މުދަލާއި ޚިދުމަތުން ނަގާ ޓެކްސް (ޖީއެސްޓީ)އާއި، ފަތުރުވެރިކަމުގެ ޚިދުމަތާއި މުދަލުން ނަގާ ޓެކްސް (ޓީޖީއެސްޓީ) ބޮޑުކުރުމަށް ފުރިހަމައަށް ތާޢީދުކުރައްވާކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.
ސަރުކާރުން ވަނީ ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް، އަދި ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑުކުރުމަށް ނިންމާފައެވެ.
މިކަމާއި ގުޅޭގޮތުން ޝަރީފް ވިދާޅުވީ، ޓެކްސް ބޮޑުކުރަން ޖެހެނީ، ތެލާއި އަސާސީ މުދަލުގެ އަގު އުފެލުމުން ދިއުމުގެ ސަބަބުންކަމަށެވެ. އެހެންކަމުން ސަރުކާރުން ތަކެތީގެ އަގު ހިފެހެއްޓުމަށް ސަބްސިޑީގެ ގޮތުގައި އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ޚަރަދު ކުރަން ޖެހިފައިވާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަން ޖެހިފައިވާކަމަށެވެ.
I fully support the government’s proposal to increase GST n TGST as measures t increase revenue. The rising cost of oil n other essential commodities has forced the government t spend several hundred million rufiyaa in subsidies to maintain price stability.We need belt tightening
— Ibrahim Shareef (@AdduShareef) July 27, 2022
ޓެކްސް ބޮޑު ކުރުމާއެކު ޓެކްސްދައްކަން ޖެހޭ ފަރާތްތަކަށް 6 މަހުގެ މުއްދަތެއް ދިނުމަށްޓަކައި މަޝްވަރާތައް ކުރައްވަމުން އަންނަކަމަށްވެސް ފިނޭންސް މިނިސްޓަރ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ޖީއެސްޓީ އަދި ޓީޖީއެސްޓީ ރޭޓް ހުރީ ދުނިޔޭގެ ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކާ އަޅާބަލާއިރު ދަށްކޮށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޓީޖީއެސްޓީއާއި ޖީއެސްޓީ ބޮޑުކުރަން ނިންމާފައިވާކަން އިއުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިމަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ. މިނިސްޓްރީން ވިދާޅުވީ ޖީއެސްޓީ ބޮޑުކުރުމަށްޓަކައި، ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށްޓަކައި މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ މަސައްކަތް ފެށުމުގެ ކުރިން މަޖިލީހަށް ހުށަހަޅާނެކަމަށެވެ.
މަޖިލީހުގެ ފަހު ދައުރަށް މިބިލް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާއިރު، ސަރުކާރުގެ އަމާޒަކީ ދައުރު ނިމުމުގެ ކުރިން ޤާނޫނަށް އިސްލާހު ގެނެސް އަންނަ އަހަރު ފެށާއިރު ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑުކުރުމަށެވެ.
ޖީއެސްޓީ އާއި ޓީޖީއެސްޓީ ޓެކްސް އަންނަ އަހަރުން ފެށިގެން ބޮޑު ކުރަން ސަރުކާރުން ނިންމި ނަމަވެސް އެ ޓެކްސް ދެ އަހަރު ފަހުން ބޮޑުކުރަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ވަނީ ލަފާ ދީފައެވެ. އައިއެމްއެފްއިން ބުނީ މި ހާލަތުގައި ޖީއެސްޓީއާއު ޓީޖީއެސްޓީ ޓެކްސް ބޮޑުކޮށް ނެގުމުގެ ބަދަލުގައި 2024 ވަނަ އަހަރު ޓެކްސް ބޮޑުކުރުން ރަނގަޅު ކަމަށެވެ.
އަދި 2024 ވަނަ އަހަރުން ފެށިގެން ވެސް ޓެކްސް ބޮޑުކުރަން ބުއްދިވެރީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ހަމައަކަށް އެޅުމުން ކަމަށް ބުނެފައިވެއެވެ. އަދި މަޑުމަޑުން މަރުހަލާތަކަކަށް ބަހާލައިގެން ޓެކްސް ބޮޑުކުރުން ރަނގަޅު ކަމަށާއި އަދި އޭގެ ސަބަބުން އާމްދަނީ ވަރަށް ބޮޑަށް އިތުރުވުން ގާތް ކަމަށް ބުނެފައިވެއެވެ. އޭގެ އިތުރުން ޓީޖީއެސްޓީ ޓެކްސްއާއި ޖީއެސްޓީ ޓެކްސްވެސް ދުރު މުސްތަގުބަލުގައި އެއް ވަރަކަށް ނެގުމަށް ބާރު އަޅާފައި ވެއެވެ.
ހަރަދު ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ސަބްސިޑީ ރިފޯމްކުރަން ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތައްވެސް އިތުރަށް ހަރުދަނާކޮށް، ސަރުކާރުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް މިހާރުވެސް މަސައްކަތް ކުރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.