ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން ދާއިރާތަކުގެ ރައީސުންނާއި ރަށު ރައީސުން އިންތިހާބު ކުރަން ނިންމާ އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިރޭ ހުޅުވާލައިފިއެވެ.
ޕީޕީއެމުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ، ޕީޕީއެމްގެ ހިންގުމުގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަން ނިންމީ، އެޕާޓީގެ ހުރިހާ ގުނަވަންތަކެއް މިހާރަށްވުރެ ބޮޑަށް ހަރަކާތްތެރިވުން އިތުރުކޮށް ކުރީގެ ރައީސް ޔާމީންއަށް 2023 ކާމިޔާބުކޮށް ދިނުމުގެ ބޭނުމުގައި ކަމަށެވެ.
އެގޮތުން ގެނައި ބަދަލާއެކު ރާއްޖޭގެ 87 ދާއިރާއަކަށް ރައީސުން ކަނޑައެޅުމަށް އިންތިހާބު ބާއްވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ. ޝުޖާއު ވިދާޅުވީ ޕީޕީއެމްގެ ހިންގުމުގެ އޮނިގަނޑަށް ބަދަލު ގެންނެވީ ޔާމީން ކަމަށެވެ. އަދި ޔާމީން އެ ބަދަލު ގެންނެވީ ޕާޓީގެ މެމްބަރުންގެ ހިޔާލާއީ މަޝްވަރާގެ މަތިން ކަމަށެވެ.
ޒުވާނުންގެ ހަރަކާތުގެ ރަށުގެ ރައީސް ހޮވުމުގެ އިންތިހާބުގައި އެ މަގާމުތަކަށް ކުރިމަތި ލެވޭނީ އަދި ވޯޓް ލެވޭނީވެސް އުމުރުން 35 އަހަރުން ދަށުގެ މެންބަރުންނަށެވެ. އަންހެނުންގެ ހަރަކާތުގެ ރަށުގެ ރައީސް ހޮވުމުގެ އިންތިހާބުގައި ވޯޓްލެވޭނީ ދެ ޕާޓީގެ އަންހެން މެންބަރުންނަށެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ އެތެރޭގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 13 އިން 25 އަށް ހުޅުވާލާފައިވާ ކަމަށެވެ. އިންތިހާބު ބޭއްވުމަށް ހަަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު އެވެ. މިއީ އެ ޕާޓީގެ ހަރަކާތްތައް އިތުރަށް ފުޅާކޮށް 2023 ގެ ރިޔާސީ އިންތިހާބަށް ޕާޓީގެ ހަރަކާތްތައް ވަރުގަދަކޮށް އާންމު މެންބަރުންނާއި ޕާޓީގެ މައި އޮފީސް ގުޅުވާލުުމުގެ ބޭނުމުގައި ގެންނަ ބަދަލުތަކެއް ކަމަށެވެ.