ޔޯގާ ހަަރަކާތުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރުކޮށްފައިވާ ދީނި އިލްމުވެރިޔާ ޝައިޚު ނިޝާން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލް ކުރަން ޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށް ހައިކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކަށް ހިތްވަރު ދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޝައިޚު ނިޝާންގެ ބަންދުގެ މުއްދަތު ވަނީ އެކި ފަހަރު މަތީން އިތުރުކޮށްފައެވެ. ނިޝާން ހައްޔަރު ކުރުމަށްފަހު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުތައް ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ އިސްތިއުނާފް ކުރި އަމުރާމެދު ގޮތެއް ނިންމަމުން ހައިކޯޓުން ނިންމީ އެ އަމުރަކީ ރަނގަޅު އަމުރެއްް ކަމަށެވެ.
ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމި ނިންމުމުގައި ބަޔާންކޮށްފައި ވަނީ މައްސަލައެއްގައި މީހަކު ހައްޔަރުކުރާއިރު، އެ މައްސަލައިގެ ތަހުގީގު އޮންނާނީ ވަރަށް ޅަފަތުގައި ކަމަށެވެ. މައްސަލަ ތަހުގީގު ކުރަމުންދާ ވަރަކަށް އާ ހެކިތައް ލިބުމާއި އާ ކަންކަން ނިއުޅެމުން ދާނެ ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި ބަންދު ކުރަން އެދޭ ސަބަބުތަކުގެ ތެރޭގައި ފުލުހުން ކޯޓަށް ހުށަހެޅި ފޯމުގައި ހިމަނާފައިވާ ކަންކަމަކީ އުފަންކޮށްފައިވާ ކަންކަން ނޫން ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.
މީގެ އިތުރުން ފުލުހުންގެ ފަރާތުން ދަށު ކޯޓަށް ހެކީގެ ގޮތުގައި ހުށަހެޅި އިންޓެލިޖެންސް ރިޕޯޓުގައި ފާހަގަކޮށްފައި ވަނީ އެދުވަހު ނިޝާންގެ ހަރަކާތްތައް ހުރި ގޮތް ކަމަށެވެ. އެގޮތުން ގަލޮޅު ދަނޑުތެރެއަށް ވަދެގަތް މީހުންނާއެކު ދަނޑު ބޭރުގައި ނިޝާން ހަރަކާތްތެރިވެފައިވާ ކަމަށާއި އަދި އެމީހުންނާ މުއާމަލާތްކޮށްފައިވާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ނިޝާންގެ ހަރަކާތްތައް ހުރި ގޮތް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ.
ޔޯގާ މައްސަލައިގާ ދެ އިލްމުވެރިންގެ އިތުރުން ވެސް ގިނަ ބަޔަކު ހައްޔަރުކޮށްފައިވާއިރު އެމީހުންގެ ބަންދަށް ވަނީ ގިނަ ދުވަސްތަކެއް ޖަހާފައެވެ. މައްސަލައިގާ ހައްޔަރުކުރި މީހުންގެ ތެރޭގައި އިދިކޮޅު ޕީޕީއެމަށް ނިސްބަތްވާ މީހުން ވެސް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ