ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެންމެ ރަނގަޅުވާނީ ފިލްމީ ދާއިރާއިން ކުރިއަށް ވަޑައިގެންނެވުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އިނގިރޭސި ވިލާތުގައި ޗުއްޓީ ހޭދަކުރައްވަމުން ދަނިކޮށް ރައީސް ނަޝީދުގެ ފޯނު ރޭގެ ވަގުތެއްގައި ފޭރިގަނެފައިވާކަމަށްބުނެ ދެކެވެމުންދާ ވާހަތަކާއި ގުޅިގެންނެވެ. ރައީސް ނަޝީދުގެ ފޯނު ފޭރިގަނެފައިވާ މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުން ރައީސް ނަޝީދަށް އަމާޒުވެފައިވާއިރު، އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީގެ އިސް ބައެއް ބޭފުޅުންވެސް ދަނީ މިކަމަށް ފާޑު ކިޔަމުންނެވެ.
ނަޝީދުގެ ފޯނު ފޭރިގެންފައި މިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަދުއަހުލާގީ އަމަލުތަކެއް ހިންގަވާ ފޮޓޯތަކެއް އެމަނިކުފާނުގެ ފޯނުގައި ހުރި ކަމަށް ނަޝީދު ތުހުމަތުތަކެއް ކުރައްވާފައި ވަނިކޮށެވެެ. އެކަމަކު ތުހުމަތުތައް ރައީސް އޮފީހުން ދޮގުކުރެއެވެ.
މެމްބަރު މޮސްޓަރ ވިދާޅުވީ ރައީސް ނަޝީދަކީ ސިޔާސީ ގޮތުން ކުރިއަށް ވަޑައިގަތުމަށްވުރެ އެހެން ދާއިރާއަކުން ކުރިއަށް ވަޑައިގަތުމުގެ ހުނަރު ލިބިވަޑައިގެން ހުންނެވި ބޭފުޅެއްކަމަށެވެ. އެމަނިކުފާނު އެންމެ ރަނގަޅުވާނީ ފިލްމީ ދާއިރާއިން ކުރިއަށް ވަޑައިގެންނެވުން ކަމަށްވެސް މޮސްޓާ ވިދާޅުވިއެވެ.
އަސްލު ނުބައި ދާއިރާއެއްގައި ތިއުޅެނީ. ރައީސް ނަޝީދު ފިލްމީ ދާއިރާއިން ކުރިއަށް ދިއުން މާ ރަނގަޅުވާނެ.
– މޮސްޓާ ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ފޯން ފޭރިގަނެފައިވަނީ ދަރިކަނބަލުންނާ އެކު ލަންޑަންގެ ރެސްޓޯރަންޓެއްގައި ފަރިއްކުޅުއްވަން އިންނަވަނިކޮށް ކަމަށް ނަޝީދުގެ ދަރިކަނބަލުން ވަނީ މާލޭގައި ތިއްބެވި އާއިލާގެ ބޭފުޅުންނަށް މެސެޖަކުން އަންގަވާފައެވެ. ނަޝީދުގެ ފޯން ފޭރިގެންފައިވާތީ ދަރިކަނބަލުން އެދިވަޑައިގެންފައިވަނީ ފޯން ނަންބަރު ބްލޮކް ކޮށްދެއްވުމަށެވެ.
ނަޝީދަށް ބޮޑުބޭބެ ވިދާޅުވާ މަޖިލީހުގެ ނައިބް ރައީސް އީވާ ވަނީ ދަރިކަނބަލުންގެ މެސެޖު މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕްގައި ހިއްސާކުރައްވާފައެވެ. ރައީސް ނަޝީދުގެ ފޯން ފޭރިގަތުމާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި މަޖިލީހުގެ ކައުންސެލް ޖެނަރަލް ފާތިމަތު ނިއުޝާ ވަނީ މެންބަރުން ތިއްބަވާ ގުރޫޕުން ރައީސް ނަޝީދުގެ ނަންބަރު ވެސް ރޭ ރިމޫވް ކުރައްވާފައެވެ.