ރައީސް ސާލިހުގެ ސަރުކާރުގެ މަސައްކަތްތައް ރައްޔިތުން ވަރަށް ރަގަޅަށް ބަލައިގެންފައި ވާކަމަށާއި، ދެވަނަ ދައުރަކަށް އިންތިޚާބުވާނޭ ކަމުގައި ފޮރިން މިނިސްޓަރ އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޔޫއެން ޖެނެރަލް އެސެމްބްލީގެ ރައީސްގެ ހައިސިއްޔަތުން އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އިންޑިއާގެ "ދަ ޕްރިންޓް" ނަމަކަށް ކިޔާ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވެފައިވަނީ، ރައީސް ސާލިހުގެ މަސައްކަތްތައް ދިވެހިން ވަރަށް ރަގަޅަށް ބަލައިގެންފައި ވާކަމުގައެވެ.
"ރައީސް ސާލިހު އަލުން އިންތިޚާބުވާނެ. ދިވެހި ރައްޔިތުންނަވަނީ ރައީސް ސާލިހުގެ އާދަޔާ ޚިލާފު ރިޔާސަތުގައި ކޮށްފައިހުރި ރަގަޅު މަސައްކަތްތައް ބަލައިގެންފައި.
ރައީސް ސާލިހު ދެވަނަ ދައުރަކަށް އިންތިޚާބާވާނެކަމަށް ދެކެވަޑައިގަންނަވަންތޯ ނޫސްވެރިޔާ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޝާހިދު ވިދާޅުވެފައި ވެއެވެ.
ޝާހިދުއަކީ އެމްޑީޕީގެ އެތެރޭގައި ހިގަމުންދާ ސިޔާސީ ކޯޅުމުގައި މިހާތަނަށް ވަކިއަތަކަށް ޖެހިވަޑައިގެން ވާހަކަ ދައްކަވާފައިވާ ބޭފުޅެއް ނޫންކަން ފާހަގަ ކޮށްލެވެއެވެ. އެހެންނަމަވެސް ޝާހިދު މިފަހަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ކުރައްވާފައިވަނީ، މަޖިލިސް ރައީސް މުހައްމަދު ނަޝީދު ނުރަސްމީކޮށް އިންޑިއާއަށް ކުރެއްވި ދަތުރުފުޅާ ދިމާކޮށްކަން ފާހަކަ ކޮށްލެވެއެވެ. އަދި ނަޝީދު ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކާވެސް ޝާހިދުވަނީ ދާދިފަހުން ދެކޮޅު ހައްދަވާފައެވެ.
ރައީސް ސާލިހު ދެވަނަ ދައުރެއް ކާމިޔާބު ކުރައްވާނެކަމަށް ޝާހިދު ވިދާޅުވެފައި ވާއިރު، އެންމެ ފަހުން ބޭއްވުނު "އާސްކް ސްޕީކަރ" ޕްރޮގްރާމްގައި މަޖިލިސް ރައީސް ނަޝީދު ވިދާޅުވެފައިވަނީ ޝާހިދު ހުންނެވީ ރައީސްކަން ކުރެއްވުމުގެ ހުރިހާ ރުކުނެއް ފުރިހަމަ ވެފައި ކަމުގައެވެ. އަދި ރައީސް ސާލިހު ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނޭކަމަށް ދެކެވަޑައިނުގަންނަވާނޭ ކަމަށްވެސް ނަޝީދު ވިދާޅުވެފައި ވެއެވެ.
ޝާހިދު މިފަހަރު އިންޑިއާއަށް ވަޑައިގެނެންވި ދަތުރުފުޅު ނަޝީދުގެ ދަތުރުފުޅާ ދިމާކުރުމުން، ނަޝީދުއާއި ޝާހިދު އެކީ ރިޔާސީ އިންތިޚާބަށް ނިކުންނެވުމަށް ތައްޔާރުވަމުންދާ ކަމަށްވެސް ބައެއް ފަރާތްތަކުންވަނީ ގަބޫލުރަން ފަށާފައެވެ. އެހެންނަމަވެސް ޝާހިދު މިހާތަނަށް ވިދާޅުވެފައިވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ތާއީދު ކުރައްވާނީ ރައީސް ސާލިހަށް ކަމުގައެވެ.