އިންތިގާލީ އިންތިޒާމްތަކަށް މިހާރުގެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެއްބާރުލުން ނުލިބިއްޖެނަމަ، ކޯވިޑް19ގައި އެމެރިކާގެ އިތުރު އެތައްބަޔަކު މަރުވެދިއުމުގެ ނުރައްކާ އެބައޮތްކަމަށް އިންތިޚާބީ ރައީސް ޖޯ ބައިޑްން ވިދާޅު ވެއްޖެއެވެ.
ބައިޑްން މިގޮތަށް ވިދާޅުވެފައިވަނީ، ޑެލަވާރ ސްޓޭޓުގައި އެމެރިކާގެ ރައްޔިތުންނާއި މުޚާތަބުކޮށް ވާހަކަ ދައްކަވަމުންނެވެ. ބައިޑްން ވިދާޅުވެފައިވަނީ ޓްރަމްޕް އިންތިޚާބުގެ ނަތީޖާ ގަބޫލުކުރައްވަން ދެކޮޅު ހެއްދެވުމަކީ ލަދުވެތިވާން ޖެހޭ ކަމެއްކަމުގައެވެ.
އެމެރިކާގެ ހުރިހާ ސްޓޭޓޭއްގެ ވޯޓު މިހާތަނަށް ގުނާ ނިމިފައިވާއިރު، ޖޯބައިޑްންއަށް ވަނީ 306 އިލެކްޓޯރަލް ވޯޓު ލިބިފައެވެ. އެމެރިޔާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ބޭނުންވަނީ އެގައުމުގެ ހުރިހާ ސްޓޭޓަކަށް ކަޑައެޅިފައިވާ 538 އިލެކްޓޯރަލް ވޯޓުގެ ތެރެއިން 270 ވޯޓެވެ.
އެހެންނަމަވެސް، ޓްރަމްޕް ވަނީ ހޯމަދުވަހުވެސް އެނާ އިންތިޚާބު ކާމިޔާބު ކޮށްފައިވާކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.
ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ބޭއްވުނު އިންތިޚާބަށްފަހު ޓްރަމްޕްގެ ކެމްޕޭންއިން ވަނީ އިންތިޚާބުގައި މަކަރު ހަދާ އޮޅުވާފައިވާ ކަމަށް ބުނެ މައްސަލަ އެމެރިކާގެ ސުޕްރީމް ކޯޓަށް ވައްދާފައެވެ. އެހެންނަމަވެސް، މިހާތަނަށް އައިއިރު އިންތިޚާބު އޮޅުވާލާފައިވާ ކަމުގެ ސާބިތު ހެއްކެއް ޓްރަމްޕް ލޯޔަރުންނަށް ދެއްކިފައެއް ނުވެއެވެ.
އެމެރިކާގެ ޖެނެރަލް ސާވިސް އެޑްމިނިސްޓްރޭޝަން (ޖީއެސްއޭ) އިން އަދިވެސް ޖޯ ބައިޑްއަކީ އިންތިޚާބީ ރައީސްގެ ގޮތުގައި ބަލައިގެންފައެއް ނުވެއެވެ. މި އޭޖެންސީއަކީ އިންތިގާލީ މަރުހަލާގެ ކަންކަން ހަމަޖެއްސުމާބެހޭ ހުރިހާ ޒިންމާއެއް ހަވާލުވެފައި އޮންނަ އޭޖެންސީއެވެ. މިގޮތުން ޖީއެސްއޭ އިން އަދިވެސް ޖޯ ބައިޑްން އިންތިޚާބު ކާމިޔާބު ކޮށްފައިވާކަމަށް ބަލައިގެންފައި ނުވާތީ، ބައިޑްންގެ އިންތިގާލީ ޓީމަށް ލިބެންޖެހޭ މުހިންމެ އެތަކެއް ޑާޓާތަކާއި މައުލޫމާތުތަކެއް ލިބުމުގައި ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތި ވެފައެވެ.
ބައިޑްންގެ ގާތް ފަރާތްތަކުން މައުލޫމާތު ދޭގޮތުގައި ޓްރަމްޕް އިންތިޚާބުގެ ނަތީޖާ ގަބޫލު ކޮށްފައި ނުވާތީ، ކޯވިޑް19 އާއި ގުޅިގެން މިހާރު އުފައްދަމުންދާ ވެކްސިންތައް އެމެރިކާގެ ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށް ހެދިފައިވާ އިންތިޒާމްތަކާއި ގުޅޭ އެއްވެސް މުއާމަލާތެއްގެ މައުލޫމާތުވެސް އިންތިޚާބީ ރައީސްގެ އިންތިގާލީ ޓީމަށް ލިބޭނެގޮތެއް ވަނީ ނުވެފައެވެ.
ހޯމަދުވަހު، އެމެރިކާގެ ރައްޔިތުންނާއި މުޚާތަބުކޮށް ވާހަކަ ދައްކަވަމުން ބައިޑްންވަނީ އިންތިޚާބުގެ ނަތީޖާ ބަލައިގަންނަން ޓަރަމްޕް ދެކޮޅު ހައްދަވަމުން ގެންދަވާ ގެންދެވުން ޒިންމާދާރުކަން ކުޑަ ކަމެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.
"އެއްވެސް މީހަކަށް މިވާ އެއްޗެއް އިގޭބާ! މިދައްކަނީ އެތައް ބައެއްގެ ފުރާނަ ގެއްލިގެން ހިގައިދާނެކަމުގެ ވާހަކަ. މިއީ ސަމާސާ ވާހަކައެއް ނޫން." ބައިޑްން ވިދާޅުވިއެވެ.
ބައިޑްން ވިދާޅުވި ގޮތުގައި މިހާރު އެންމެ ފަހުގެ މަރުހަލާއާއި ހަމައަށް އައިސްފައިވާ ވެކްސިންތައް އެމެރިކާގެ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަކީ ވަރަށް އުދަގޫ މަސައްކަތަކަށް ވެގެން ދާނެއެވެ. އަދި މިމަސައްކަތަށް ޖެނުއަރީ 20 ވަނަ ދުވަހާއި ހަމައަށް އޭނާގެ ޓީމު މަޑުކުރަން ޖެހިއްޖެނަމަ، ވަގުތު ވަރަށް ބޮޑުތަނުން އޮންނާނީ ފާއިތުވެފައެވެ. ޖެނުއަރީ 20 ވަނަ ދުވަހަކީ ކޮންމެ ދައުރެއްގަވެސް އެމެރިކާގެ އިންތިޚާބީ ރައީސާއި ނާއިބް ރައީސް މަގާމު ހުވާ ކުރައްވާ ދުވަހެވެ.
ބައިޑްން އިންތިޚާބު ކާމިޔާބު ކޮށްފިކަމަށް އެމެރިކާގެ މީޑިއާތަކުން އިއުލާން ކުރިތާ ހަފްތާއެއް ފާއިތުވެގެން ދާއިރުވެސް، ޓްރަމްޕް ބަލި ގަބޫލު ކޮށްފައި ނުވިނަމަވެސް، އެތެރެއާއި ބޭރުންވެސް، އިންތިޚާބުގެ ނަތީޖާ ގަބޫލުކުރުމަށް ޓްރަމްޕަށް އޮތް ޕްރެޝަރ ދަނީ އިތުރުވަމުންނެވެ. މިގޮތުން މިހަފްތާގެ ހޯމަދުވަހު، ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ފަރާތްތަކުން ވަނީ މިޗިގަން، ޖޯޖިއާ، ޕެންސިލްވޭނިއާ އަދި ވިސްކަންސިންގ ގައި އިންތިޚާބުގެ ނަތީޖާގެ މައްސަލަ ކޯޓަށް ނުވެއްދުމަށް ނިންމާފައެވެ.
އެހެންނަމަވެސް، ޓަރަމްޕްވަނީ އޭނާއަށް ތާއީދުކުރާ ފަރާތްތަކުން އިންތިޚާބުގެ މައްސަލަ ކޯޓަށް ވެއްދުމަށް ގޮވާލައްވާފައެވެ. އަދި ޓްރަމްޕްގެ ކެމްޕޭން ޓީމުގެ ފަރާތުންވެސް ވަނީ އިންތިޚާބުގެ މައްސަލަ އެމެރިކާގެ ސުޕްރީމް ކޯޓަށް ވައްދާފައެވެ. އެހެން ނަމަވެސް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ވިދާޅުވާގޮތުގައި ޓްރަމްޕްގެ ގާނޫނީ ޓީމުން ކޯޓަށް ހުށަހަޅާފއިވާ މައްސަލާގައި އިންތިޚާބު ބާތިލް ކުރެވޭވަރުގެ ގާނޫނީ ހުއްޖަތު ދެއްކޭވަރުގެ ބުރަދަނެއް ނެތެވެ.