އެސްއޯއެފް ކުންފުނީގެ އެކައުންޓުތައް ފްރީޒް ކުރުމުގެ މަސައްކަތް އޭސީސީން ފަށައިފި

އެސްއޯއެފް ކުންފުނީގެ އެކައުންޓުތައް ފްރީޒް ކުރުމުގެ މަސައްކަތް އޭސީސީން ފަށައިފި

Author
މުޙައްމަދު ޝަޒައިމް
25 އޮގަސްޓް 2022 08:03
0

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ދައުރުކުރަން ބޭނުންކުރުމާ ގުޅިގެން ފްރީޒްކޮށްފައިހުރި އެސްއޯއެފް ކުންފުނީގެ އެކައުންޓްތަކާއި އެ ކުންފުންޏާ ގުޅުންހުރި އެހެން އެކައުންޓްތައް ދޫކޮށްލުމަށް ސިވިލް ކޯޓުން އަމުރުކުރުމާއި ގުޅިގެން އެއަކުންޓްތައް ފްރީޒް ކުރުމުގެ މަސައްކަތް އޭސީސީން ފަށައިފިއެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ 1.22 ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އެސްއޯއެފް ކުންފުނީގެ އެކައުންޓް ފްރީޒްކުރީ 2020 ވަނަ އަހަރުގެ ތެރޭގައެވެ. ސިވިލް ކޯޓުން އޭރު ވަގުތީ އަމުރެއް ނެރުނީ އެމްއެމްޕީއާރުސީ އަށް މީހަކު ދިން 2.5 މިލިއަން ޑޮލަރުގެ ޗެކެއް އެސްއޯއެފް އެކައުންޓަށް ޖަމާކުރި ކަމަށް ބުނެ އެ ފައިސާ ހޯދަން ދައުލަތުން ދައުވާކޮށް ވަގުތީ އަމުރަކަށް އެދުމުންނެވެ.

މި އެކައުންޓުތައް ދޫކޮށްލަން ސިވިލް ކޯޓުން އަމުރު ކުރިކަން ޔަގީންކޮށްދެއްވަމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ސީނިއާ ކޮމިއުނިކޭޝަންް އޮފިސަރު ނިޝާން މުހައްމަދު ދީދީ ވިދާޅުވީ ކޮމިޝަނަށް އެ މައުލޫމާތު ލިބުނު ހިސާބުން އެކައުންޓުތައް އަލުން ފްރީޒްކުރުމުގެ އަމުރަކަށް އެދެން ފުރިހަމަކުރަންޖެހޭ ކަންކަން ކުރަމުންދާ ކަަމަށެވެ.

އެކަމަކު މި އެކައުންޓުތައް ދޫކޮށްލީ ކޮން ފަރާތަކުން މައްސަލަ ހުށަހަޅައިގެން ކަމެއް އަދި އެކައުންޓުގައި ހުރީ ކިހާ ފައިސާއެއް ކަމެއް ސާފެއް ނުވިއެވެ. އޭސީސީގެ އޮފިޝަލް ވިދާޅުވީ އެ މައުލޫމާތުތައް ޔަގީންކުރުމަށް ފަހު ހިއްސާކުރާނެ ކަމަށެވެ. ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަންނަ ހަފްތާގައި އެ އެކައުންޓް ފްރީޒްކުރުމުގެ އަމުރު ހޯދުމަށް މަސައްކަތްކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެސްއޯއެފްއަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ދައުރުކޮށް، މަނީ ލޯންޑާކުރި އެންމެ ވަރުގަދަ ފަރާތް ކަމަށް ދައުލަތުން ތަކުރާރުކޮށް ބުނި ނަމަވެސް އެ ކުންފުނީގެ އިސް ފަރާތްތަކަށް ދައުވާ ނުކުރަން ދައުލަތުން ވަނީ ނިންމައިފަ އެވެ. އެގޮތަށް އެކަންކުރީ ތަހުގީގަށް ބޭނުންވާ މައުލޫމާތާއި ހެކި ހޯދުމުގެ ގޮތުން ކަމަށް ދައުލަތުން ކުރިން ބުނެފައިވެ އެވެ.

މި އެކައުންޓުތައް ފްރީޒްކުރީ 2018 ވަނަ އަހަރު، ޓޫރިޒަމް މިނިސްޓްރީން އެދިގެންނެވެ. އޭރު ސިވިލް ކޯޓުން ނެރުނު އަމުރުގައި އެސްއޯއެފްގެ އިތުރުން އެ ކުންފުނީގެ ހިއްސާދާރުން ކަމުގައިވާ މުހައްމަދު އައްލާމް ލަތީފް (މޮހޯ) އާއި އޭނާގެ ބައްޕަ އަބްދުއްލަތީފް އަބޫބަކުރުގެ ޕާސަނަލް އެކައުންޓުތައް ހިމެނޭހެން 9 ކުންފުންޏެއްގެ އެކައުންޓްތައް ފްރީޒްކުރިއެވެ.

އެކަމަކު ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން ބަލައި ގެއްލުން ހޯދާނެ ކަމުގެ ވައުދުވިޔަސް ކޮމިޝަނުގެ މަސައްކަތްތައް އެކަށީގެންވާ ގޮތަށް ނުކުރެވި އެ ކޮމިޝަން ވަނީ އުވާލައިފައެވެ. މިހާނަތަށް އެ ހިޔާނާތުގެ އެއްވެސް ފައިސާއެއް ނުހޯދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.