ރަޙްމަތްތެރިޔަކީ އިންސާނަކަށް ދުނިޔެމަތީގައި ލިބޭނެ އެންމެ އަގު ބޮޑު އެއް ޖަވާހިރު: ޢިމްރާން

ރަޙްމަތްތެރިޔަކީ އިންސާނަކަށް ދުނިޔެމަތީގައި ލިބޭނެ އެންމެ އަގު ބޮޑު އެއް ޖަވާހިރު: ޢިމްރާން

Author
މުޙައްމަދު ޖިމީ
31 ޖުލައި 2022 10:13
0

ރަޙްމަތްތެރިޔަކީ އިންސާނަކަށް ދުނިޔެމަތީގައި ލިބޭނެ އެންމެ އަގު ބޮޑު އެއް ޖަވާހިރު ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ރަޙްމަތްތެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އާއި ހޯރަފުށީ ކައުންސިލް ގުޅިގެން އިއްޔެ ހަވީރު ބޭއްވި އިސްރައްވެހިންގެ ހަފްލާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

ހޯރަފުށީގައި ބޭއްވި އިސްރަށްވެހިންގެ ހަވީރުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ހެޔޮލަފާ، ހެޔޮ އެދޭ ރަޙްމަތްތެރިއަކީ އޭނާގެ ދެދުނިޔެ ބާއްޖެވެރި ކުރުމަށް މަގު ކޮށައިދޭނެ އެންމެ މުހިންމު އެއް ބަހާ ކަމަށެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ ރަޙްމަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އިމްރާން ދެއްކެވި ފާހަކަފުޅުގައި ކީރިތި ރަސޫލާ މުޙައްމަދު ސައްލައްﷲ އަލައިހި ވަސައްލަމަގެ ހަދީސްގެ އަލީގައި ހަގީގީ ރަޙްމަތްތެރިކަމުގެ ސިފަތަކުގެ މައްޗަށް އަލި އަލުއްވާލެއްވިއެވެ.

ރަސޫލާ ސައްލައްﷲ އަލައިހި ވައްސަލަމް ހަދީސް ކުރައްވާފައިވޭ. ތިބާ މީހަކު ދެނެގަންނަން ބޭނުންނަމަ އަސްލު އޭނައަށް ނުބަލާށޭ. ބަލާށޭ އޭނަގެ އެންމެ ގާތް މީހަކީ އެންމެ ރަޙްމަތްތެރިއަކީ ކާކުތޯ. އެހެންވީމަ ރަޙްމަތްތެރިއަކަށްވީމަ މިވާ ގޮތަކީ އެ ދެމީހެއްގެ ހުރިހާ ބަހާތައް އެކައްޗަކަށްވެ އެކަތިގަނޑަކަށް ހަދަނީ. ރަހްމަތްތެރި ކަމަކީ ހިތުގަ އުފެދިގެންދާ ޖަޒުބާތާއި ލޯތްބާއި ކުލުނުގެ ނަތީޖާ.

– މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވިއެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ ރަޙްމަތްތެރި ކަމަށް އިސްލާމް ދީނުގައި ވަރަށް ބޮޑު ބާރެއް އެޅިގެންވާ ކަމަށާއި އިސްލާމީ މުޖުތަމައުގައި އުޅޭ ކޮންމެ މީހަކީ އޭނަގެ ގާތް، އެކުވެރި، ރަޙްމަތްތެރިއަކަށް ވުމަށް ބާރު އަޅުއްވާފައިވާ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން އިސްލާމީ މުޖުތަމައަކީ ރައްކާތެރި، އަމާން ސުލްޙަވެރި މުޖުތަމައަކަށް ވެގެންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެކަކު އަނެކަކަށް ގޯނާއެއް ނުކުރުމާއި ދެރަކަމެއް ނޭދުމާއި ޖެއްސުމެއް، ފުރައްސާރައެއް ނުކުރުމާއި މިފަދަ ހުރިހާ ކަމެއް ހިމެނިގެންވަނީ އިސްލާމް ދީނުގައި ހިމެނޭ ރިވެތި ރަޙްމަތްތެރިކަމުގެ ސިފަތަކުގެ ތެރޭގައި ކަމަށެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ހަމައެކަނި ލިބޭ އުފާވެރިކަމުގައި ބައިވެރިވާ ފަރާތަކީ ހަގީގީ ރަޙްމަތްތެރިއެއް ނޫންކަމަށާއި ހަގީގީ ރަޙްމަތްތެރިއަކަށް ވެވެނީ އުފަލާއި ހިތާމައިގަ ބައިވެރިވެ ދަތި ދުވަސްތަކާއި ފާގަތި ދުވަސްތަކުގައިވެސް ބައިވެރި ވުމުން ކަމަށެވެ.

ރަޙްމަތްތެރިންނާއި ގުޅޭގޮތުން ހޯމް މިނިސްތަރ މިފަދަ ވާހަކަފުޅުތަކެއް ދައްކަވާފައިމިވަނީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާ ދެމެދު ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނަޑިވަޅެއްގައެވެ.

ރައީސް ޞާލިހާއި ރައީސް ނަޝީދަކީ ދުވަސްވީ ގާތް ދެ ރަޙްމަތްތެރިންނެވެ. ނަމަވެސް އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި މަޖިލިސް ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ހައްޔަރުކުރުމުން ރައީސް ނަޝީދު ވަނީ ރައީސް ޞާލިޙްގެ ބަދުއަޚްލާގީ ފޮޓޯތަކެއް ހުރިކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ.

ރައީސް ޞާލިޙާއި ރައީސް ނަޝިދުގެ ދެމެދު ވަނީ ވަރަށް ބޮޑަށް ޚިޔާލުތަފާތުވުން އުފެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.