ޢާޒިމް ޢިމްރާނަށް: ފާހިޝް ކަންކަން ނުހުއްޓުވެނީ ޤާނޫނު ތަންފީޒްކުރުމުގައި ތަފާތުކުރާތީ!

ޢާޒިމް ޢިމްރާނަށް: ފާހިޝް ކަންކަން ނުހުއްޓުވެނީ ޤާނޫނު ތަންފީޒްކުރުމުގައި ތަފާތުކުރާތީ!

Author
މުޙައްމަދު ޖިމީ
11 އޮގަސްޓް 2022 05:21
0

ފާހިޝް އަމަލުތައް ނުހުއްޓިގެން އުޅެނީ ގާނޫނު ތަންފީޒް ކުރުމުގައިވެސް ތަފާތުކުރުން ގެންގުޅޭތީކަމަށް ވިދާޅުވެ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް، ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲއަށް ފާޑުވިދާޅުވެ ރައްދު ދެއްވައިފިއެވެ.

ޢާޒިމް މިހެން ވިދާޅުވީ، ފާޚިޝް އަމަލުތަކުގެ ވީޑިއޯ ފަތުރާ މީހުންނާއިމެދު ފިޔަވަޅު އެޅޭނެ ޤާނޫނީ އޮނިގަނޑެއް ވުޖޫދުވާންޖެހޭ ކަމުގައި ހޯމް މިނިސްޓަރ އިމްރާން ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެންނެވެ.

އާޒިމް ވިދާޅުވީ، ހުތުރު ކަންކަމާ، ފާހިޝް އަމަލުތައް ނުހުއްޓިގެން އުޅެނީ ގާނޫނެއް ނެތިގެނެއް ނޫންކަމަށެވެ. ޤާނޫނު ނެތިގެންކަމަށް މިނިސްޓަރ ވިދާޅުވެގެން މަޖްލިސް ޗުއްޓީ ކުރުކޮށްލާފަވެސް ކިތަންމެ ގާނޫނެއް ހަދައިދީފިންކަމަށާއި، ކޮންމެ ކަމަކުން ރެކެންނޫޅުއްވުމަށް އާޒިމް ޢިމްރާނަށް ގޮވާލެއްވިއެވެ. އޭނާ ވިދާޅުވީ މައްސަލައަކީ ގާނޫނު ތަންފީޒް ކުރުމުގައިވެސް ތަފާތުކުރުން ގެންގުޅުންކަމަށެވެ.

ފާހިޝް އަމަލުތައް ހިންގާ ވީޑިއޯތަކާއި، މަންޒަރުތައް ސޯޝަލް މީޑިއާގައި ދައުރުކޮށް ހެދުމަކީ ވަރަށް ވިޔާނުދާ ކަމެއްކަމަށް މިނިސްޓަރ އިމްރާން މިއަދު ވަނީ ވިދާޅުވެފައެވެ. އަދި މިފަދަ ކަންކަން ކުރާ މީހުންނާއިމެދު ޤާނޫނީ ފިޔަވަޅު އެޅޭނެ އޮނިގަނޑެއް އަވަހަށް ވުޖޫދު ނުކުރެވިއްޖެނަމަ އޭގެ ނުރަނގަޅު އަސަރު މުޅި މުޖުތަމައަށްކޮށް، ރާއްޖޭގެ އިޖުތިމާއީ އަޚުލާގިއްޔާތު އެއްކޮށް ފުޑުފުޑު ވެގެން ހިނގައިދާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގެ ތުހުމަތަށް މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އަދި ފުލުހެކެވެ. މީގެ ތެރެއިން ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް މިހާތަނަށް ފޮނުވީ ނާޒިމަށާއި ފުލުސް މީހާގެ މައްޗަށެވެ.

ޤާނޫނު ތަންފީޒްކުރުމުގައި ތަފާތުކުރާކަމަށް އާޒިމް ވިދާޅުވެފައި މިވަނީ، ބަންގްލަދޭޝްގެ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝިދުގެ ކޮއްކޮ ނާޒިމް ސައްތާރު ހައްޔަރުކުރުމުން، ވަކި ބަޔަކު ހައްޔަރުކޮށް ފިޔަވަޅު އަޅަނީކަމަށް ރައީސް ނަޝީދަށް ތާޢީދުކުރައްވާ މަޖިލިސް ބައެއް މެންބަރުން ވިދާޅުވަމުން ގެންދަވަނިކޮށެވެ. އާޒިމަކީވެސް ރައީސް ނަޝިދުގެ ފެކްޝަން ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.