް ބަޔާންކޮށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މައްސަލަ ވަނީ އަނބުރާ ފޮނުވާލާފައެވެ. އެހެންކަމުން މައްސަލައިގައި ހައްޔަރުކުރި އާމިންތައްދަ ފުލުހުންވަނީ ފަހުން ދޫކޮށްލާފައެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައިގެ ތަހުގީގަށް ލިބުނު ހުރިހާ މައުލޫމާތެއްގެ ވަށައިގެންވާ އެންމެހައި ކަންކަން ބަލައި، އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދުމަށް ފުލުހުން މަސައްކަތްކޮށްފައި ވާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.