މިސަރުކާރުގެ 4 އަހަރުތެރޭގައި އުފެއްދުނީ 4000 ވަޒީފާކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީން ވިދާޅުވުމުން، މިސަރުކާރުގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ރައްދުދެއްވައިފިއެވެ.
އަމީރު މިފަދައިން ރައްދު ދެއްވީ ރޭ ޕީޕިއެމް އިން ރިޔާސީ ޓިކެޓް ދިނުމަށް ރައީސް ޔާމީނަށް ބޭއްވި ބޮޑު ޖަލްސާގައި މި ސަރުކާރަށް ހަތަރު އަހަރު ދުވަހުން އުފެއްދުނީ 4،000 ވަޒީފާ ކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ. އަމީރު ވިދާޅުވީ، ހަމައެކަނިއެމްޓީސީސީން މި 4 އަހަރުތެރޭ މިހާތަނަށް 3973 ވަޒީފާވަނީ އުފައްދާފައިވާކަމަށާއި، ރާޑުސީއާއި އެމްޓީސީސީން އެކަނިވެސް މި 4 އަހަރުތެރޭ ގާތްގަނޑަކަށް 5200 ވަޒީފާ އުފެދުނުކަމަށެވެ. ދޮގާއި މަކަރު ހެދިޔަސް ހައްދެއް އޮންނަންވާނެކަމަށްވެސް އަމީރު ވިދާޅުވިއެވެ.
ހަމައެކަނި @MTCCPlc އިން މި 4 އަހަރުތެރޭ މިހާތަނަށް 3973 ވަޒީފާވަނީ އުފައްދާފަ. @rdcmaldives އާއި އެމްޓީޓީސީ އެކަނިވެސް މި 4 އަހަރުތެރޭ ގާތްގަނޑަކަށް 5200 ވަޒީފާ އުފެދުނު. ދޮގާއި މަކަރު ހެދިޔަސް ހައްދެއް އޮންނަންވާނެ.
— Ibrahim Ameer (@iameeru) August 20, 2022
ޔާމީން ވިދާލުވީ 4 އަހަރު ތެރޭ 4 ހާސް ވަޒީފާ މިސަރުކާރަށް އުފެއްދުނު ނަމަވެސް، އެމަނިކުފާނުގެ ވެރިކަމުގައި ޒުވާނުންނަށް ޚާއްސަކޮށްގެން 104،000 ވަަޒީފާ އުފެއްދިކަމަށެވެ. ޔާމީން ވިދާޅުވީ މިއަދު ސަރުކާރު އޮތީ ސްޓިކާއިން ހިންގާ ސަރުކާރަކަށް ބަދަލުވެފައި ކަމަށެވެ. އަދި ރާއްޖެ މިހާރުވެސް އަދި މުސްތަގްބަލު ވެސް އެބައެއްގެ އަތްމަތީގައި އޮތް ޒުވާނުން ހަލާކުގެ ތެރެއަށް ވެއްޓެމުން ދާކަމަށް ޔާމީން ވިދާޅުވިއެވެ. ވައުދުތައް ނުފުއްދި، ބޮޑުތަނުން ސަރުކާރު ފެއިލްވެފައިވާ ކަމަށްވެސް ރޭ ޔާމީން ވަނީ ސަރުކާރަށް ފާޑުވިދާޅުވަމުން ވިދާޅުވެފައެވެ.
ޔާމީން ވިދާޅުވީ ރާއްޖޭގެ ހަކަތައަކީ، އަދި ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ ދެބަޔަކީ ޒުވާނުން ކަމަށް ވީހިނދު ސަރުކާރު ޓެސްޓުން ފާސްވޭތޯ ބެލުމަށް އެންމެ ފުރަތަމަ މިނެ ކިރާލަން ޖެހޭނީ ޒުވާނުންނާ ދޭތެރޭ މި ސަރުކާރުން ކަން ކުރަމުންދާ ގޮތުން ކަމަށެވެ. އެ ޓެސްޓުން މި ކޯލިޝަން ސަރުކާރު ފެއިލް ވެފައިވާ ކަމަށްވެސް ޔާމީން ރޭ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ