ނަމާދު ކުރާ އަޑު ބޭރަށް ނީވޭގޮތް ހެދުމަށް ބައެއް މިސްކިތްތަކަށް އަންގައިފި

ނަމާދު ކުރާ އަޑު ބޭރަށް ނީވޭގޮތް ހެދުމަށް ބައެއް މިސްކިތްތަކަށް އަންގައިފި

Author
މުޙައްމަދު ޝަޒައިމް
25 އޮގަސްޓް 2022 11:00
0

މިސްކިތްތަކުގައި ބަންގި ގޮވާ ސްޕީކަރުން، ނަމާދުކުރާ އަޑު ބޭރަށް ނީވޭގޮތް ހަދަން މާލޭގެ ބައެއް މިސްކިތްތަކުގެ އިމާމުންނަށް އަންގާފައިވާނެ ކަމަށާއި، އެ ގޮތަށް އެންގީ އެ ހިސާބުތަކުގައި ދިރިއުޅޭ އާންމުންގެ ފަރާތުން ތަކުރާރުކޮށް ޝަކުވާ ލިބެމުން ދާތީ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.

އޮފިޝަލް ވިދާޅުވީ ނަމާދު ކުރާއިރު ބޭރަށް އަޑުއިވޭ ގޮތަށް ހުރުން އެއީ އަމަލުކުރަމުން އައި އާންމު އުސޫލު ކަމަށްވީ ނަމަވެސް އާންމުންނަށް އުދަނގޫވާ ވަރަށް އަޑު ބާރުކޮށްފައި ހުރުން ރަނގަޅު ނޫން ކަމަށެވެ.

ބައެއް މިސްކިތްތަކުގެ ލައުޑް ސްޕީކަރު މި ހުންނަނީ ސީދާ މީހުން ދިރިއުޅޭ އިމާރާތާ ދިމާލާ. އުސްކޮށް ހުންނަ އިމާރާތްތަކަށް އެހާލަތުގައި ވަރަށް އުދަނގޫވެދާނެ. އެހެންވެ ބަންގީގެ އަޑަށްފަހު ނަމާދުގެ އަޑު ވަރަށް ބޮޑަށް މަޑުކޮށްލަން ނޫނީ ނަމާދު ގަޑީގައި ކަނޑާލަން މިއެންގީ.

– އޮފިޝަލް ވިދާޅުވިއެވެ.

އެހެން ނަމަވެސް، މިސްކިތުގެ އެތެރޭގައި ހުންނަ އެއްވެސް ސްޕީކަރެއް ނިއްވާލަން އަންގާފައި ނުވާނެ ކަމަށާއި އާންމު އުސޫލުގެ ތެރެއިން ނަމާދުކުރާ އަޑު މިސްކިތުގެ ބޭރަށް އިވުން ލާޒިމް ނޫން ކަމަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި އެގޮތަށް އެންގީ ޝަކުވާ ލިބޭ ހިސާބުތަކުގައި ހުރި މިސްކިތްތަކަށް އެކަންޏެވެ. ނަމަވެސް އެއީ ކޮން މިސްކިތްތަކެއް ކަމެއް އަދި ކިހާ މިސްކިތް ކަމެއް ނުބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.