ރައްޔިތުންގެ މަޖިލީހުގެ ރައީސްއަކަށް ދެން އެންމެ ރަނގަޅު ބޭފުޅަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.
މޮސްޓާ މިހެން ވިދާޅުވީ މަޖިލީހުގެ މިހާރުގެ ރައީސް މުޙައްމަދު ނަޝީދުގެ ލާދީނީ ފިކުރު ފާޅުވެއްޖެކަމަށް ބުނެ އެތައް ބަޔަކު މަޖިލީހުގެ ރައީސްގެ މަޤާމުން ނަޝީދު އިސްތިއުފާދެއްވުމަށް ގޮވާލަމުންދަނިކޮށެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުންވެސް ވަނީ ރައީސް ނަޝީދު މަޖިލީހުގެ ރައީސްގެ މަޤާމުން ދުރުކުރުމުގެ މަސައްކަތް ފަށާފައެވެ. މޮސްޓާ ވިދާޅުވީ ދެން އެންމެ ޤާބިލް ބޭފުޅަކީ މަޖިލީހުގެ ރައީސްކަމަށް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ކަމަށެވެ.
ދެން @mvpeoplesmajlis ރައީސް ކަމަށް އެންމެ ރަނގަޅުވާނީ @qasimibrahim …
— Mohamed Nasheed Abdulla ( MosTaaA ) (@MNA_MosTaaA) July 30, 2022
އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގެ ތުހުމަތުގައި އެމަނިކުފާނުގެ ކޮއްކޮ، ނާޒިމް ސައްތާރު ހައްޔަރު ކޮށްފައިވާ ދަނޑިވަޅެއްގައި ނަޝީދު ގެންދަނީ ރައީސް ޞާލިހާއި، އަދި އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުންނަށް އަމާޒުކޮށް ބޮޑެތި ތުހުމަތުރައް ކުރަމުންނެވެ.
އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުގެ މެންބަރަކު މަޢުލޫމާތު ދެއްވިގޮތުގައި ރައީސް ނަޝީދު މަޖިލީހުގެ ރައީސްގެ މަޤާމުން ދުރުކުރެއްވުމުގެ މަސައްކަތް ފަށާފައިވަނީ އެފަދަ މަޤާމެއްގައި ހުންނަވާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ހަޖޫޖަހާއި އިސްލާމްދީނަށް ފުރައްސާރަކުރާތީއެވެ.
މެންބަރުން މައުލޫމާތު ދިންގޮތުގައި ރައީސް ނަޝިދުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ވެއްދުމަށް ސޮއި ހަމަކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
އއ. އަތޮޅުގެ ރިސޯޓެއްގައި ހުންނަވަނިކޮށް ނާޒިމް ހައްޔަރު ކުރުމާއެކު، ނަޝީދު ޓްވީޓެއް ވެސް ކުރެއްވިއެވެ. އަދި ނާޒިމް ހައްޔަރުކުރީ ސިޔާސީ މަގުސަދެއްގައި ސަރުކާރު ކޯލިޝަންގައި ތިބި ހަރުކަށި ފިކުރުގެ ބަޔަކު ރުއްސަން ކަމަށް ވެސް ނަޝީދު ވިދާލުވެފައިވެއެވެ.
ރައީސް ނަޝީދު ވަނީ ރައީސް އިބްރާހީމް މުޙައްމަދުގެ އިސްތަށިފުޅުގައި ޒިނޭގެ ތުހުމަތު އަޅުއްވާފައެވެ. އެގޮތުން އޭގެ ފޮޓޯ ހުރިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުން އެކަން ދޮގުކުރެއެވެ.
ކޮމެންޓު ފޮނުވާ