ހޮސްޕިޓަލް ދޫކޮށް ޓްރަމްޕް ވައިޓް ހައުސްއަށް

ހޮސްޕިޓަލް ދޫކޮށް ޓްރަމްޕް ވައިޓް ހައުސްއަށް

ގުޅުންހުރި

ހޮސްޕޮޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާއަށް ފަރުވާ ދެވެމުން ދިޔަ ވީއައިޕީ ހޮސްޕިޓަލް ދޫކޮށް ވައިޓް ހައުސްއަށް ބަދަލު ވެވަޑައިގެންފިިއެވެ.

ޓްރަމްޕް ހޮސްޕިޓަލް ދޫކޮށް ވައިޓް ހައުސްއަށް ބަދަލު ވެވަޑައިގެންފައިވަނީ އެމެރިކާގެ ރައީސުންނަށް ފަރުވާ ދިނުމަށް ޚާއްސަކުރެވިފައިވާ ވާލްޓަރ ރީޑް މިލިޓަރީ ހޮސްޕިޓަލްގައި ތިން ދުވަސްވަންދެން އެޑްމިޓްކޮށް ފަރުވާ ދިނުމަށްފަހު ހޯމަދުވަހުގެ ރޭގައެވެ.

ވައިޓް ހައުސްއަށް ބަދަލު ވެވަޑައިގަތުމަށްފަހު ޓްރަމްޕް ވިދާޅުވެފައި ވަނީ އެމެރިކާގައި މިހާތަނަށް 210،000 މީހުން މަރުވެފައިވާ އަދި ފަސޭހައިން ގައިންގަޔަށް ފެތުރޭ މިބައްޔާއިމެދު ބިރުވެތިވާންވީ އެއްވެސް ސަބަބެއް ނެތްކަމުގައެވެ. ވައިޓް ހައުސްއަށް ވަޑައިގަތުމަށްފަހު ވައިޓްހައުސްގެ ބެލްކަނީގައި އާންމުކޮށް ފެންނަގޮތަށް ފޮޓޯއަކަށް ހުއްޓިވަޑައިގެން ހުންނަވާ ޓްރަމްޕް އެންމެ ފުރަތަމަވެސް ކުރެއްވި ކަމަކީ އަޅުއްވައިގެން ހުންވި މާސްކް ނަންގަވާ ސެލިއުޓް ކުރެއްވުމެވެ. އަދި އެއަށްފަހު އަމިއްލަފުޅު ޓުވިޓަރ އެކައުންޓުން ވައިޓްހައުސްއަށް ވަޑައިގެންނެވި މަންޒަރު ޓުވީޓް ކުރައްވާ ސަޕޯޓަރުންނަށް ހާލަތު ރަގަޅުވަމުންދާކަމުގެ މެސެޖް ވަނީ ދެއްވާފައެވެ.

ވާލްޓަރ ރީޑް ވީއައިޕީ ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވުމަށްފަހު ޓްރަމްޕް ވައިޓް ހައުސްއަށް ބަދަލު ވެވަޑައިގެންނެވިއިރު، ވައިޓް ހައުސް ވެގެން ގޮސްފައިވަނީ އެތަނުގައި މަސައްކަތް ކުރަމުންދާ އެތަކެއް މުވައްޒަފުން ފާއިތުވެދިޔަ ހަފްތާގައި ކޮވިޑަށް ޕޮޒިޓިވްވި ހޮޓް ސްޕޮޓެއްގެ ގޮތުގައެވެ. މިގޮތުން މިހާތަނަށް، ޓްރަމްޕްގެ އަނބި ކަނބަލުން މެލާނިއާ ޓްރަމްޕްގެ އިތުރުން އެޑްވައިޒަރ ހޯޕް ހިކްސް، ޕްރެސް ސެކެޓްރީ ކެއިލީ މެކާނީއާއި އޭނާގެ އިތުރު ދެ އެސިސްޓެންޓުންގެ އިތުރުން ވައިޓް ހައުސްގައި މަސައްކަތް ކުރާ ތިން ޖާނަލިސްޓަކުވެސް ވަނީ ކޯވިޑް19 އަށް ޕޮޒިޓިވް ވެފައެވެ.

ޓްމްޕް، 74، ފާއިތުވެދިޔަ 72 ގަޑި އިރުގެ ތެރޭގައި ހުން އައިސްފައި ނުވާ ކަމަށާއި އަދި އޮކްސިޖަން ލެވެލް ހުރީ އެއް މިންގަޑެއްގައި ހިފެހެއްޓިފައި ކަމަށް ޓްރަމްޕްއަށް ފަރުވާ ދެމުންދާ ޚާއްސަ މެޑިކަލް ޓީމުން ރިޕޯޓަރުންނަށް މައުލޫމާތު ދީފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *