ފަތުރުވެރިކަމަށް 30 އަހަރު ޚިދުމަތްކޮށްފައިވާ މީހުންގެ މައުލޫމާތު އެއްކުރަނީ

ފަތުރުވެރިކަމަށް 30 އަހަރު ޚިދުމަތްކޮށްފައިވާ މީހުންގެ މައުލޫމާތު އެއްކުރަނީ

Author
މުޙައްމަދު ޝަޒައިމް
30 އޮގަސްޓް 2022 08:47
0

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް 30 އަހަރަށްވުރެ ދިގު މުއްދަތަށް ޚިދުމަތްކޮށްދީފައިވާ މީހުންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޓޫރިޒަމުން ފަށައިފިއެވެ.

މިނިސްޓްރީން ކޮށްފައިވާ އިޢުލާނެއްގައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދީފައިވާ މީހުންނާއި ޚިދުމަތުގައި ތިބި މީހުންގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާއަށް މުހިންމު ކުރިއެރުމެއް ގެނައުމުގައި އިސް ދަޢުރެއް އަދާކޮށްފައިވާ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް، އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީއިން ކުރަމުންދާކަމަށެވެ.

އެގޮތުން ފަތުރުވެރިކަމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން މަޢުލޫމާތު އެއްކުރަން ފަށާފައިވާއިރު، އާއްމުންގެ ފަރާތުން މިކަމުގައި އެހީއަށް ވަނީ އެދިފައެވެ. ދާއިރާއަށް 30އަހަރަށްވުރެ ދިގު މުއްދަތައް ޚިދުމަތް ކޮށްދީފައިވާ މީހުންނާ، ފާހަގަކޮށްލެވޭ މަސައްކަތެއް ކޮށްފައިވާ ފަރާތެއް ވާނަމަ، އެކަމުގެ މަޢުލޫމާތު އަންނަ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓްރީއާ ޙިއްސާކުރުމަށް ވަނީ އެދިފައެވެ. މި މަސައްކަތަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ 50 ވަނަ އަހަރު ފާހަގަކުރުމަށް ކުރާ މަސައްކަތުގެތެރޭގައި ހިމެނޭ ކަމެކެވެ.

50 ވަނަ އަހަރު ފާހަގަކުރުމަށް ކުރާ މަސައްކަތުގެތެރޭގައި ހިމަނައިގެން ޓޫރިޒަމް މިނިސްޓްރީން ވަނީ ފަތުރުވެރިވެރިކަމުގެ ޚާއްސަ އެވޯޑެއް މިއަހަރު ދިނުމަށް ނިންމާފައެވެ. އަދި މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރޭ މުނާސަބާ ކަމަށްވުމާއިއެކު، މިއަހަރުގެ ޤައުމީ ޚާއްސަ އިނާމުގައިވެސް ފަތުރުވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ މަސައްކަތްތައް ކޮށްފައިވާ ފަރާތްތަކަށް އިނާމު އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވަނީ ނިންމަވާފައެވެ.

ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމަށް މުޅި އަހަރަށް ބަހާލައިގެން ރާއްޖޭގައި ގިނަ ހަރަކާތްތަކެއް އަންނަނީ ކުރިއަށްގެންދަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.