"ބްރައްމަސްތުރާ"ގެ އިތުރު ޓްރެއިލާއެއް ނެރެފި

"ބްރައްމަސްތުރާ"ގެ އިތުރު ޓްރެއިލާއެއް ނެރެފި

ބޮލީވުޑްގައި މިހާތަނަށް އުފައްދާ އެންމެ އަގުބޮޑު ފިލްމު ކަމުގައިވާ "ބްރައްމަސްތުރާ"ގެ ދެވަނަ ޓްރެއިލާއެއް ބެލުންތެރިންނަށް ދައްކާލައިފިއެވެ.

އާލިއާ ބަޓާއި ރަންބީރު ކަޕޫރުގެ އަލަތު ފިލްމުގެ ބައެއް ލަވަތަކާއި ޓީޒާތަކުގެ އިތުރުން ފިލްމުގެ ޓްރެއިލާއެއް ވެސް ވަނީ މީގެކުރިން އާންމުކޮށްފައެވެ.

5 އަހަރުގެ ދިގު މުއްދަތެއް ހޭދަވެގެން ހެދި މި ފިލްމުގެ ޑައިރެކްޓަރަކީ އަޔާން މުކަރްޖީއެވެ. ފިލްމުގައި އޭލިސްޓްގެ ގިނަ އަދަދެއްގެ ތަރިން ހިމެނެއެވެ. އޭގެ ތެރޭގައި އަމިތާބް، މޯނީރޯއީގެ އިތުރުން ސައުތުގެ މަޝްހޫރު އެކްޓަރު ނާގަ އަރުޖުނާ އަކިނޭނީވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. އަދި ޝާހުރުކް ޚާންގެ ހާއްސަ ފެނިލުމެއް ވެސް މި ފިލްމުން ފެނިގެންދާނެއެވެ.

ފެންޓަސީ އެޑްވެންޗާއެއްގެ ގޮތުގައި ހަދާފައިވާ "ބުރައްމަސްތުރާ" އަކީ ތިން ބަޔަކަށް ގެނެސްދޭން ހަމަޖެހިފައިވާ ޓްރިލޮޖީގެ ފުރަތަމަ ބައެވެ.

ގިނަ އަދަދެއްގެ ވީއެފްއެކްސް ހަދާފައިވާ މި ފިލްމަކީ މިފަދަ ގޮތަކަށް އިންޑިއާގައި ގެނެސްދޭ ފުރަތަމަ ފިލްމެވެ. ވަރަށް ތަފާތު ގޮތަކަށް އަދި އެހާމެ ތަފާތު ކަންތައް ތަކެއް ގެނެސްދޭ މި ފިލްމުގެ ދެވަނަ ބައި ހުށައަޅާފައި ވަނީ ރިތިކް ރޯޝަން އާއި ދީޕިކާ ޕަޑުކޯނަށެވެ. ނަމަވެސް މި ފިލްމަށް އަދި އެދެތަރިން ކުރެ އެއްވެސް ތަރިއެއް އާނބަސް ބުނެފައެއް ނުވެއެވެ.

ފިލްމު މިމަހުގެ 9 ވަނަ ދުވަހު ސިނަމާތަކަށް ގެންނައިރު ފިލްމު 8000 ސިނަމާއެއްގައި އަޅުވާނެ ކަމަށްވެއެވެ. އެގޮތުން އިންޑިއާގެ 5000 ސިނަމާއަކާއި ދުނިޔޭގެ އެކި ކަންކޮޅު ތަކުގެ 3000 ސިނަމާއެއްގައި ފިލްމު ލިރީޒް ކުރާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *