ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަން ސަސްޕެންޑް ކޮށްފިއެވެ.
ފީފާއިން މިގޮތަށް އަމަލު ކޮށްފައިވަނީ އިތުރު ފަރާތްތަކުގެ ނުފޫޒު އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަންގެ މައްޗައް ފޯރުވާތީއެވެ. މި ސަސްޕެންޝަންގެ ސަބަބުން މިއަހަރުގެ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވި އަންހެނުންގެ 17 އަހަރުންދަށުގެ ވޯލްޑްކަޕް ކުރިން ރޭވިފައިވާގޮތަކަށް ނުބޭއްވޭނެއެވެ.
އިންޑިއާގެ އެންމެ މަތީ ކޯޓުން މިއަހަރުގެ މެއި މަހުވަނީ އެޤައުމުގެ ފުޓްބޯޅަ ފެޑެރޭޝަން އުވާލާ އެޤައުމުގެ ފުޓްބޯޅައިގެ ހުރިހާ ކަމެއް ކުރަން ތިން މެންބަރުންގެ ކޮމެޓީއެއް އެކުލަވާލާފައެވެ. ފީފާ ގަވައިދު ބުނާގޮތުން އެ ޖަމްއިއްޔާގެ މެންބަރު ފެޑެރޭޝަން ވާންވާނީ އެ ޤައުމެއްގެ ގާނޫނީ އަދި ސިޔާސި ނުފޫޒުން އެއްކިބާވެފައިވާ ބަޔަކަށެވެ.
ފީފާ އާއި އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން އިން ވަނީ އިންޑިޔާގެ ފުޓްބޯޅަ އާއި ގުޅުންހުރި ފަރާތްތަކާއި ބައްދަލުކޮށް ކުރިއަށްދާނެ ގޮތުގެ ރޯޑްމެޕެއް އެކުލަވާލާފައެވެ. މި ރޯޑްމެޕްގައި ވަނީ އޭއައިއެފްއެފްގެ ގަވައިދު ބަދަލުކޮށް އަދި ސެޕްޓެމްބަރު މަހުގެ 15 ގެ ކުރިން އިންތިހާބް ބޭއްވުމަށް އަންގާފައެވެ. ފީފާއިން ހާމަކުރިގޮތުގައި މިސަސްޕެންޝަން އުވާލެވޭނީ އޭއައިއެފްއެފްގެ އެގްޒެކެޓިވް ކޮމެޓީގެ ޒިންމާ އަދާކުރާނެ އެޑްމިނިސްޓްރޭޓިވް ކޮމެޓީއެއް ހޮވި އިންޑިޔާގެ ފުޓްބޯޅާއިގެ ހުރިހާ ޒިންމާ ތަކެއް އޭއައިއެފްއެފްއިން ނަގާހިސާބުންނެވެ.
މިކަމުގައި ފީފާއިން އިންޑިއާގެ ޔޫތު އެފެއާޒް އެންޑް ސްޕޯޓްސް މިނިސްޓްރީ އާއި ގަވައިދުން މަޝްވަރާތައެް ބައްވަމުންނެވެ. އަދި މިކަމަށް ރަނގަޅު ހައްލެއް އަވަހަށް އަންނާނެކަމަށް އުންމީދު ކުރާކަމުގައިވެސް ފީފާއިން ހާމަކޮށްފައިވެއެވެ.