ނަޝީދާއި އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ސޮއި ހަމަކޮށްފި

ނަޝީދާއި އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ސޮއި ހަމަކޮށްފި

Author
މުޙައްމަދު ޝަޒައިމް
05 އޮގަސްޓް 2022 09:57
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ މަގާމުތަކުން ވަކިކުރަން އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަން ބޭނުންވާ ވަރަށް ސޮއި ހަމަކޮށްފިއެވެ.

ނަޝީދުއާއި އީވާ މަގާމުން ވަކިކުރަން އެމްޑީޕީގެ މެންބަރުންތަކެއް އިސް ނަންގަވާފައި މި ވަނީ، ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރުމުން އެ ކަމާ ނުރުހުން ފާޅުކުރައްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެކި ތުހުމަތުތައް ކުރެއްވުމާއެކުއެވެ.

މިދިޔަ ހަފްތާގައި ފެށި މިމަސައްކަތަށް މެމްބަރުންގެ ސޮއި ހަމަކުރުމަށް ކުރި މަސައްކަތުގައި މިހާތަނަށް މައްސަލަ ވެއްދޭ އަދަދަށް މެމްބަރުންގެ ސޮއި ހަމަވެފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލިހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ މިހާރު ތިއްބެވި 87 މެންބަރުންގެ ތެރެއިން 22 މެމްބަރުންގެ ސޮޔެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓުން ފާސްވާނެ އެވެ. އެއީ 43 މެންބަރުންނެވެ. ރައީސް ސޯލިހް އާއި ނަޝީދުއާ ދެމެދު ކޯޅުން ބޮޑުވެ އެމްޑީޕީގެ އެތެރޭގައި ދެ ފެކްޝަނެއް އުފެދިގެން އުޅޭތާ ދުވަސްތަކެއް ވެއްޖެ އެވެ. އެއިން، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެޖޯރިޓީ އޮތީ ރައީސް ސޯލިހްގެ ފަޅިއަށެވެ.

ކޯޅުން ބޮޑުވެފައިވަނިކޮށް ނަޝީދު އާއި އީވާ މަގާމުން ވަކިކުރާ ހިސާބަށް ދިޔައީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕްއަށް ނަޝީދު ފޮނުއްވި މެސެޖްތަކަކާ ގުޅިގެންނެވެ. ނަޝީދު ވަނީ ރައީސް ސޯލިހް އަންހެން ކުއްޖަކާއެކު ޒިނޭ ކުރައްވާ މަންޒަރު ހުރި ފޮޓޯ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ. އެކަމަކު ފޮޓޯތައް ލުމަށް މެންބަރުން އެދުމުން ވެސް ނަޝީދު ފަހުން އެއަކަށް ޖަވާބެއް ނުދެއްވައެވެ.

ނަޝީދުގެ އެ ވާހަކަފުޅާއެކު، އެމަނިކުފާނު މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ގިނަ މެންބަރުންތަކެއް އެދެމުން އަންނަ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވެސް ވަނީ ވިދާޅުވެފައެވެ. އަދި ރައީސް އޮފީހުން ވަނީ ރައީސް އެފަދަ އެއްވެސް އަމަލެއް ނުކުރައްވާ ކަމަށް ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.