ރައީސް ޔާމީންގެ ޝަރީއަތް ތާވަލްކުރެއްވުމަށް ފަހު ގާޒީ ޗުއްޓީއަށް، ޝަރީއަތް ކެންސަލް

ރައީސް ޔާމީންގެ ޝަރީއަތް ތާވަލްކުރެއްވުމަށް ފަހު ގާޒީ ޗުއްޓީއަށް، ޝަރީއަތް ކެންސަލް

Author
މުޙައްމަދު ޝަޒައިމް
30 އޮގަސްޓް 2022 09:20
0

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރާ އާރަށުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ( އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޒިޔަތުގެ ހެކިބަސް ނެގުމަށް މިއަދަށް ތާވަލް ކުރުމަށްފަހު ޝަރީއަތް ކެންސަލްކޮށްފިއެވެ.

މިއަދުގެ ޝަރީއަތް ކެންސަލް ވެފައިވަނީ ހެކިބަސް ނެގުން ތާވަލްކުރެއްވުމަށް ފަހު ގާޒީ ޗުއްޓީއަށް ވަޑައިގަތުމުންނެވެ. މިއަދު ޝަރީއަތް ބާއްވަން ކުރިން ނިންމި ނަމަވެސް ގާޒީ ވަނީ އަންނަ މަހުގެ ހަވަނަ ދުވަހާ ހަމައަށް ޗުއްޓީއެއް ނަންގަވައިފައެވެ.

ވ. އާރަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ހިޔާނަތްތެރިވިކަމުގެ ތުހުމަތުގައި ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑަރކުރުމާއި ރިޝްވަތު ޤަބޫލުކުރިކަމުގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގައި މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށްވެސް ދައުލަތުން ވަނީ ދައުވާކޮށްފައެވެ.

ކްރިމިނަލްކޯޓުގައި ކުރިޔަށް ދާ މައްސަލައިގެ ޝަރީއަތުގައި މިމަހުގެ 15 ވަނަ ދުވަހު ތާވަލުކުރި އަޑުއެހުުގައި އޮތީ ޒިޔަތުގެ ހެކިބަސް ނެގުމެވެ. ޝަރީއަތް ފެށުމާއިއެކު ރައީސް ޔާމީންގެ ވަކީލާއި ޔޫސުފް ނައީމްގެ ވަކީލުން ވަނީ އަދީބާއި ޒިޔަތުގެ ހެކި ބަސް އެއްދުވަހެއްގައި ނަގާދިނުމަށް އެދިފައެވެ. ސަބަބެއްކަމަށް ދިފާއީ ވަކީލުން ބުނީ އަދީބާއި ޒިޔަތަކީ ގާތްގުޅުމެއް އޮންނަ ދެ މީހުންނަށްވުމުން ދެ ދުވަހެއްގައި ހެކިބަސް ނަގައިފިނަމަ ހެކި އުފައްދައިގެން ހެކިބަސް ދީފާނެކަމަށް ބެލެވޭތީއެވެ.

ދިފާއީ ވަކީލުންގެ މި ވާހަކަތަކަށް ޖަވާބުދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ މި މައްސަލާގައި ހިމެނޭ ހެކިންގެ ލިސްޓެއް ދިފާއީ ވަކީލުންނަށްވެސް ލިބިފައިވާނެކަމަށާއި ހެކިވެރިން އެކި ދުވަހު ހާޒިރުކޮށް ހެކިބަސް ނަގާގޮތަށް ދުރާލާ ޝަރީއަތުން އަންގާފައިވާކަމަށެވެ. އަދި މީގެކުރިން ދިފާއީ ވަކީލުން އެެކަމަށް އިއުތިރާޒުކޮށްފައި ނުވާކަންވެސް ދައުލަތުން ފާހަގަކުރިއެވެ. އެހެންނަމަވެސް އަދީބާއި ޒިޔަތުގެ ހެކިބަސް އެއް ދުވަހެއްގައި ނަގަން ދައުލަތުން ދެކޮޅެއް ނަހަދައެވެ.

ވ. އާރަށު މައްސަލާގައި ރައީސް ޔާމީނާއި ދެކޮޅަށް ދައުވާކުރާ މައްސަލާގައި އެންމެ ފަހުން ހެކިބަސްދީފައިވަނީ ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ކުރިން ހުންނެވި އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަންވެސް ކުރައްވާފައިވާ އަހްމަދު ނާޒިމްއެވެ. އޭނާ ހެކިބަސް ދެމުން ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މޭސްތިރިއަކީ ޔާމީންކަމަށާއި އެ ހިޔާނާތް ހިންގާކަން ޔާމީނަށް ރަނގަޅަށް އެނގިވަޑައިގަންނަވާކަމަށެވެ. އަދި އެކަން ފަށާފައިވަނީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންތާ 6 މަސްވިތަނާކަމަށާއި ދައުލަތުގެ ފައިސާއަށް ރައީސް ޔާމީން ހިޔާނާތްތެރިވީ 2018ގެ ރިޔާސީ އިންތިހާބު ކެމްޕެއިން ދުވަސްވަރު އެކި ވިޔަފާރިވެރިން އަތުން ނެގީ ލޯންތައް އަދާކުރުމަށްކަމަށެވެ. ދައުލަތުގެ މި ދައުވާއަށް ރައީސް ޔާމީނާއި ޔޫސުފް ނައީމްވެސް ވަނީ އިންކާރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކަނީރު
ޗުއްޓީ ހޭދަކުރައްވަނީ ކޮންތާކުބާ؟ ގިނަބަޔަކު ޖަވާބު ބޭނުންވާ ސުވާލެއް.