ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ކޮށްފައިވާ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ދައުވާގެ ޝަރީއަތް މާދަމާ ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފިއެވެ.
މި ޝަރީޢަތް މާދަމާއަށް ތާވަލް ކޮށްފައިވަނީ ހެނދުނު 9:00 ގައި ފަށާ ގޮތަށެވެ.
މަހުލޫފުގެ މައްސަލަ ކުރިމިނަލް ކޯޓުގައި އަލުން މިފަށަނީ، ދަށުން ކޯޓުން މައްސަލަ ބޭރު ކޮށްލުމާއި ގުޅިގެން ޕީޖީން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން، މައްސަލަ އަލުން ބެލުމަށް ހައިކޯޓުން އަމުރު ކުރުމާއި ގުޅިގެންނެވެ.
ކުރިމިނަލް ކޯޓުން އެންމެ މައްސަލަ ބޭރު ކޮށްފައިވަނީ ފާއިތުވި މާރޗްމަހުގެ 1 ވަނަ ދުވަހުއެވެ. އަދި ޕީޖީ އޮފީހުން އެމައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ މާރޗްމަހުގެ 6 ވަނަ ދުވަހުއެވެ. މައްސަލައިގެ ޝަރީއަތް ކުރިޔަށް ގެންދިއުމަށް ހައިކޯޓުން ކުރިމިނަލް ކޯޓަށް އަމުރު ކޮށްފައިވަނީ އެމަހުގެ 21 ވަނަ ދުވަހުއެވެ. ހައި ކޯޓުން މައްސަލަ ބެލުމަށް އަމުރު ކޮށްފައިވަނީ މައްސަލަ ބެއްލެވި ގާޒީންގެ އިއްތިފާގުންނެވެ.
މަހުލޫފުގެ މައްޗަށް އެސީސީން ކޮށްފައިވާ ތަހުގީގުގައި ބުނެފައިވަނީ މިހާރުގެ ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފް، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައިހުރެ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) ބިލަށް ވޯޓުދިނުމާއި ޕީ.ޕީ.އެމްގައި ދެމި ހުރުމުގެ މުޤާބިލުގައި 33,000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު އަޙްމަދު މަޚުލޫފް އަށް ލިބިފައިވާކަން ތަޙްޤީޤުން އެނގޭކަން ތަހުގީގަށް ފާހަގަވެފައިވާކަމަށެވެ.
އެގޮތުން، އެ ބިލް ފާސްކުރުމަށް ވޯޓް ދިނުމުގެ ގޮތުން 27 އޮގަސްޓް 2014 ގައި އަޙްމަދު މަޚްލޫފް ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް ޙާޟިރުވެފައިވަނީ މެލޭޝިޔާއިން ސީދާ މަޖިލީހުގެ ވޯޓަށްކަމާއި، ރައްޔިތުންގެ މަޖިލީހުގައި އަޙްމަދު މަޚްލޫފް އެ ބިލަށް ވޯޓު ދީފައިވަނީ ސަރުކާރާ އެއްކޮޅަށް ބިލް ފާސްކުރުމަށްކަމާއި، އެސް.އޯ.އެފްގެ ޗެކަކުން އަޙްމަދު މަޚުލޫފުގެ އެކައުންޓަށް 33,000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަޙްޤީޤުން އެނގޭއިރު، އެ ވޯޓަށްފަހު ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު (ހ.ސާމަރާ / މާލެ) އާއި އަޙްމަދު މަޚްލޫފް އާއި ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސް.އޯ.އެފް ގެ ޗެކް އަޙްމަދު މަޚްލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީޚްތަކާއި ގުޅުވުމުން، އަޙްމަދު މަޚްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ، އަދީބު، މަޚުލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަޙްޤީޤުން އެނގޭކަމަށް އޭސީސީން ބުންޏެވެ.
އަޙްމަދު މަޚްލޫފް ގެ އެކައުންޓަށް ޖަމާކޮށްފައިވާ ތެއްތިރީސްހާސް އެމެރިކާ ޑޮލަރު އަކީ، ޑޮލަރު ގަނެވިއްކުމުގެ މުޢާމަލާތެއް ކަމަށް ބުނެ އެސް.އޯ.އެފް ނަމުގައި ތައްޔާރުކޮށްފައިވާ “ޕޭމަންޓް ރިސީވްޑް” ލިޔުމެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އަށް އަޙްމަދު މަޚުލޫފުގެ ފަރާތުން ހުށަހަޅާފައި އޮތްނަމަވެސް، ތަޙްޤީޤުން ބެލިބެލުމުން އެ ފައިސާއަކީ ޑޮލަރު ގަތުތަށް ދީފައިވާ ފައިސާކަން އެނގޭކަށް ނެތްކަމަށްވެސް އޭސީސީން ބުންޏެވެ. އަދި މިއީ އަޙްމަދު އަދީބު ކިބައިން ރިޝްވަތުގެ ގޮތުގައި އަޙްމަދު މަޚްލޫފް ހޯދާފައިވާ ފައިސާކަން ހެކިންގެ ބަހުންނާއި، ތަޙްޤީޤަށް ލިބިފައިވާ ހެކި ޤަރީނާއިން އެނގެން އޮތަތީ، މި މައްސަލައިގައިކޮރަޕްޝަން ހުއްޓުވުމާ މަނާ ކުރުމުގެ ޤާނޫނުގެ ދަށުން، އަޙްމަދު މަޚްލޫފްގެ މައްޗަށް ދައުވާ ކޮށްދިނުން އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވީކަމަށްވެސް އޭސީސީން ބުންޏެވެ.
މީގެ އިތުރުން، ތެއްތިރީސް ހާސް އެމެރިކާ ޑޮލަރު އަކީ، ޑޮލަރު ގަނެވިއްކުމުގެ އަދި ސައްހަ މުއާމަލާތެއްކަން ދެއްކުމަށްޓަކައި އޭ.ސީ.ސީ އަށް ހުށަހަޅާފައިވާ “ޕޭމަންޓް ރިސީވްޑް” ލިޔުމާއި، އެ ޑޮލަރަށްވާ ދިވެހި ފައިސާ ނަގުދު ފައިސާއިން އެސް.އޯ.އެފް އާ ޙަވާލުކޮށްފައިވާނެކަމަށް، އަޙްމަދު މަޚްލޫފް އޭ.ސީ.ސީ އަށް ފޮނުވާފައިވާ ސިޓީއާއި، ދީފައިވާ ބަޔާނަކީ، ކަން ހިނގާފައިވާ ގޮތް އޮޅުވާލުމަށްޓަކައި ދީފައިވާ ބަޔާނެއްކަން ތަޙްޤީޤަށް ފާހަގަކުރެވޭކަމަށްވެސް އޭސީސީން ބުންޏެވެ. އެގޮތުން، އަޙްމަދު މަޚްލޫފް ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދީފައިވާކަން ތަޙްޤީޤަށް އެނގެން އޮތަތީ، ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ ދަށުން، ގ.ހާފްސީ، އަޙްމަދު މަޚްލޫފް ގެ މައްޗަށް ދައުވާ ކޮށްދިނުން އެދި މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވީކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.