ރައީސް ޔާމިން މިއަދު މެންދުރުފަހު 2:30 ގައި ކުއްލި ގޮތަކަށް ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕާއި ބައްދަލު ކުރައްވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލުވުމުގައި ހިމެނެނީ ޕީއެންސީގެ ނާއިބު ރައީސުން ކަމުގައިވާ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފާއި، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުއާއި، މާލޭ ސިޓީ ކައުންސިލް މެމްބަރު އިބުރާހިމް ޝުޖާއާއި، ޕީޕީއެމްގެ ސެނެޓްގެ މެމްބަރު މުހައްމަދު ހުސެއިން ޝަރީފްއާއި، ޕީޕީއެމްގެ ނާއިބު ރައީސް އައްސާން މައުމޫންއާއި، ޕީއެންސީގެ ރައީސް އަދި ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ޖޮއިންޓް ކައުންސިލްގެ ކޯ ޗެއަރ އަބުދުއްރަހީމްއެވެ.
ރައީސް ޔާމިން ކުއްލި ގޮތަކަށް ދެ ޕާޓީގެ ލީޑަރޝިޕާއި ބައްދަލު ކުރެއްވިއިރު، ރައީސް ޔާމިންގެ ވެރިކަމުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްކަން ކުރެއްވި އަހުމަދު މުސްތަފާ، ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ޖޮއިންޓް ކައުންސިލްގެ ކޯ ޗެއަރ އަބުދުއްރަހީމަށް ނިސްބަތްކޮށް ކޮށްފައިވާ ޓުވީޓެއްގެ ސަބަބުން ޕީޕީއެމްގެ ސެނެޓްގައި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނު ވެފައެވެ.
ނަމާދުގެ އަޑު ނީވޭގޮތަށް ހަދަން މިސްކިތްތަކަށް އިސްލާމިކް މިނިސްޓްރީން އެންގިކަމަށް ބުނެ ނޫހެއްގައި ލިޔެފައިވާ ޚަބަރަށް ނިސްބަތްކޮށް މުސްތަފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ "މިފަހަރު މިއޮތީ އެ އުޅޭ ޓިނު އަދުރޭގެ ހިސާބު ދިމާވެފަ!" ކަމުގައެވެ. މުސްތަފާގެ ޓުވީޓުގައި ވިދާޅުވީ، މި ވެރިކަމުގައި ބަންގީގެ އަޑު ކެނޑޭނެކަމަށް އަަދުރޭ ވިދާޅުވެފައިވާކަމަށާއި، މި ސަރުކާރުގެ އަމާޒު ހުރީ އެ ދިމާލަށް ކަމުގައެވެ.
މިފަހަރު މިއޮތީ އެ އުަޅޭ ޓިނު އަދުރޭގެ ހިސާބު ދިމާވެފަ! އޭނާ ބުނީ މިމީހުން ވެރިކަމާ ހަވާލުވެއްޖެނަމަ، ބަންގީގެ އަޑު ކެނޑޭނެއޭ! މިސްރާބު ހުރީ އެ އަމާޒައް! pic.twitter.com/Lv6GLVO9NN
— Ahmed Musthafa (@musthonomics) August 25, 2022
ޚަބަރު އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޕީއެމްގެ ސެނެޓްގައި މައްސަލަ ހޫނުވެފައިވަނީ، ޓުވީޓުގައި މުސްތަފާ އަބުދުއްރަހީމަށް "ޓިނު އަދުރޭ"ގެ ނަމުން މުޚާތަބުކުރުމާއި ގުޅިގެންނެވެ. އަދި މި ހިންހަމަނުޖެހުންތަކުގައި ސެނެޓްގެ ވައިބަރ ގުރޫޕުގައި ގިނަ މެމްބަރުންގެ ފާޑުކިއުން މުސްތަފާއަށް ވަނީ އަމާޒު ވެފައެވެ.
ސެނެޓްގެ ގިނަ މެމްބަރުން ފާހަގަ ކޮށްފައިވާ ގޮތުގައި، ރައީސް ޔާމިން ޖަލުގައި އޮންނެވި އިރުވެސް ޕީޕީއެމް ނަގާ ކޮޅަށް ޖެހުމަށް އޭރުވެސް އެންމެ ހިތްވަރާއެކީ މަސައްކަތް ކުރެއްވީ އަބުދުއްރަހީމް އިސްވެ ހުންނަވައިގެންނެވެ. އަދި ރައީސް ޔާމިންއަށް 2023 ކާމިޔާބު ކޮށްދޭން ބޭނުންވާނަމަ ޒާތީވުން ދޫކޮށްލާ އެކީގައި މަސައްކަތް ކުރަންޖެހޭނެކަމަށްވެސް ބައެއް މެމްބަރުން މުސްތަފާގެ މި ޓުވީޓާއި ގުޅިގެން ވިދާޅުވެފައި ވެއެވެ.
ރައީސް ޔާމިން ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގަތުމުން، ދެޕާޓީގެ ކައުންސިލްގެ ރިޔާސަތު ބެލެހެއްޓެވުން ހަވާލުކުރެއްވީ ޕީއެންސީގެ ރައީސް އަބުދުއްރަހީމްއާއެވެ. އަދި އޭރުއްސުރެ ރައީސް ޔާމިން މިނިވަންވުމާއި ހަމައަށް، ޕީޕީއެމް ޕިއެންސީ ހިންގުވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވަމުންއ އައީވެސް އަބުދުއްރަހީމްއެވެ.
ހަމައެއާއެކު، ރައީސް އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާއަކީވެސްީ ރައީސް ޔާމިން ވަރަށް ބޮޑަށް އިތުބާރު ކުރައްވާ، އަދި ވަރަށް ގާތް ބޭފުޅެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޕީއެމްގެ އެތެރޭގައި އުފެދިފައިވާ ހިންހަމަ ނުޖެހުންތަކާއި އުދާސްތަކުގައި އެޕާޓީގެ ތެރޭގައިވެސް ވަނީ ދެ ފެކްޝަނެއް އުފެދި، ގިނަ މައްސަލަތަކުގައި ދެ ފެކްޝަންގެ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ. މިގޮތުން އުފެދިފައިވާ ދެ ފެކްޝަންގައި ދެޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުންވެސް ތިއްބެވިކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ކޮމެންޓު ފޮނުވާ