ޔޯގާ ދުވަހު ހިންގި ހަމަނުޖެހުންތަކުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި އައްޝައިހް އާދަމް ނިޝާން ބަންދުގައި ބެހެއްޓުމަށް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް މާދަމާއަށް ތާވަލުކޮށްފިއެވެ.
ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތުގެ ތެރެއަށް ވަދެގަނެ، ހިންގި ހަމަނުޖެހުމުގައި ބައިވެރިވިކަމަށް ތުހުމަތުކޮށް ޝައިހް ނިޝާން ހައްޔަރުކުރީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެކި ފަހަރު މަތިން ބަންދުގެ މުއްދަތު އިތުރުކޮށް، ޖަލުގައި ބަހައްޓާތާ މަހަކަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. އެހެންވެ މިދިޔަ ޖުލައި މަހު ޝައިހް ނިޝާންގެ ފަރާތުން އެ މައްސަލަ އިސްތިއުނާފުކުރިއެވެ.
އެ މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ހައިކޯޓުގައި ތާވަލްކޮށްފައިވާއިރު މައްސަލައިގައި މާދަމާ ހުކުމް ކުރާނެއެވެ. ހައިކޯޓްގައި އޮތް ބަންދު މުރާޖާ ކޯޓު އަމުރުތަކުގެ މައްސަލައިގެ ހުކުމް ކުރުން އޮތީ 10:30 ގައެވެ.
ހައިކޯޓްގައި އޮތް މައްސަލައިގެ އަޑުއެހުންތައް ނިންމާލީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. ހައިކޯޓަށް ހުށައެޅި މައްސަލާގައި އިސްތިއުނާފީ ނުކުތާތަކުގެ ތެރޭގައި ފާހަގަކޮށްފައިވަނީ އެބޭފުޅާ ހައްޔަރުކުރިއިރު ގާނޫނީ އިންޒާރުގައި ފުލުހުން ތުހުމަތުކުރި ކަންކަން ފިޔަވައި އިތުރު ކަންކަން ފުލުހުންގެ ފަރާތުން ކްރިމިނަލް ކޯޓުގައި ބަންދު މުރާޖައާކުރުމަށް ހުށަހެޅި އިރު ހިމަނާފައިވާ ކަމަށެވެ. އެގޮތުން އެ ހަަމަނުޖެހުމަކީ ސިޔާސީ ނުވަތަ ދީނީ ނުވަތަ ހަރުކަށި ފިކުރުގެ ނިޔަތެއް އޮވެގެން އަދި މީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ހިންގި ހަރަކާތެއްކަން ހިމަނާފައިވާ ކަމަށް ދިފާއީ ވަކީލުން ވަނީ ފާހަގަކުރައްވާފައެވެ.
ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުންތަކުގައި ނިޝާން ބައިވެރިވިކަމަށް ފުލުހުން ތުހުމަތުކުރި ނަމަވެސް އެކަމުގެ އެއްވެސް ހެއްކެއް ފުލުހުންނަށް ކޯޓުގައި ދެއްކިފައިނުވާ ކަމަށް ޝައިހް ނިޝާންގެ ވަކީލުން ބުނެ އެވެ. ޔޯގާއާ ދެކޮޅަށް ބަޔަކު އިހްތިޖާޖުކުރާ ހަބަރު ލިބިގެން ޝައިހް ނިޝާން އެތަނަށް ގޮސް މީހުންނަށް ނަސޭހަތްރެރިވީ ސުލްހަވެރިކަމާއެކު އިހްތިޖާޖު ކުރުމަށެވެ.
ކޮމެންޓު ފޮނުވާ