އެންމެ ގިނަ މަޝްރޫޢު ހިންގާ އެއް ސިޓީއަކީ އައްޑޫ ސިޓީ: ކައުންސިލް

އެންމެ ގިނަ މަޝްރޫޢު ހިންގާ އެއް ސިޓީއަކީ އައްޑޫ ސިޓީ: ކައުންސިލް

Author
މުޙައްމަދު ޝަޒައިމް
22 އޮގަސްޓް 2022 04:00
0

ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައި އެ ސިޓީގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ. މިބައްދަލުވުން ކުރިއަށްދިޔައީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުން ވަނީ އައްޑޫ ސިޓީއަކީ މި ސަރުކާރުން އެންމެ ގިނަ ތަރައްޤީގެ މަޝްރޫޢު ހިންގާ އެއް ސިޓީކަން އުފަލާއެކު ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އެ ސިޓީ ކައުންސިލާ ގިނަ ގިނައިން ބައްދަލުކުރައްވައި ގާތުން ކަންކަން ބައްލަވަމުންދާ ކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ އައްޑޫ ސިޓީގެ ތަރައްޤީއާ ގުޅޭ ކަންކަމުގެ އެންމެފަހުގެ މަޢުލޫމާތާއި، ހުރި ބައެއް ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ. މިގޮތުން، ކައުންސިލްގެ މަސައްކަތްތައް ހިންގުމުގައި ދިމާވާ ބަޖެޓުގެ ދަތިކަމާއި، ބޯހިޔާވަހިކަމާއި، ޢުމްރާނީ ތަރައްޤީގެ މަޝްރޫއުތަކާއި، އިޖްތިމާޢީ މައްސަލަތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި ކައުންސިލުން ހުށަހެޅި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވާރަކުރައްވައިގެން އެދެވޭ ޙައްލުތަކެއް ހޯއްދަވާދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި އައްޑޫ ސިޓީ ކައުންސިލްގެ އިތުރުން އައްޑޫ ސިޓީއަށް ނިސްބަތްވާ މަޖްލިސް މެންބަރުން ވެސް ވަނީ ބައިވެރިވެވަޑައިގެން އައްޑޫ ސިޓީގެ ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.