ރާއްޖޭގެ ސަލާމަތީ ކަންކަމާއިމެދު ކަންބޮޑުވާންޖެހޭ ސަބަބުތައް އެބަހުރި ކަމަށާއި، އަމިއްލަ ސަރުކާރެއް އޮވެމެ އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިނުމަކީ ބޮޑު ކަންބޮޑުވުމެއްކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.
އިންތި މިހެން ވިދާޅުވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ގައުމީ ސަލާމަތާ ބެހޭ ބިލަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ކުރި ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
މިބަހުސްގައިވާ އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެމްބަރުންވަނީ މިބިލް މަޖިލީހުން ބޭރުކޮށްލުމަށް ވާހަކަ ދައްކަވާފައެވެ. ނަމަވެސް އިންތި ވިދާޅުވީ އިދިކޮޅު ހުށަހެޅި ނަމަވެސް މިފަދަ މުހިންމު ބިލްތަކާއިމެދު ވިސްނައި ކޮމެޓީ މަރުހަލާއަށް ގެންދަން ނަމަވެސް ފުރުސަތެއް ދޭންޖެހޭކަމަށެވެ.
ޤައުމީ ސަލާމަތާއި ގުޅުންހުރި މައްސަލަތަކަށް އިޝާރާތް ކުރައްވައި އިންތި ވިދާޅުވީ ރާއްޖޭގައި ސަލާމަތީ ގޮތުން ކަންބޮޑުވާންޖެހޭ ކަންކަން ހުރިކަން ގަބޫލު ކުރަންޖެހޭކަމަށެވެ. އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރެއްވީ ރައީސް ނަޝީދަށް ދެއްވި ނުރައްކާތެރި ޓެރެރިސްޓު ހަމަލާއެވެ. އިންތި ވިދާޅުވީ އަމިއްލަ ވެރިކަމެއް އޮވެ ރައީސް ނަޝީދަށް އެފަދަ ހަމަލާއެއް ދިނުމަކީ އިންތިހާއަށް ކަންބޮޑުވެ ޤައުމުގެ ސަލާމަތާއި މެދު ކަންބޮޑުވުން އޮތްކަމެއްކަމަށެވެ.
އަޅުގަނޑު އެންމެ ހިތާމަ ކުރަނީ އަޅުގަނޑުމެންގެ އަމިއްލަ ސަރުކާރެއް އޮތް ވަގުތުގައި އެފަދަ ހަމަލާއެއް އެމަނިކުފާނަށް ރައްދުވާތީ. މީގެ ކުރީގެ އިދިކޮޅު ސަރުކާރުތައް އެމްޑީޕީއާއި ދެކޮޅު ސަރުކާރުތައް އޮތް އިރުވެސް އެމަނިކުފާނަށް އެފަދަ ހަމަލާއެއް އައިސްފައިނުވޭ. އަޅުގަނޑު ހިތާމަކުރަން އަޅުގަނޑުމެންގެ އަމިއްލަ ސަރުކާރެއް އޮތްވާ މިފަދަ ހަމަލާއެއް ދިނީތީވެ. މިއީކީ އެފަދަ ހަމަލާތަކެއް ރާވާކަން ނޭގި ސިއްރުގައި އެހެން އޮވެގެން އައި ހަމަލާއެއް ނޫން. އެގި އޮތްވާ އައި ހަމަލާއެއް.
– އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ ރައީސް ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާއާއި ގުޅިގެން މަޖިލީހުން ހެދި އިންކުއަރީގައި ފާހަގަ ކުރި ކަންކަން އަދާއިހަމައަށްވެސް ތަންފީޒު ނުވާކަކީ ކަންބޮޑުވާކަމެއްކަމަށެވެ. އަދި ރައީސް ނަޝީދަށް ދިން ހަމަލާ ރައްޔިތުންގެ މަޖިލީހުން ބަަލަމުން ދިޔައިރު ރައީސް ފަރުވާގައި އެނދުމަތީގައި އޮއްވައި ކޮމިޓީއަށް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން ސަލާމާތައި ބެހޭ ވަކިވަކި ފަރާތްތައް މަޖިލީހަށް ނުފޮނުވާން މަސައްކަތްކުރި ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. އެހެން ނަމަވެސް ގާނޫނު އަސާސީން ވަރަށް ސާފުކަން އެގޮތަށް ފޮނުވޭނެކަން އެނގެން އޮތްކަން އިންތި މިއަދު ވެސް ފާހަގަ ކުރިއެވެ.
އަދިވެސް އެމަނިކުފާނަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަށްޓަކައި، މަޖިލީހުން ހެދި އިންކުއަރީގައި ހުރި ކަންކަން ފުރިހަމަ ކޮށްފައި ނުވޭ. އެވެސް އަޅުގަނޑު ހިތާމަކުރާކަމެއް.
– އިންތި ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގެ ޝަރީއަތް ކުރިއަށްދާއިރު، ޝަރީއަތްވެސް އެންމެ އެކަށީގެންވާ ގޮތަށް ކުރިއަށް ނުތީ އެމަނިކުފާނުގެ ގާނޫނީ ޓީމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.