ރާއްޖޭގައި ބޮޑެތި ކުށްތައް އާންމުވެގެންދަނީ ޤާނުނުތައް ނެތިގެން ނޫންކަމަށާއި، އެ ޤާނޫނުތައް ތަންފީޒު ކުރަން ތިބި ވެރިންގެ އިހުލާސްތެރި ކަމެއް ނެތުމުންކަމުގައި އިދިކޮޅު ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ ފަހަކަށް އައިސް ރާއްޖޭގައި ބޮޑެތި ކުށްތައް އާންމުވެ، އިސްލާމްދީނުގެ އުސޫލުތަކާއި ޚިލާފް އެތައް ކަމެއް އާންމު ވެގެންދާއިރު، އެކަންކަމާއި އެންމެ އެކަށީގެންވާ ގޮތަށް ކަމާއި ގުޅުންހުރި އިދާރާތަކަށް ފިޔަވަޅު ނޭޅޭތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.
ޝިޔާމް ވިދާޅުވީ ރާއްޖޭގައި ބޮޑެތި ކުށްތައް އާންމުވެ ޤާނޫނީ އިމުން ބޭރުން އެތައް ކަމެއް ހިންގަމުންދަނީ ޤާނޫނު ނެތިގެން ނޫންކަމަށެވެ. އަދި މިއަދު ކޮންމެހެން ކުރަން އޮތް ކަމަކީ ޤާނޫނޫތައް ހަރުކަށި ކުރުން ނޫންކަމަށާއި، ކުރަންޖެހޭ ކަމަކީ މިކަންކަމާއި ހަވާލުވެ ތިއްބެވި ވެރިންގެ އިހުލާސްތެރިކަން ދެމެހެއްޓުންކަމަށެވެ. މިއަދުފެނިގެންދަނީ ތަހުގީގީ އިދާރާތަކުން ފެށިގެން މުޅި ނިޒާމު ކޮރަޕްޓް ވެފައިތަން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ބޮޑެތިކުށްތައް އާއްމުވަނީ ޤާނޫނު ނެތިގެން ޤާނޫނު ހަރުކަށި ނުވެގެނެއްނޫން. ނެތީ ވެރިންގެ އިޚުލާސްތެރިކަން. ތަޙުޤީގީ އިދާރާތަކުން ފެށިގެން މުޅިނިޒާމުވަނީ ކޮރަޕްޓުވެފައި. ހޯދާ ހެއްކާ، ހެކި ހޯދާގޮތާ ޗެއިން އޮފް ކަސްޓަޑީ ދުވަހަކު ފުރިހަމަނުވޭ. ހައްލަކީ އިސްލާމީ ޝަރީޢަތް ޤާއިމުކުރުން.
– ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް މިއަދު މިފަދަ ޓުވީޓެއް ކުރައްވާފައވާއިރު، ރާޢްޖޭގައި ގޯސްކޮށް ހިނގާ ކަންކަން އިސްލާހު ކުރަން އުޅެނީ ކިތަންމީހުންތޯ ހޯމް މިނިސްޓަރ އިމްރާން ވަނީ ވިދާޅުވެފައެވެ. އާންމުގެ ފާޑުކިޔުންތަކާއި ގުޅިގެން ހޯމް މިނިސްޓަރ އިމްރާން ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެޤައުމެއްގެ ހާލަތު ގޯސް ކުރަނީވެސް އަދި ރަނގަޅު ކުރަނީވެސް އެތަނެއްގައި ދިރިއުޅޭ ރައްޔިތުން އަމިއްލައަށް ކަމަށެވެ. ރާއްޖޭގައިވެސް މިއަދު ގޯސްކޮށް ހިނގާ އަދި ރަނގަޅު ކުރަންޖެހޭ އެތައް ކަމެއް ހުރިކަން ފާހަގަކޮށް މިނިސްޓަރ ވަނީ އެކަންކަން އިސްލާ ކުރަން މަސައްކަތް ކުރައްވަނީ ކިތައް މީހުންތޯ ސުވާލު ކުރައްވާފައެވެ.
އިމްރާންގެ މި ޓުވީޓު ކުރިތާ ގިނަ އިރުތަކެއް ނުވާއިރު، ގިނަ ބަޔަކު ވަނީ މިކަންކަން އިސްލާހު ކުރުމުގެ އެންމެ ބޮޑު ޒިންމާއެއް އޮތީ ހޯމް މިނިސްޓަރގެ ކިބައިގައި ނޫންތޯ ސުވާލު ކުރައްވާފައެވެ. މިފަހުން އެންމެ ބޮޑަށް ތިލަވެފައިވާ "އަލަމްގިރި" ކޭސްގައިވެސް މިހާތަނަށް އެންމެ އެކަށީގެންވާ ގޮތަށް ފިޔަވަޅު ނޭޅޭ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.