އެމްއެންޕީގެ ސެންޓްރަލް ރީޖަންގެ ނައިބު ރައީސްކަމުގެ މަގާމަށް މިރުފަތު އިންތިޚާބު ވެއްޖެ

އެމްއެންޕީގެ ސެންޓްރަލް ރީޖަންގެ ނައިބު ރައީސްކަމުގެ މަގާމަށް މިރުފަތު އިންތިޚާބު ވެއްޖެ

Author
ހުސެއިން
08 އޮގަސްޓް 2022 05:44
0

އެމްއެންޕީގެ ސެންޓްރަލް ރީޖަންގެ ނާއިބު ރައީސްގެ މަގާމަށް މިރުފަތު އިސްމާއިލް ޝަފީގު އިންތިޚާބު ވެއްޖެއެވެ.

އެމްއެންޕީގެ ސެންޓްރަލް ރީޖަންގެ ސަރަހައްދުގައި ހިމެނެނީ ކ. އަތޮޅާއި ވ. އަތޮޅާއި، އ. އަތޮޅުގެ އިތުރުން އދ. އަތޮޅެވެ.

އެމްއެންޕީގެ ޤައުމީ ހިންގާ ކައުންސިލްގެ އެކި މަގާމްތަކަށް މީހުން އިންތިޚާބު ކުރުމަށް މިމަހުގެ 6 ވަނަ ދުވަހު ބޭއްވިގެންދިޔަ އެޕާޓީގެ އެތެރޭގެ އިންތިޚާބުގައި ސެންޓްރަލް ރީޖަންގެ 5 ރަށެއްގައި ވޯޓު ފޮށިތައް ބެހެއްޓިފައި ވެއެވެ. އެ ރަށްތަކަކީ މާފުށި، ތުލުސްދޫ، ހިންމަފުށި، ކާށިދޫގެ އިތުރުން ދަނގެތީގައެވެ.

އެމްއެންޕީގެ ސެންޓްރަލް ރީޖަންގެ ނާއިބު ރައީސްކަމުގެ މަގާމަށް އިންތިޚާބުވި މިރުފަތު ސިޔާސީ މައިދާނުގައި މަސައްކަތް ކުރައްވަން ފައްޓަވާފައިވަނީ 2019ވަނަ އަހަރުއެވެ. އޭނާވަނީ ކުރު މުއްދަތެއްގައި ސިޔާސީ މަސްރަހުގައި ގިނަގުނަ މަސައްކައްކަތްތަކެއް ކުރައްވާ ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވާފައިވާކަން ފާހަގަ ކޮށްލެވެއެވެ. އަދި އޭނާ ހިމެނިގެންދަނީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން ލީޑަޝިޕްގެ މަގާތަކުގައި ތިއްބެވި މަދު އަންހެން ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކަށެވެ.

ސިޔާސީ ދާއިރާއަށް ވެންނެވުމުގެ ކުރިން މިރުފަތުވަނީ ފިނޭންސް މިނިސްޓްރީގެ ނޭޝަނަލް ޕްރޮޖެކްޓްސްގެ އިސްވެރިޔާގެ މަގާމުގެ އިތުރުން، އެމްއޭސީއެލްގެ ޕްރޮޖެކްޓްސް އެންޑް ސްޓްރެޓަޖީ ޑިޕާޓްމަންޓްގެ އިސްވެރިޔާގެ އިތުރުން ޖެނެރަލް މެނޭޖަރުކަންވެސް ކުރައްވާފައެވެ.

މިރުފަތު ވިދާޅުވެފައިވާ ގޮތުގައި ރާއްޖެއަށް އާ ލީޑަރޝިޕަކަށް ނުހަނު ބޭނުންވެފައިވާ މިދަނޑިވަޅުގައި، ސިޔާސީ މަސްރަހުގައި މަސައްކަތް މަސައްކަތް ކުރާނޭ އާ ޖީލެއް ބޭނުންވާ ކަމުގައެވެ. އަދި ފާއިތުވެދިޔަ ސަރުކާރުތަކަށް ރައްޔިތުންގެ ފާޑުކިޔުން އަމާޒުވެފައިވަނީ، އެސަރުކާރުތަކަށް، ވީ ވައުދުތައް ނުފުއްދި ގައުމުގެ މިސްރާބު އޮޔާގޮސް އުއްމީދު ގެއްލިގެން ކަމުގައުވެސް މިރުފަތު ވިދާޅުވެފައި ވެއެވެ.

މިރުފަތު ވިދާޅުވެފައިވާ ގޮތުގައި، އެމްއެންޕީގެ ރިޔާސީ ޓިކެޓްގައި އެޕާޓީގެ ރައީސް ކާނަލް ނާޒިމް ވާދަކުރައްވާނެ ކަމަށާއި، ރާއްޖޭގެ ބޮޑެތިކަމަށް ދައުވާކުރާ ސިޔާސީ ޕާޓީތަކުގެ މަތިން ފޫހިވެފައި ތިބި އެތައް ރައްޔިތުންނެއް ތިބީ ކާނަލް ނާޒިމްއަށް ތާއީދުކޮށްގެން ކަމުގައެވެ. އަދި 2023ގެ ރިޔާސީ އިންތިޚާބު ކާނަލް ނާޒިމް ކާމިޔާބު ކުރައްވާނޭކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާކަމުގައިވެސް މިރުފަތު ވިދާޅުވެފައިވެއެވެ.

މިމަހުގެ 6 ވަނަ ދުވަހު ބޭއްވިގެންދިޔަ އެމްއެންޕީގެ އެތެރޭގެ އިންތިޚާބުގައި ޕާޓީގެ މަގާމްތަކަށް މީހުން އިންތިޚާބު ކުރުމަށްޓަކާ ރާއްޖޭގެ އެކި ރަށްރަށުގައި ޖުމްލަ 54 ވޯޓު ފޮއްޓެއް ބެހެއްޓުނެވެ.

މި އިންތިޚާބުގައި މަގާމްތަކަށް މީހުން އައްޔަންކޮށްފައިވަނީ އެމްއެންޕީގެ ވިމެންސް ވިންގގެ ލީޑަރުކަމަށާއި، ޔޫތު ވިންގގެ ލީޑަރުކަމަށާއި، ނޮޅިވަރަމް ދާއިރާ (އަޕަރ ނޯތު ރީޖަން) (ހދ) ރައީސްކަމުގެ މަގަމާށާއި، ހޮޅުދޫ ދާއިރާ (ނޯތު ރީޖަން) (ނ) ނާއިބު ރައީސްކަމުގެ މަގާމުގެ އިތުރުން ތުޅާދޫ ދާއިރާ (ނޯތު ރީޖަން) (ބ) ރައީސްކަމަށާއި، ހެންވޭރު ހުޅަނގު (މާލެ ރީޖަން) ރައީސްކަމުގެ މަގާމަށެވެ.

މިމަގާމްތަކަށް ޖުމްލަ 13 ކެނޑިޑޭޓަކު ވާދަ ކޮށްފައި ވެއެވެ.

އެމްއެންޕީގެ އިންތިޚާބީ ކޮމިޓީގެ ރައީސް އަޙްމަދު އަމްޖަދު މީގެ ކުރިން ވިދާޅުވެފައިވަނީ، މިމަހުގެ 6ވަނަ ދުވަހު ބޭއްވުނު ޕާޓީގެ އެތެރޭގެ އިންތިޚާބުގައި 185 މަޤާމަކަށް 196 ފަރާތަކުން ކުރިމަތިލީކަމަށާއި، އޭގެ ތެރެއިން 180 މަޤާމަކަށް ކުރިމަތިލާފައިވަނީ ކޮންމެ މަޤާމަކަށް 1 މެންބަރު ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.