ސަން ޓްރެވަލް ކުންފުނިން ހިލްޓަން އިންޓަނޭޝަނަލަށް ދައްކަންޖެހޭ ފައިސާތަކެއް ނުދެއްކި މައްސަލާގައި ސަން ކުންފުނީގެ މައި ހިއްސާދާރު އަޙްމަދު ސިޔާމް (ސަން)ގެ ޕާސްޕޯޓު ހިފަހައްޓަން ސިވިލް ކޯޓުން ނެރުނު އަމުރަކީ ޞައްޙަ އަމުރެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅައިފިއެވެ.
ސަން ޓްރެވަލްއިން 2009 ވަނަ އަހަރު ހިލްޓަންއާ އެކު ނ. އިރުފުށި ރިސޯޓް ހިންގަން ހެދި އެއްބަސްވުން 2013 ވަނަ އުވާލީ ރަނގަޅަށް ނޫން ކަމަށް ސިންގަޕޫރް އާބިޓްރޭޝަނުން ކަނޑައަޅައި، ބަދަލުގެ ގޮތުގައި 24 މިލިއަން ޑޮލަރު ދޭން ސަންގެ މައްޗަށް އަމުރުކުރިއެވެ. އެ ނިންމުމަށް ރާއްޖޭގެ ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށްފައިވާއިރު، އެ ފައިސާ ނުދައްކައިގެން ސިޔާމްގެ ޕާސްޕޯޓް ހިފެހެއްޓީ މިދިޔަ ފެބްރުއަރީ މަހުގެ ނުވަނަ ދުވަހުއެވެ.
އެ މައްސަލައިގެ އިސްތިއުނާފުގައި ސިޔާމުގެ ފަރާތްޕުޅުން ފާހަގަކުރައްވާފައިވަނީ ދަތުރުފަތުރުގެ ޙައްޤަކީ އަސާސީ އިންސާނީ ޙައްޤެއްކަމަށްވާއިރު އެ ޙައްޤު ހަނިކޮށް އޭނާގެ މައްޗަށް ނެރުނު އަމުރަކީ ޤަވާއިދެއްގައި އޮތް މާއްދާއަކާ ހަވާލާދީ ނެރެފައިވާ އަމުރެއް ކަމަށާއި، އެހެންކަމުން އެ އަމުރަކީ ޤާނޫނު އަސާސީއާ ޚިލާފު އަމުރެއް ކަމަށެވެ.
އަދި އޭގެ އިތުރަށް ކުންފުންޏަކީ ހިއްސާދާރުންނާ ވަކިން އުފެދިފައި އޮންނަ ޤާނޫނީ ޝަޚުޞެއް ކަމުގައިވާއިރު ސަން ކުންފުނީގެ މައްސަލަ ކޯޓުގައި ހިނގަމުންދާކަމަށާއި، ކުންފުނީގެ ފަރާތުން ކޯޓަށް ހާޒިރުވެ ޖަވާބުދާރީވަމުން އަންނަ ކަމަށެވެ. އެހެންކަމުން ސިޔާމުގެ ޕާސްޕޯޓު ހިފަހައްޓަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ.
ހައި ކޯޓުގެ ތިން ފަނޑިޔާރަކު ބެއްލެވި މި މައްސަލާގައި އެ ގޮތަށް ހުކުމް ކުރީ ދެ ފަނޑިޔާރެއްގެ އަޣުލަބިއްޔަތުންނެވެ. މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ އިސް ފަނޑިޔާރު ހާތިފް ހިލްމީ، ފަނޑިޔާރު ހުސައިން ޝަހީދު، އަދި ފަނޑިޔާރު ފާތިމަތު ފަރްހީޒާއެވެ.
މި މައްސަލާގައި ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓާފައިވާއިރު، ސިވިލް ކޯޓުން މީގެ ދެ އަހަރު ކުރިން ވަނީ ސަން ކުންފުނީގެ އެކައުންޓްތަކުގައި އަށް މިލިއަން ޑޮލަރު ހުރިނަމަ އެ ފައިސާ ހިފެހެއްޓުމަށް ވެސް ބޭންކްތަކަށް އަމުރުކޮށްފައެވެ. އެއަށް ވުރެ މަދުން ހުރި ނަމަ، އެ ކުންފުނީގެ ހުރިހާ އެކައުންޓެއްގައި ހުރި ފައިސާތައް އެއްކޮށް ހިފެހެއްޓުމަށް ވެސް އެ އަމުރުގައިވެއެވެ.
ކޮމެންޓު ފޮނުވާ