ޝަރީޢަތް ކުރަންވާނީ އިންސާފުން، ފްލެޓަކަށް ނޫން: ޓޮމް

ޝަރީޢަތް ކުރަންވާނީ އިންސާފުން، ފްލެޓަކަށް ނޫން: ޓޮމް

Author
މުޙައްމަދު ޝަޒައިމް
30 އޮގަސްޓް 2022 08:21
0

ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވާ ފަނޑިޔާރުން ޝަރީޢަތް ކުރަންވާނީ އިންސާފުން ކަމަށާއި، ފްލެޓަކަށް ނޫން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ފަނޑިޔާރުންގެ ތެރެއިން ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ފަނޑިޔާރުނަށް އެފަދަ ތަނެއް ހޯދޭނެ މަގު ފަހިކޮށްދިނުމަށާއި، ފަނޑިޔާރުން އަމިއްލައަށް އެދިގެން ރިޓަޔާ ކުރެވޭ އުމުރަކީ 65 އަހަރުކަމުގައި ކަނޑައެޅުމަށް ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ހުށަހެޅުމާއި ގުޅިގެން ފާޑު ވިދާޅުވެ ކުރެއްވި ޓުވީޓެއްގައެވެ.

ފަނޑިޔާރުންނަށް ފްލެޓާއި ގޯތޮ ލިބޭނެ ގޮތެއް ހެދުމަށް ގާނޫނަށް އިސްލާހު ހުށަހަޅާއިރު، އިދިކޮޅު ލީޑަރު ރައީސް ޔާމީންގެ ޝަރީއަތްވެސް ދަށު ކޯޓުގައި ހިނގަމުންދެއެވެ. ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހާއި ގުޅިގެން ޓޮމް ވިދާޅުވީ ސިޔާސީ މީހުން އެދޭގޮތަށް ހުކުމްކޮށްދޭ ފަނޑިޔާރަކު މަޤާމް ޔަޤީންވާނެ ކަމަށް ދެކުމަކީ މޮޔަކަމެއް ކަމަށެވެ. މާޒީގައި ސްޕްރީމް ކޯޓުން ނެރުނު ބޮޑު އަމުރާއި، އެއާއިއެކު ފަނޑިޔާރުންނަށް ޖެހުނު ހާލާއިމެދު ވިސްނައި އެކަމުން އިބްރަތް ހާސިލް ކުރަންޖެހޭކަމަށް ޓޮމް ވިދާޅުވިއެވެ.

ސިޔާސީ މީހުން އެދޭގޮތަށް ހުކުމްކޮށްދޭ ފަނޑިޔާރަކު މަޤާމް ޔަޤީންވާނެ ކަމަށް ދެކުމަކީ މޮޔަކަމެއް. ސްޕްރީމްކޯޓްގެ 5 ފަނޑިޔާރުން ނެރުނު ބޮޑު ހުކުމާއި، އެ 5 ފަނޑިޔާރުންނަށް ޖެހުނު ހާލު އިބުރަތަކަށް ފުދޭ. ޝަރިޢަތް ކުރަންވާނީ އިންސާފުން، ފްލެޓަކަށް ނޫން.

– ޓޮމް ވިދާޅުވިއެވެ.

ޤާނޫނަށް އިސްލާހު ގެނެވިގެންދާއިރު ސަރުކާރުން ނުވަތަ އަމިއްލަ ފަރާތްތަކުން ހިންގާ ބޯހިޔާކަމުގެ މަސްރޫޢޫތަކުގެ ދަށުން ދޫކުރާ ބިމާއި ފްލެޓަށް ފަނޑިޔާރުންނަށް ކުރިމަތިލެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ. މީގެ އިތުރުން ފަނޑިޔާރުންނަށް ލިބިދެވޭ އިނާޔަތްތަކުގެ ތެރޭގައި ހިމެނޭ ލިވިންގ އެލަވަންސް ފަނޑިޔާރުންނަށް ލިބިދެވޭ އުސޫލު އިސްލާޙްކޮށް، އެ ލިވިންގ އެލަވަންސްގެ މިންވަރު ފަނޑިޔާރުންގެ އަސާސީ މުސާރައިގެ %30 އަށްވުރެ މަދު ނުވާނެ އަދަދެއް ކަމުގައި ކަނޑައެޅުމަށްވެސް ވަނީ އިސްލާހު ހުށަހަޅާފައެވެ.

ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު ތަކުގެ ތެރޭގައި ފަނޑިޔާރުކަމުގެ މަސައްކަތްތަކުގެ އިތުރުން ފަނޑިޔާރުން ކުރުން ގާނޫނު ހުއްދަކުރާ އެހެން މަސައްކަތަށް އުޖޫރަ ބަލައިގަތުމަކީ ގާނޫނުގައި ކަނޑައަޅާފައިވާ ދާއިރާގެ ތެރޭގައި ހުއްދަ ކަމެއް ކަމުގައިވެސް ކަޑައެޅިގެން ދާނެއެވެ.

ފަނޑިޔާރުކަށް ކުރިމަތިވާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރެއިން، މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރު ކަމަށް ބޭނުންވާ ފެންވަރަށް ތަޖުރިބާ ލިބިފައިވާ މީހުން ކަނޑައެޅުމުގައި އަމަލުކުރާ އުސޫލު އިސްލާޙުކޮށް މެޖިސްޓްރޭޓް ކޯޓެއްގެ ނުވަތަ އެހެން ކޯޓެއްގެ ލީގަލް އެސިސްޓެންޓް ކަމުގެ މަގާމުގައި، ނުވަތަ މަގާމުގެ މަސްއޫލިއްޔަތުގެ ގޮތުގައި ގާނޫނީ މަސައްކަތްކުރުން ކަނޑައެޅިފައިވާ އެފަދަ އެހެން މަގާމެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވާ ފަރާތްތަކަށް އެ މަގާމަށް ކުރިމަތިލެވޭ ގޮތަށްވެސް ޤާނޫނަށް އިސްލާހު ގެނެވިގެންދާނެއެވެ.

މީގެ އިތުރުން ފަނޑިޔާރުކަމުން އަމިއްލައަށް ރިޓަޔާވެވޭ އުމުރަކީ 55 އަހަރު ކަމުގައި މިހާރު އޮތްނަމަވެސް، ޤާނޫނަށް ހުށަހެޅިފައިވާ އިސްލާހުގައި ފަނޑިޔާރުކަމުން އަމިއްލައަށް އެދިގެން ވަކިވެވޭނެ އުރަކީ 65 އަހަރު ކަމުގައި ކަނޑައެޅިގެން ދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.