ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު މަޖިލީހަށް ފޮނުއްވި ބަޖެޓަކީ، ހަމައެކަނި ޢަދަދުތަކެއް ޖަހާފައި ފޮނުވި ބަޖެޓެއްކަމަށް ވިދާޅުވެ، މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ ޢާޒިމް ދައުލަތުގެ ބަޖެޓަށާއި ފިނޭންސް މިނިސްޓަރަށް ވަރަށް ބޮޑަށް ފާޑުވިދާލުވެއްޖެއެވެ.
ބަޖެޓް ބަހުސް މަރުހަލާގައި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުވެސް ތަޅުމުގައި އިންނެވުމާއެކު، އުސޫލީ މައްސަލައެއްކަމަށް ފާހަގަކުރައްވާ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ އާޒިމް ވަނީ ބަޖެޓު ފޮނުވުމަކީ ސިޓީއެއް ނުވަތަ ޢަދަދުތަކެއް ޖަހާލާފައި މަޖިލީހަށް ފޮނުވުންތޯ ނުވަތަ ތަފްސީލުތަކާއެކު ބަޖެޓް ފޮނުވުންތޯ ސުވާލު ކުރައްވާފައެވެ.
މަޖިލީހުގެ ޤަވާއިދުގެ 211 ވަނަ މާއްދާގެ "ހ"ގައި ބުނޭ ޤާނޫނު އަސާސީގެ 96 ވަނަ މާއްދާގެ "ހ"ގައި ބަޔާންކޮށްފައިވާގޮތުގެ މަތިން އެންމެ ލަސްވެގެން ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ކުރިން އެއަހަރެއްގެ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރ އޮފް ފިނޭންސް އިން ހުށައަޅަންވާނެކަމަށް. ވިއިރު ބަޖެޓް ފޮނުވުމަކީ ކޮބައިތޯ؟ ސިޓީއެއް ފޮނުވުންތޯ ޢަދަދު ޖަހާފަ 34 ބިލިއަން 37 ބިލިއަން ޖަހާފަ ފޮނުވުންތޯ؟ ނޫނީ އަޅުގަނޑުމެންނާ ހަމައަށް ތަފްސީލް ލިބުންތޯ؟
-އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ ޢާޒިމް
ޢާޒިމް ވިދަޅުވީ ބަޖެޓުގެ ތަފްސީލް މެންބަރުންނށް ލިބެންޖެހޭނެކަމަށާއި، ހުރިހާ މެންބަރުންނަކީ އެކި ދާއިރާތަކުގެ އެކްސްޕާޓުން ނޫންކަމަށެވެ. ބަޖެޓަކީ ކޮބައިކަމާމެދު ވާހަކަދައްކާ ކަމާގުޅުންހުރި ދާއިރާތަކާއި ބަޖެޓާ ގުޅުންހުރި ފަރާތްތަކާއި މަޝްވަރާކޮށް މަޖިލީހަށް އައިސް ވާހަކަދައްކަން މެންބަރުން ބޭނުންފުޅުވާއިރު ބަޖެޓުގައި ހިމަނާފައިވާކަންކަމަށް ތަފްސީލު ނެތްކަމަށް އާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން އާޒިމްގެ ވާހަކަފުޅުގައި މަޖިލީހުގެ ތަޅުމުގައި ދައްކާ ވާހަކަތައް ކޮމިޓިގައި ރިޔާއަތްކުރަންޖެހޭކަމަށާއި، ބަޖެޓު އޮންނަންޖެހޭ ހަމައެކަނި ސަރުކާރުން ފޮނުވާގޮތަށް ނޫންކަމަށްވެސް ވިދާޅުވިއެވެ. އެއަށްފަހު ޢާޒިމް ވިދާޅުވީ މިއުޅޭނީ ސަރުކާރާ ޖެހިގަނެގެނެއް ނޫންކަމަށާއި، ދިރާސާކޮށްލާފައި މައްސަލަތައް ފާހަގަކުރުމުން ކޮމިޓިގައި އެކަންކަމަށް ރިޔާއަތްކުރަންޖެހޭކަމަށް ޤަބޫލުކުރައްވާކަމަށެވެ. އަދި އެކަން މަޖިލީހުގެ ޤަވާއިދުގައިވެސް ބަޔާންކޮށްފައިޥާއިރު، މެންބަރުން ބަހުސްކޮށް ނުނިމެނީސް މިހާރު ބަޖެޓު ދިރާސާކުރުން ކޮމިޓީން ނިމުމަކާ ހަމައަށް އިސްފައިވާކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާލުވީ އަދަދުތަކެއް ޖަހާފައި ބަޖެޓް ފޮނުވުމުގެ ބަދަލުގައި ރިއަލިސްޓިކް ބަޖެޓެއް ފޮނުވަންޖެހޭކަމަށާއި، %50 ދަރަނި ބަޖެޓެއް ހުށައެޅުމަކީ ޤަބޫލުކުރެވޭ ކަމެއް ނޫންކަމަށެވެވެ. އާޒިމް ވިދާޅުވީ އެމްޑީޕީއަކީ ރައްޔިތުންގެ އުއްމީދުކަމަށާއި، އެޕާޓީން ކޮށްދޭން ބުނާ ހުރިހާކަމެއް ކޮށްދޭނެކަމަށެވެ. އެހެންކަމުން މިނިސްޓަރ އަމީރު އެކަންކަމަށް ސަމާލުކަން ދެއްވުމަށް އަލީ އާޒިމް އެދިވަޑައިގަތެވެ.
ކޮމެންޓު ފޮނުވާ