ކުވައިތުގެ ވަގުތީ ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވި ޝެއިޚް ސަބާހު އަލް ޚާލިދަށްފަހު އެގައުމުގެ ބޮޑުވަޒީރުކަމަށް އައްޔަން ކުރާނޭ ބޭފުޅެއްގެ ގޮތުގައި، ކުވައިތުގެ އަމީރުގެ ދަރިފުޅުގެ ނަން ގާނޫނުހަދާ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
އަމީރުގެ ދަރިފުޅުގެ ނަން ގާނޫނުހަދާ މަޖިލީހަށް ހުށެހެޅިގެން ދިޔައީ، އިންތިޚާބު ކޮށްފައިވާ ގާނޫނުހަދާ މަޖިލީހާ ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުން ތަކުގައި، ވަގުތީ ބޮޑުވަޒީރު ކަމުގައި ހުންނެވި ޝެއިޚް ސަބާހު އަލް ޚާލިދާ ދެމެދުވެސް ބޮޑެތި ޚިލާލުތަފާތުވުންތަކެއް އުފެދިފައި ވަނިކޮށެވެ.
ފާއިތުވެދިޔަ އަހަރުއްސުރެ ކުވައިތުގެ ވެރިޔާ އަދި އެގައުމުގެ އަމީރުގެ ގާނޫނީ ހުރިހާ ޒިންމާތަކާ ހަވާލުވެ ހުންނެވި، ވަލީ އަހުދު ޕްރިންސް ޝެއިޚް މެޝާލް އަލް އަހުމަދު އަލް ސަބާހު، އަމީރުގެ ދަރިފުޅުގެ ނަން ބޮޑުވަޒީރުކަމަށް ހުށަހަޅުއްވާފައިވަނީ ވަނީ، އެގައުމުގެ އަމީރުގެ ޚާއްސަ ގަރާރެއްގެ ދަށުންނެވެ.
ފާއިތިވެދިޔަ މަހު ވަލީއަހުވަނީ ކުވައިތުގެ ގާނޫނުހަދާ މަޖިލިސް އުވާލެއްވުމަށް އޭނާ ނިންމަވާފައިވާކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވެފައިވަނީ އޭނާ އާ އިންތިޚާބަކަށް ގޮވާލައްވާނޭ ކަމަށެވެ. ކުވައިތުގެ ބޮޑުވަޒީރު ބަދަލުކުރުމަށް ވަލީއަހުދަށް ޑިމާންޑް ކުރަމުންދިޔަ، ގާނޫނުހަދާ މަޖިލިހުގެ އިދިކޮޅު ފަރާތްތަކުން ވަނީ ވަލީއަހުދުގެ މި ނިންމެވުމަށް ތާއީދު ކޮށްފައެވެ.
ބޮޑުވަޒީރުކަމަށް ނަން ހުށަހަޅުއްވާފައިވާ، އަމީރުގެ ދަރިފުޅު ޝެއިޚް އަހުމަދަކީ މިހާރުގެ ސަރުކާރުގެ ބޮޑުވަޒީރުގެ ނާއިބުކަމުގެ އިތުރުން އިންޓީރިއަރ މިނިސްޓަރުކަމުގައިވެސް ހުންނެވި ބޭފުޅާއެވެ. އެހެންނަމަވެސް އޭނާ މިމަގާމްތަކުން ފާއިތުވި އެޕްރިލްމަހު އިސްތިއުފާ ދެއްވާފައިވަނީ، ގާނޫނުހަދާ މަޖިލިހުގައި ސަރުކާރަށް އެއްބާރުލުން ނުދިނުމާއި ގުޅޭގޮތުން ނަގަން އޮތް ވޯޓެއްގެ ކުރިންނެވެ.
ވަގުތީ ބޮޑުވަޒީރުކަމުގައި ޝެއުޚް ސަބާހު ހުންނަވަމުން ގެންދަވާފައިވަނީ 2019 ވަނަ އަހަރުން ފެށިގެންނެވެ.
ބޮޑުވަޒީރުކަމަށް ނަން ހުށަހަޅުއްވާގައިވާ، މިހާރު އުމުރުން 60ގެ އަހަރުތަކުގައި ހުންނެވި ޝޭއިޚް އަހުމަދު އޭނާގެ ޚިދުމަތްތައް ފައްޓަވާފައިވަނީ ކުވެއިތުގެ ޕޮލިސް ފޯރސްގެ ތެރެއިންނެވެ. އެއަށްފަހު އޭނާ މަސައްކަތް ކުރައްވާފައިވަނީ ކުވައިތުގެ އިންޓީރިއަރ މިނިސްޓްރީގައެވެ. އޭނާގެ ބައްޕައަށް 2020ވަނަ އަހަރު ކުވެއިތުގެ ވެރިކަން ލިބިވަޑައިގަތުމަށްފަހު އޭނާ އައްޔަން ކުރައްވާފައިވަނީ ކުވައިތުގެ ނޭޝަނަލް ގާޑްުގެ ނާއިބު ކަމުގެ މަގާމަށެވެ.
އޭނާ އިންޓިރިއަރ މިނިސްޓަރަކަށް އަދި ބޮޑުވަޒީރުގެ ނާއިބުގެ މަގާމަށް އައްޔަން ކޮށްފައިވަނީ އޭގެ ކުރިން އެ މަގާމުގައި ހުންނެވި ބޭފުޅާ އިސްތިއުފާ ދެއްވުމއި ގުޅިގެންނެވެ. އެފަހަރު ކުވެއިތުގެ ޑިފެންސް މިނިސްޓަރުވެސް އިސްތިއުފާ ދެއްވާފައި ވެއެވެ. އެ ބޭފުޅުން އިސްތިއުފާ ދެއްވާފައިވަނީ އިންތިޚާބު ކޮށްފައިވާ ގާނޫނުހަދާ މަޖިލިހުން އެއްވެސް އުސޫލެއްނެތި ވަޒީރުންނާ ސުވާލު ކުރަމުންދާކަމަށް ވިދާޅުވެއެވެ.
ކުވައިތަކީ އަރަބި ގައުމުތަކުގެ ތެރެއިން އާންމު ރައްޔިތުންގެ ވޯޓުން މުޅި މަޖިލިސް އިންތިޚާބު ކުރާ ހަމައެކަނި ގައުމެވެ. އަދި ގާނޫނުހަދާ މަޖިލީހަށް ގާނޫނީ ބޮޑެތި ބާރުތަކެއް ލިބިދީފައިވާ، އަދި މިނިސްޓަރުން މަގާމުން ވަކިކުރުމުގެ ބާރު ގާނޫނުހަދާ މަޖިލީހަށް ލިބި ދީފައިވާ ހަމައެކަނި އަރަބި ގައުމުވެސްމެއެވެ.
ކޮމެންޓު ފޮނުވާ