އެންމެފަހުން ތަސްދީގުކުރި ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ގްރީން ޓެކްސް ނެގިދާނެ ކަމާމެދު ސުވާލު އުފެދިފައިވާތީ ގާނޫނު އިސްލާހު ކުރާ ބިލުގެ މަސައްކަތް ނިންމުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން ތައްޔާރުވެއްޖެއެވެ.
އެންމެ ފަހުން ގާނޫނަށް ގެނައި ބަދަލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިިމް މުހައްމަދު ސޯލިހް ތަސްދީގު ކުރިއިރު ގްރީން ޓެކްސް ނެގުން މެދުކަނޑާލުމުގެ ވިސްނުމެއް ސަރުކާރުގެ ނެތެވެ. ޓޫރިޒަމް ޤާނޫނަށް އިޞްލާހު ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށާފައިމިވަނީ މިދިޔަ ޖުލައިމަހު ގެޒެޓުކޮށްފައިވާ ޓޫރިޒަމް ޤާނޫނަށް ގެނައި އިސްލާޙުގައި ގްރީން ޓެކްސް ނެގުން އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށުމަށް ހިމަނާފައިވާތީއެވެ.
ސަރުކާރުގެ ވިސްނުމަކީ ޖަނަވަރީ މަހުން ފެށިގެން 50 ކޮޓަރިއަށްވުރެ ގިނައިން ކޮޓަރި ހުންނަ ގެސްޓްހައުސްތަކާއި ހޮޓާތަކުން ތިން ޑޮލަރުގެ ގްރީން ޓެކްސްއެއް ނެގުމެވެ. ގާނޫނުގައި ލިޔެފައި އޮތީ ވެސް އެހެންނެވެ. ސަރުކާރުން ލަފާކުރީ ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން ގެސްޓްހައުސްތަކާއި ހޮޓާތަކުން ގްރީން ޓެކްސް ނަގާ ގޮތައް ބަދަލު އަންނަންދެން މިހާރުވެސް ގްރީން ޓެކްސް ނަގަމުން އަންނަ ގޮތައް ނެގޭނެ ކަމަށެވެ.
ނަމަވެސް ގާނޫނަށް އަކުރެއް އިތުރު ކުރުމުގެ ބަދަލުގައި ކުރިން ގްރީން ޓެކްސް ނެގޭނެ އުސޫލު ބަޔާންކޮށްފައި އޮތް މާއްދާ ބަދަލު ކުރުމުން ގްރީން ޓެކްސް ނެގުން ހުއްޓުނީއެވެ. ގްރީން ޓެކްސް ނެގުން ހުއްޓުމުން ދައުލަތައް 200 ވަރަކަށް މިލިއަން ރުފިޔާ ގެއްލޭނެ ކަމަށް ބެލެވެއެވެ. މި މައްސަލަ ފާހަގަވީ ހިސާބުން ޓޫރިޒަމް މިނިސްޓްރީން ވަނީ ގާނޫނު އިސްލާހުކުރަން ބިލު އެކުލަވާލުމުގެ މަސައްކަތް ފަށާފައެވެ. މިގޮތުން މިއަހަރުގެ ފަހު ދައުރު ފަށަންވާއިރަށް މި އިސްލާހު ހުށަހެޅުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންން.
ގްރީން ޓެކްސްގެ ގޮތުގައި ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެމީހެއްގެ އަތުން 6 ޑޮލަރު ނަގައެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 3 ޑޮލަރު އަންނަނީ ނަގަމުންނެވެ. އެހެންނަމަވެސް ސަރުކާރުން ގެޒެޓުކޮށްފައި މިހާރު އޮތް އިސްލާޙުގައި ވަނީ ގްރީން ޓެކްސް ނަގާނީ އަންނަ ޖެނުއަރީ މަހުގެ 1 ދުވަހުން ފެށިގެންކަމަށް ބަޔާންކޮށްފައެވެ. ދައުލަތަށް ބޭރުފައިސާއިން 4 ވަނައަށް އެންމެ ބޮޑު ޢާމްދަނީ ލިބެނީ ގްރީން ޓެކްސްގެ ގޮތުގައެވެ.
މިދިޔަ ޖުލައިމަހު އެކަނިވެސް ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 70 މިލިއަނަށްވުރެ ގިނަ ރުފިޔާވަނީ ލިބިފައެވެ. މިޓެކްސް މިހާރު ނަގަމުންދާ ރޭޓަށް ބަދަލުގެނެސް ބޮޑެތި ގެސްޓް ހައުސްތަކުން ނަގާ ޓެކްސްގެ ރޭޓު ބޮޑުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.