ޖަލުތަކުގައި ކުރެވުނު ހުރިހާ މަސައްކަތްތަކެއްގެ ތެރެއިން އެންމެ އުފާކުރައްވާކަމަކީ ޖަލުގައި ޤައިދީންނަށް އަނިޔާކުރުމުގެ ޘަޤާފަތާއި، ފަލްސަފާ މާޒީގެ ސަފްހާތަކަށްލާ، ޖަލަކީ އޯގާވެރިކަމާއެކު އަޅާލާ ތަނަކަށް ބަދަލުވެގެން ދިއުންކަމަށް މިނިސްޓަރ ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ. އެމަނިކުފާން މިހެން ވިދާޅުވީ ޕްރިޒަން ބޭސްޑް ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމްގެ ފުރަތަމަ ބެޗު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ މި ސަރުކާރު އައީ ޖަލުތައް ރިފޯމް ކުރުމުގެ އެޖެންޑާ ހިފައިގެންކަމަށާއި، އެ މަގަށް ވަރަށް ގިނަ މަސއްކަތް ކުރެވިއްޖެކަމަށެވެ. މިއަދު މިއާދެވުނީ އޭގެތެރެއިން އެންމެ މުހިއްމު އެއް މަސައްކަތެއްގެ ނަތީޖާއާ ހަމައަށްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"އާދެ މިއަދު ޖަލުތަކުގައި ކުރެވުނު ހުރިހާ މަސައްކަތްތަކެއްގެ ތެރެއިން އަޅުގަނޑު އެންމެ އުފާކުރާކަމަކީ ޖަލުގައި ޤައިދީންނަށް އަނިޔާކުރުމުގެ ޘަޤާފަތާއި، ފަލްސަފާ މާޒީގެ ސަފްހާތަކަށްލާ، ޖަލަކީ އޯގާވެރިކަމާއެކު އަޅާލާ ތަނަކަށް ބަދަލުވެގެން ދިއުން. މިއަދު މިތިބީ އެނަތީޖާއާ ހަމައަށް އަޅުގަނޑުމެންނަށް އާދެވިފަ. އެކަމަށްޓަކައި އަޅުގަނޑުމެން އުފާކުރަން." މިނިސްޓަރ ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ ހާލަތަށް އަލިއަޅުއްވާލައްވާ މިނިސްޓަރ ވިދާޅުވީ އެ ވަބާއަކީ ބައިޤަރުނެއްހާ ދުވަސްވީ ވަބާއެއްކަމަށާއި, މަސްތުވާތަކެތީގެ ވަބާ ބޮޑުވެ މުޖުތަމައުގެ ހުރިހާ އާއިލާތަކުގެ ތެރެއަށް ފެތުރި އެކަމާމެދު ހިތާމަ ނުކުރާ އާއިލާއެއް ނެތް ހިސާބަށް ކަންކަން ގޮސްފައިވާކަމަށެވެ. މިކަމުން އަރައިގަތުމަށް ވަރަށް ބުރަ ވަރަށް ގިނަ މަސައްކަތްތައް ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ ތެރެއިން މުޅި މުޖުތަމައުގެ ތެރެއިން, ހުރިހާ ރައްޔިތުންގެ ތެރެއިން ކުރަންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ކުށްމަދު އަމާން މުޖުތަމައުއެއް ޤާއިމްކުރަން ކުރަން ޖެހޭ ތިންކަމެއް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. ތަޖުރިބާކާރުންގެ ވާހަކަތަކަށް ރިއާޔަތްކުރައްވާ މިނިސްޓަރ ވިދާޅުވީ އެތިންކަމަކީ ވަށާޖެހޭ ފުރިހަމަ ޤާނޫނަކާއި, އެޤާނޫނު ތަފާތުކުރުމެއްނެތި ހަމަހަމަކޮށް ފުރިހަމައަށް ތަންފީޒުކުރުމާއި, ފުރިހަމަ ރިހިބިލިޓޭޝަން ޕްރޮގްރާމެއް ހިންގުންކަމަށެވެ. އެތިންކަންތަކާއި ނުލާ ކުށްމަދު މުޖުތަމައެއް ޤާއިމްނުކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެތެރެއިން ތިންވަނަ ކަންތައް ކަމަށްވާ ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ހިންގަން ޚާއްސަ ސަމާލުކަމެއް ދެއްވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެންމެ ޚާއްސަ މަސައްކަތެއްގެ ގޮތުގައި ބެއްލެވީވެސް ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ވަރުގަދަކުރުންކަމަށެވެ. މިދައުރު ފެށިއިރު ރިހިބިލިޓޭޝަނަށް އެންމެ ރަނގަޅު ސަމާލުކަން ދެވިފައި ނެތްކަމަށާއި, ނަމަވެސް އެކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާ ރިހިބިލިޓޭޝަން ކޮމާންޑެއް އުފެއްދެވިކަން ފާހަގަކުރެއްވިއެވެ. ކަރެކްޝަންގެ މުޅި އޮނިގަނޑަށް އެބަދަލުތައް ގެންނެވިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިއަދު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިސްރާބު ހިފައިގެން މިތިބީ ރިހިބިލިޓޭޝަން ކޮމާންޑްގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް ދޭންޖެހޭ ފުރިހަމަ ތައުލީމާއި, ތަމްރީނު ހޯދައިދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްކުރުމަށް.
– މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ރަނގަޅު ރިހިބިލިޓޭޝަން ނިޒާމެއް ޤާއިމްކުރެވޭނީ އެމަސައްކަތް ކުރެވިގެންކަމަށެވެ. މިނިސްޓަރ ވިދާޅުވީ އަމާޒަކީ ޖަލަށް ވަންނަ ކޮންމެ ޤައިދީއަކު ރިހިބިލިޓޭޓްވެގެން ނިކުތުންކަމަށެވެ. މިނިސްޓަރ ޢިމްރާން ޢަބްދުالله ވިދާޅުވީ ޖަލަކީ ކޮންމެ މީހަކާ ގުޅޭގޮތުން ރިހިބިލިޓޭޝަން ޕްރޮގްރާމްހެދި، ރިހިބިލިޓޭޓް ކުރެވިގެން ނިކުންނާނެ ތަނަކަށް ވެގެންދާނެކަމަށެވެ ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނާ މުހާތަބުކުރައްވާ މިނިސްޓަރ ވިދާޅުވީ އެއްވެސް ބޭފުޅަކު, ޤައިދީއެއްގެ ގޮތުގައި މިހަތަރު (ޖަލުގެ) ފާރުގެ ތެރެއިން ފެންނަން އެދިވަޑައިނުގަންނަވާކަމަށެވެ. އެކަން ނުކުރެއްވުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.
"ދިވެހިރާއްޖޭގެ ނައިބުރައީސް ޖަލަށް ވަޑައިގެން ދެއްވި ސެތްފިކެޓްގެ މައްޗަށް ދިރިއުޅުން ބިނާކުރާނަމޭ ބުނަންވާނެ. މާދަމާ ފެންނަންވާނީ މަސައްކަތްކުރާތަނެއްގައި އެންމެން ބަލައިގަންނަ މަޤްބޫލް ރަނގަޅު މުވައްޒަފެއްގެ ގޮތުގައި. އަމިއްލައަށް ތެދުވެ މަސައްކަތެއް ލީޑްކުރާ މީހެއްގެ ގޮތުގައި. ވިޔަފާރިވެރިއެއްގެ ގޮތުގައި. އުފެދުންތެރިއެއްގެ ގޮތުގައި ފެންނަންވާނީ." މިނިސްޓަރ ވިދާޅުވިއެވެ.