އަދުލުވެރިކަން ގާއިމު ކުރުމުގެ މަރުހަލާ ފެށެނީ ފުލުހުންނާ ހިސާބުން: ޢިމްރާން

އަދުލުވެރިކަން ގާއިމު ކުރުމުގެ މަރުހަލާ ފެށެނީ ފުލުހުންނާ ހިސާބުން: ޢިމްރާން

Author
މުޙައްމަދު ޖިމީ
01 ސެޕްޓެމްބަރ 2022 06:06
0

އަދުލުވެރިކަން ގާއިމު ކުރުމުގެ މަރުހަލާގެ އެންމެ ފުރަތަމަ ޒިންމާ އަދާކުރަންޖެހޭ ބަޔަކީ އެ މުޖުތަމައެއްގައި ތިބޭ ފުލުހުން ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިގޮތަށް ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅިގެން ބޭއްވި، މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިތުރަށް ވިދާޅުވީ، އަދުލުވެރިކަމާއި އިންސާފާއި ހަމަހަމަކަމާއި ރައްކާތެރިކަން ގެއްލޭ ކޮންމެ މުޖުތަމައަކީ ވީރާނާވެ ފަނާވެ ހަލާކުވުމުގެ މުޖުތަމައެއް ކަމުގައި ވެގެންދާކަމަށާއި، މި މަސައްކަތް އިންސާނުންގެ ތެރެއިން ފެށުނީއްސުރެ ކުރާބަޔަކު ކޮންމެ މުޖުތަމައެއްގައިވެސް ދިރިއުޅެމުންދާކަމަށެވެ. އަދި އިންސާނުންގެ މުޖުތަމައުތައް ހިންގުމުގެ ނިޒާމުތަކަށް އަންނަމުން ދިޔަ ބަދަލުތަކުގެ ތެރެއިން މިއަދުގެ ދުނިޔޭގައި މި މަސައްކަތްކުރުމުގެ މަރުހަލާތަކާއި ނިޒާމުތައް ބެހިގެން ދިޔައިރު އެ މަސައްކަތް އެންމެ ބޮޑަށް އެ ބައެއްގެ ބޮލުގައި އެޅިފައިވާ ނުވަތަ މި މަރުހަލާގެ އަދުލުވެރިކަން ގާއިމު ކުރުމުގެ މަރުހަލާގެ އެންމެ ފުރަތަމަ ޒިންމާ އަދާކުރަންޖެހޭ ބަޔަކީ އެ މުޖުތަމައެއްގައި ތިބޭ ފުލުހުންކަމަށް ވިދާޅުވިއެވެ.

އަދި މި މުޖުތަމައުގެ އަދުލުވެރިކަމާއި އަމަންއަމާންކަމާއި ރައްކާތެރިކަން މި މުޅި މުޖުތަމައަށް ކަށަވަރުކޮށްދިނުމުގެ އެންމެ ފުރަތަމަ ސަފަކީ ފުލުހުންގެ ސަފުކަމަށާއި މި ސަފުގައި ތިބޭ ކޮންމެ ފަރާތެއްވެސް އެ އަދާކޮށްދެނީ މުޖުތަމައަށްޓަކައި ވަރަށް ބޮޑު ޒިންމާއެއްކަމަށް ވިދާޅުވިއެވެ. އަދި އެ އަދާކޮށްދެނީ މުޅި މުޖުތަމައުގެ ހުރިހާ ފަރުދުންގެ ޒިންމާކަމަށާއި އެ ޒިންމާއަށް ރައްކާތެރިވުމަކީ ހެޔޮ މުޖުތަމައެއްގެ ގޮތުގައި ދެމިއޮތުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންގެ ތެރެއިން ކުރެވޭ މަސައްކަތްތައް އެއް ދުވަހުން އަނެއް ދުވަހަށް ހަރުދަނާކޮށް ކުރިއަރުވައި ޚިދުމަތް ރަނގަޅުކުރުމަކީ ފުލުހުންގެ އެތެރެއިން ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ބަލައިގަނެ އެ ޚިދުމަތަށް އިހުތިރާމާއި ލޯބިކޮށް ގަދަރުކުރުމަކީ އެ މުޖުތަމައުގެ އަފުރާދުންގެ ޒިންމާއެއް ކަމަށާއި މިހުރިހާ ދިމާއަކުން މިކަން ފުރިހަމަ ނުވާކަމަށް ވާނަމަ އެ މުޖުތަމައެއްގެ ތެރޭގައި އޮންނަންޖެހޭ އަމަންއަމާންކަމާއި ރައްކާތެރިކަމާއި ސުލްހަވެރިކަމުގެ ސިފަތައް ފުރިހަމަނުވާނެ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ދައުލަތުގެ މުއައްސަސާއަށް، ރައްޔިތުންގެ މުއައްސަސާއަށް، ރައްޔިތުންގެ ކަރާމާތަށާއި ރައްޔިތުންގެ ރައްކާތެރިކަމަށް ޚިދުމަތް ކުރުމުގައި 25 އަހަރު ދެމިތިބުމަކީ ވަރަށް ބޮޑުކަމެއް ކަމަށާއި އެއީ ގައުމެއްގެ ހަޔާތުގައި ހަތަރު ޖީލުގެ މަސައްކަތްކަމަށާއި މި ޚިދުމަތް މިގޮތުގައި ފުރިހަމައަށް އަދާކޮށް އެއް ޖީލުން އަނެއް ޖީލަށް ނަގުލުކޮށް ގެންގޮސްދޭ ކަންކަން ބަލައިގަތުމަކީ އެބައެއްގެ ތެރޭގައި އޮތް ކުރިއެރުމުގެ ތަސައްވަރު ފުރިހަމައަށް ހާމަކޮށްދޭކަމެއްކަމަށް ވިދާޅުވިއެވެ. އަދި ދުނިޔޭގައި ކުރިއަރައިގެންދާ ގައުމުތަކުން ކުރިއަރައިގެންދަނީ މިފަދަ ޚިދުމަތްތައް އެއް ޖީލުން އަނެއް ޖީލަށް ނަގުލުކުރެވޭއިރު އެއް ޖީލަށްވުރެ އަނެއް ޖީލުގެ ޚިދުމަތް ފުރިހަމަ ކުރާނެ މަގުތައް ކޮށައިދީ ދައްކައި ދިނުމުގެ ނަތީޖާއެއްގެ ގޮތުންކަމަށް ވިދާޅުވިއެވެ.

އަދި އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަން މި މުޖުތަމައުގައި ގާއިމު ކުރުމަށްޓަކައި އިސްކުރުމަށް ފުލުހުންގެ ބޮލުގައި މި ޒިންމާ އަޅުވާފައި ތިބުމަކުން ނުވާނެކަމާއި، އަނެއްކޮޅުން ފުލުހުން މި ޒިންމާ އެންމެ ހެޔޮގޮތުއި އަދާ ނުކުރުމަކުންވެސް ނުވާނެކަމާއި، ކާބަފައިންގެ ދުވަސްވަރުއޮތް އަމަންއަމާންކަމާއި ރައްކާތެރިކަން އިހުސާސް ކުރުމަށްޓަކައި ވަރަށް ބައިވަރު މަސައްކަތްކުރަންޖެހިފައިވާކަން ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.