އިސްލާމީ ދައުލަތެއްގައި ޙުކުމް ނެރޭނީ އެ ދައުލަތެއްގެ ރަސްމީ ނިޒާމުގެ ތެރެއިންކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ޔޯގާ އާއި ގުޅިގެން އެކި ފަރާތްތަކުގެ ރަޢުޔު ތަފާތުވެފައިވާތީ އެކަމަށް އިޝާރާތްކުރައްވާ ވައްޑެ ވިދާޅުވީ، އިސްލާމީ އަދި ޤާނޫނީ ދައުލަތެއްގައި ޙުކުމްތައް ނެރޭނީ އެދައުލަތެއްގެ ރަސްމީ ނިޒާމުގެ ތެރެއިންކަމަށެވެ. އެއީ ވަކިވަކި ފަރުދުން އަމިއްލަ އަމިއްލައަކަށް ނެރެވޭނެ އެއްޗެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
އިސްލާމީ އަދި ޤާނޫނީ ދައުލަތެއްގައި ޙުކުމްތައް ނެރޭނީ އެދައުލަތެއްގެ ރަސްމީ ނިޒާމުގެ ތެރެއިންނެވެ. ވަކިވަކި ފަރުދުން އަމިއްލަ އަމިއްލައަކަށް ނޫނެވެ.
— Waddey (@waddey_) July 28, 2022
ވައްޑެ މިހެން ވިދާޅުވެފައިވާއިރު، "ހަރާމްވާނީ ހަމައެކަނި ﷲ ޙަރާމް ކުރެއްވި ކަންތައްތަކެވެ.” މިމައުޟޫޢުގެ މައްޗަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ކުރެއްވި ދިރާސާއެއްގެ ލިޔުމެއް ވަނީ އާންމު ކުރައްވާފައެވެ.
މި ލިޔުއްވުމުގައި މައުމޫން ވިދާޅުވެފައިވަނީ، ގައުމީ ނުވަތަ އިޖުިތިމާޢީ މުނާސަބަތުތައް ފާހަގަ ކުރުމާއި އިންސާނީ ގުޅުންތައް ބަދަހިކުރުމަށް ކުރެވޭ ކަންކަމާއި އުފަންދުވަސް ފާހަގަ ކުރުމާއި އެކިއެކި ކުޅިވަރު ކުޅުމާއި މުނިފޫހި ފިލުވުމަށް ކުރާ ކަންކަމަކީވެސް ހުއްދަ ކަންކަމުގެ ގޮތުގައި ބެލެވޭނެ ކަންކަމެވެ.
މައުމޫނުހެ އަމިއްލަފުޅު ޕާޓީ އެމްއާރުއެމްއިން އާންމުކުރި މި ލިޔުއްވުމުގައި މައުމޫން ވިދާޅުވެފައިވަނީ ހަރާމް އަދި ހަލާލު ކަންކަމަކީ ކަނޑައެޅި ބަޔާންވެގެންވާ ކަންކަންކަމަށާއި، ހަރާމް ކަންކަމުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ކަންކަމާއި އެކަންކަމުގެ މައްޗަށް ހަރާމްކަމުގެ ގަރީނާތައް ފެންނާން ހުރި ކަންކަން ފިޔަވައި އެހެން ހުރިހާ ކަންކަމަކީ ހުއްދަވެގެންވާ ކަންކަން ކަމުގައެވެ.
ސަބަބެއް ކަމުގައި މައުމޫން ބަޔާން ކުރައްވާފައިވަނީ، ދުނިޔެއާއި ދުނިޔޭގައި ވާހާތަކެއްޗެއް ﷲ ހައްދަވާފައިވަނީ އިންސާނުންނަށްޓަކާ ކަމަށް ﷲ ސުބުހާނަހޫ ވަތަޢާލާ އަންގަވާފައި ވުމެވެ.
މައުމޫނުގެ ލިޔުއްވުމުގައި ވާގޮތުން ހަރާމް ހަލާލް ކަންކަމަކީ އެކަންކަން ކަނޑައެޅުމުގެ ބާރު ހަމައެކަނި ﷲ ތަޢާލާއަށް ވާ ކަންކަމެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިވާއިރު،
104 ދީނީ އިންމުވެރިއަކު ނެރުއްވާފައިވާ ފަތުވާއެއް އިލްމުވެރިންގެ ގުޅުމުން ވަނީ އާންމު ކޮށްފައެވެ. އަދި މިމައްސަލާގައި ދީނީ އިލްވެރިންނާއި ސިޔާ ލީޑަރުންވެސް ގެންދަވަނީ އެކިއެކި ރައުޔުތައް ނެެރުއްވަމުންނެވެ.
ސިޔާސީ ލީޑަރުންގެ ތެރެއިން އަމިއްލަފުޅު ރައުޔު ހާމަކުރައްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ނަޝިދު ވިދާޅުވެފައިވަނީ ޔޯގާއަކީ ހަރާމް ކަމެއްކަމުގައި ބުނާ ދީނީ އެއްވެސް ފަތުވާއެއް ނެތްކަމުގައެވެ.
އެހެންނަމަވެސް ޚިޔާލު ތަފާތުވުން ބޮޑު މި މައްސަލާގައި ސަރުކާރުގެ ފަތުވާ މަޖިލިހުން އަދި މިހާތަނަށް އެއްވެސް ރައުޔެއް ހާމަ ކުރައްވާފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ