ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، އެމްޑީޕީގެ ޗެއަރޕާސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާއީލުގެ ކިބައިން މާފަށް އެދެން ނިންމީ، މަޖިލީހުގެ ރައީސްކަމުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާފާނެތީކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއަރޕާސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލާއި އިދިކޮޅަށް މަސައްކަތް ކުރެއްވުމަކީ ކުރެވުނު ގޯސްކަމެއްކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން ރައްދު ދެއްވައި މޮސްޓާ ވިދާޅުވީ، ރައީސް ނަޝީދަކީ އަބަދުވެސް އިއްޒަތާ މަޤާމަށް އުޅުނު މީހެއްކަން މިހާރު ދިވެހި ރައްޔިތުން ދަންނާނެކަމަށެވެ. އަދި ރައީސް ނަޝީދު މުރައިދޫގެއިން ނިކުންނަން މާގިނަ ދުވަހެއް ނެތްކަމަށާއި، ފައްޔާޟް މޮޅުވެއްޖެކަމަށް ޤަބޫލުކޮށް އިސްތިއުފާދިނުމަށް މޮސްޓާ ގޮވާލެއްވިއެވެ.
މުރައިދޫގެއަކީ މަޖިލީހުގެ ރައީސް ހުންނެވުމަށް ދައުލަތުން ޚަރަދުކޮށް ހަމަޖައްސާދީފައިވާ ގެކޮޅެވެ.
އިތުބާރު ނެތްކަމަށް ވޯޓު ނަގާފާނެތީ ބިރު ގަތީ. @MohamedNasheed އަކީ އަބަދުވެސް އިއްޒަތާ މަގާމަށް އުޅުނު މީހެއްކަން މިއަދު ހުރިހާ ދިވެހި ރައްޔިތުންވެސް ދަންނާނެ… މުރައިދޫގެ އިން ނިކުންނަން މާގިނަ ދުވަހެއްނެތް ދެން… @faya_i މޮޅުވެއްޖެ ކަމަށް ގަބޫލުކޮއް އިސްތިއުފާދީ ދެން … pic.twitter.com/I2CppkBENb
— Mohamed Nasheed Abdulla ( MosTaaA ) (@MNA_MosTaaA) August 13, 2022
މޮސްޓާ ރައީސް ނަޝީދަށް ފަޑުވިދާޅުވެފައި ވާއިރު،
އެމްޑީޕީ ޤައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ރައީސް ނަޝީދު ކުރުރެއްވި މެސެޖުގައި ވިދާޅުވި، ފައްޔާޟްއާއި އިދކޮޅަށް ދެން ނާރުއްވާނެކަމަށާއި، އެކުގައި ކުރިއަށް ވަޑައިގަންނަވާނެކަމަށެވެ. ފައްޔާޟްއާއި ދެކޮޅަށް ނުކުތުން ނަޝީދު ވަނީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް (އަނދުން ޙުސައިން)ގެ އިސްތަށިފުލުގައި އަރުއްވާފައެވެ. ނަޝީދު ވިދާޅުވީ އެއްފަހަރު ހުސައިން ނަޝިދު ލައްވާ އެކަން ކުރުވިކަމަށާއި، އެއީ ކުރެވުނު ގޯސްކަމެއްކަމަށެވެ.
އެއް ފަހަރު ހުސެއިން [އަންދުން ޙުސައިން] އަޅުގަނޑު ލައްވާ އެކަން ކުރުވި. އެއީ އަޅުގަނޑަށް ކުރެވުނު ގޯސް ކަމެއް,
– ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ ވިސްނުންފުޅު ބަދަލުވެ ފައްޔާޒާއި އެކު މަސައްކަތްކުރެއްވުމަށް ބޭނުންވާކަމަށް ހާމަކުރައްވާފައި މިވަނީ މީގެ ކުރިން ފައްޔާޟަށް ބޮޑެތި ފަޑުކިޔުންތަކެއް އަމާޒުކުރެއްވުމަށްފަހުއެވެ. ނަޝީދު ވިދާޅުވީ އެމްޑީޕީގެ އެތެރޭގައި ބްރޯ ހެދިގެން ފައްޔާޟް އުލުއްވާކަމަށެވެ. ނަޝީދުގެ ފެކްޝަނުން ވަނީ ފައްޔާޟް މަޤާމުން ވަކިކުރެއްވުމުގެ މަސައްކަތްވެސް ކުރައްވާފައެވެ.