ކުރީގެ ފިލްމީ ތަރި ފައުޒިއްޔާ ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފައުޒިއްޔާ ނިޔާވީ މިއަދު ހެނދުނު ލަންކާގައެވެ. ނިޔާވީ ހާޓް އެޓޭކެއް ޖެހިގެންކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ފައުޒިއްޔާ ނިޔާވިއިރު ޞިއްޚީ ގޮތުން މާބޮޑު މައްސަލަތަކެއް ނެތްކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. ފައުޒިއްޔާ ދިރިއުޅުއްވަމުން ގެންދަނީ ސްރީލަންކާގައެވެ.
ފިލްމުތަކުގައި މަންމަގެ ރޯލު ކުޅެގެން ގިނަ ބައެއްގެ މަގްބޫލްކަން ހޯދި ފައުޒިއްޔާ ފިލްމީ ދާއިރާގައި އުޅޭތާ 35 އަހަރަށް ވުރެން ގިނަ ދުވަސްވެއްޖެއެވެ. ނަމަވެސް މިފަހުން އޭނާ ފިލްމީ ދާއިރާއިން މާބޮޑަށް ނުފެނެއެވެ.
ފައުޒިއްޔާ ނިޔާވުމާއި ގުޅިގެން ގިނަ ބަޔަކު ގެންދަނީ ތައުޒިޔާ ކިޔަމުންނެވެ. އޭގެ ތެރޭގައި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ބަޔަކުވެސް ހިމެނެއެވެ.
ފައުޒިއްޔާއަކީ އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އިސްރޯ) ގެ ސައިންސްވެރިޔަކާއި ގުޅިގެން ޕާކިސްތާނަށް ޖާސޫސީ މައުލޫމާތުތަކެއް ފޯރުކޮށްދިން ކަމަށް ބުނާ މައްސަލައިގައި އިންޑިއާގެ ޖަލުގައި އަހަރުތަކެއް ހޭދަކުރި މީހެކެވެ.
އެކަމަކު އެ ގައުމުގެ ތަހުގީގީ މައި އިދާރާ ކަމަށްވާ ސީބީއައި އިން ކުރި ތަހުގީގުން އެނގުނީ އެއީ ކެރަލާ ފުލުހުން އަމިއްލައަށް އުފައްދަން އުޅުނު މައްސަލައެއް ކަމަށެވެ. އެ މީހުން ދޫކޮށްލީ ނުހައްގުން އަދަބު ދެމުންދިޔަ ކަން ސާބިތުވުމުންނެވެ.